އަބްދުއްރަހީމް އަބްދުﷲ

މިއަދު އެމްޑީޕީގެ ސައިޒަކީ 30 ޕަސެންޓް: އަދުރޭ

މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި ސަަރުކާރު ކޯލިޝަންގެ މިއަދުގެ ސައިޒަކީ 30 ޕަސެންޓް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ ރ. މީދޫގައި މިއަދު ހަވީރު އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓް ލިބުނަސް ވެރިކަމަށް އާދެވޭ ގޮތަށް ރައީސް ނަޝީދު އިސްވެ ހުންނަވާ ގާނޫނުއަސާސީއަށް ގެންނަން މަސައްކަތް ކުރައްވާ އިސްލާހަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ މިއަދުގެ ސައިޒަކީ 30 ޕަސެންޓް ކަމަށެވެ. އެކަން ނިމިގެންދިޔަ ކޮމަންޑޫ ދާއިރާގެ އިންތިހާބުން ސާފުވެފައިވާ ކަމަށެވެ.

ދައުލަތުގެ ހުރިހާ ވަސީލަތަކާއި ކޯލިޝަންގައި އޮތް ހުރިހާ ޕާޓީތަކަކާއި އަދި ދެ ދައުލަތުން މަސައްކަތް ކޮށްގެންވެސް 50 ޕަސެންޓް ވޯޓް ލިބިފައި ނުވުމަކީ ރައްޔިތުންގެ ތާއީދު ނެތްކަން އެމްޑީޕީއަށް ކަށަވަރުވީ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީސް އެއްވެ ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓް ލިބުނަސް ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފެށީ އެ ސަބަބާއި ގުޅިގެން ކަމަށް ވިދާޅުވިއެވެ.

"އިމްރާނަށްވެސް ސޯލިހަށްވެސް އަދި ދެން ތިއްބެވި ބޭފުޅުންނަށްވެސް ވެގެން މި އުޅޭ ގޮތަކީ އެ މީހުންގެ ސައިޒު، ކޮމަންޑޫ ދާއިރާގެ އިންތިހާބުން ވަރަށް ރަނގަޅަށް ހާމަވެގެން ދިއުން. އެެހެންވީމަ އަވަސް އަރުވާލާފައި ގައުމީ މަޖިލީސް ބާއްވާފައި ތިރީސް އިންސައްތައިން ވެރިކަމަށް އަންނަން އެ ނިންމީ އެ މީހުންގެ ސައިޒު އެނގޭތީ. ދިވެހިރާއްޖޭގައި މިއަދު އެ މީހުންގެ ސައިޒަކީ ތިރީސް ޕަސެންޓް. އެހެންވީމަ ތިރީސް ޕަސެންޓުން ވެރިކަމަށް އަންނަން ވެގެން ގާނޫނު އަސާސީ އިސްލާހު ކުރަން އެ މަސައްކަތް ކުރަނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިރީސް ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތަށް ހެދިޔަސް އިރާދަކުރެއްވިއްޔާ ދެން މި ގައުމުގެ ވެރިކަމާ ކުޑަ ބޭރުވެސް އެމްޑީޕީއަކަށް ނޭރުވޭނޭ. ރައްޔިތުން ތިބީ އެޔަށްވުރެ ހޭލާ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވާން ޖެހޭ ކަމަށެވެ.

ނަމަވެސް އެފަދަ އިން އަމަލު ކުރެވޭނީ 30 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓަކު ވޯޓް ހޯދައިފި ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަ ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށެވެ.

ނަޝީދު ވިދާޅުވީ އެ އުސޫލަށް ގާނޫނުއަސާސީ ބަދަލު ކުރުން މުހިންމު ވަނީ އެމްޑީޕީން އަބަދަށް ވެރިކަމުގައި ތިބުމަށެވެ.

"އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް އަޅުގަނޑުމެން ބަދަލުވުން. 'ޕަސްޓް ޕާސް ދަ ޕޯސްޓް' އަށް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ބަދަލުވުން. އެހެން ނަމަވެސް 30 ޕަސެންޓަށް ވުރެ ދަށްވެއްޖެނަމަ އަލުން އަނބުރާ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބޭއްވުން. އެ އުސޫލަށް ގާނޫނު އަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފާހަގަ ވާނެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މިރާއްޖޭގައި އަބަދަށްމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށްވެސް އޮތުމަށް އެ ގޮވަމުންދާ ގޮތުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.