ހަބަރު

24 ވަނަ ދުވަހު މުޒާހަރާ ކުރަން ހުއްދައެއް ނުދެން: ފުލުހުން

އަންނަ ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ރާވަމުން އަންނަ މުޒާހަރާ ކުރުމަށް ހުއްދަ ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އަންނަ ހޯމަ ދުވަހު އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ގުޅިފައިވާ އިދިކޮޅު ޕާޓީތަކަށް ސިޔާސީ އެއްވުމެއް ބޭއްވުމުގެ ހުއްދައެއް ދީފައި ނުވާނެ ކަމަށާއި އެފަދަ ހަރަކާތެއްގައި އެއްވެސް ފުލުހަކު ބައިވެރި ނުވާނެ ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އެއްވެސް އެއްވުމެއް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ނަމަވެސް ދާދި ދެންމެ އަކު އިދިކޮޅު އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ މާދަމާ ރޭ މ. ކުނޫޒުގައި ބާއްވާ ޖަލްސާ އާއި ހޯމަ ދުވަހު އެއްވުމެއް ބާއްވަން ފުލުހުންގެ އިސްވެރިން ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެ އެއްވުމަށް ވީހާވެސް ގިނަ ބަޔަކު އެ ދުވަހު ހެނދުނު 9:00 އަށް އެމްޑީޕީ އޮފީސް ދޮރުމައްޗައް އައުމަށް މަހުލޫފް ގޮވާލި އެވެ.

އިދިކޮޅު ފަރާތްތަކުން މި އެއްވުން ބާއްވަން ނިންމީ އެ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ބޭއްވުމަށް ގޮވާލުމަށާއި ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތުމަށް ގޮވާލައި އަޑުއުފުލުމަށެވެ.