ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ އުސޫލެއް ގަބޫލުކުރާ ބައެއް ނޫން ކަމަށް ވިދާޅުވެ އެ ޕާޓީއަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ޕާޓީއަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޅ. ކުރެންދޫއަށް މިއަދު ވަޑައިގެން އެ ރަށުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބުތަކުން ކާމިޔާބު ހޯދުމަށް ކަމަށެވެ.
އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ލިބުމުންވެސް ރައްޔިތުންނާއި ގައުމަށް ފައިދާވާނެ ކަމެއް ކޮށްދެވިފައި އޮތްތޯ ނުވަތަ ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި ވައުދެއް ފުއްދިފައިވޭތޯ ސުވާލުކޮށްލުމަށް އެދިވަޑައިގެންނެވިއެވެ.
ޔާމީން ވަނީ ޅ. ކުރެންދޫ ބޭރުން ކަނޑުން 1000 ގޯތި ދެވިދާނެ ކަމަށް ޓޫރިޒަމާއި ހައުސިންގެ ބޭނުމަށް ރާއްޖޭގައި ތަރައްގީ ކުރާ "ފްލޯޓިން ސިޓީ" ހަދާ ނެދަލެންޑްސް ޑަޗް ޑޮކްލޭންޑް ކުންފުނިން ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ކުރެންދޫގައި ވިދާޅުވި ވިދާޅުވުމަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ އިންތިހާބަކުން މޮޅުވާންވެސް އެމްޑީޕީން ދައްކާނީ އެފަދަ ވާހަކަތައް ކަމަށެވެ. އެހެން ކަމުން ރައްޔިތުން ހޭވެރިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އުސޫލެއް ގަބޫލުކުރާ ބައެއް ނޫން އެމްޑީޕީއަކީ. ލައްކަ ގިނަ ވާހަކަ، ލައްކަ ގިނަ ރަނގަޅު ވާހަކަ ރައްޔިތުންނަށް ވިއްކައިގެން ވެރިކަމަށް އަންނަނީ. ވެރިކަމަށް އައުމަށް ފަހު ހުރިހާ އުސޫލުތަކެއް މުގުރާލާފައި އެންމެ ހުދުމުހުތާރުކޮށް ވެރިކަން ކުރަން މިހާތަނަށް ކޮށްފައި ތިބި ބަޔަކީވެސް އެމްޑީޕީ،" ޔާމީން ވިދާޅުވިއެވެ.