ގއ. ކޮލަމާފުއްޓަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ވަޑައިގެންނެވުން ފަސްކުރުމަށް ފުލުހުން އެދިފައިވީ ނަމަވެސް އެކަން ނުކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
އިބޫގެ ދަތުރު ފަސްކުރުމަށް ފުލުހުން މިއަދު އެދިފައިވަނީ ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު އިއްޔެ ގއ. ކޮލަމާފުށީގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެންނެވެ.
ކޮލަމާފުށީގެ ހަމަނުޖެހުން ހިނގީ އިބޫގެ ދަތުރަށްޓަކައި އެމްޑީޕީ ސަޕޯޓަރުން ރަށު ތެރެ ޒީނަތްތެރި ކުރުމުގެ ތެރޭގައި ޕީޕީއެމްގެ ދިދަފަތިތަކަކާއި ބެނާތަކެއް ކަނޑާލި ކަމަށް ބުނެ އެވެ. އެކަމާ ގުޅިގެން ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި މާރާމާރީ ހިނގާ އެކި ވަރުގެ އަނިޔާ ވެސް ލިބުނެ އެވެ. އަދި ޕީޕީއެމްގެ ބައެއް ކެމްޕޭން ޖަގަހަތަކަށް ވެސް ގެއްލުން ދިން ކަމަށް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ކޮލަމާފުށިން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިހާތަނަށް ބުނެފައިވެ އެވެ.
މިއަދު މެންދުރުފަހު ފުލުހުންގެ އިދާރާގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން، އަހުމަދު ޝިފާން ވިދާޅުވީ، އިއްޔެ އެ ރަށުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން، އެ ރަށުގެ ސަލާމަތީ ކަންކަން އެކަމަށް ތަން ނުދޭ ކަމަށެވެ. އަދި އެހެން ކަމުން، އިދިކޮޅު ކެންޑިޑޭޓް މިވަގުތު އެ ރަށަށް ވަޑައިގަތުން ރައްކާތެރި ކަމަކަށް ނުވާނެތީ އެ ރަށަށް ދަތުރު ނުކުރުމަށް އިބޫގެ ކިބައިން ފުލުހުން އެދެފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅި ކޯލިޝަންގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ މިއަދު ވިދާޅުވީ، އެއީ ފުލުހުންގެ ވަރަށް ޒިންމާދާރުކަން ކުޑަ އެދުމެއް ކަމަށެވެ. ކެންޑިޑޭޓްގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފްއިން ކަމަށާއި ކޮލަމާފުށީގައި އިބޫއަށް ރައްކާތެރިކަން ނެތް ކަމަށް ފުލުހުން ބުނުމަކީ އެމްއެންޑީއެފްގެ އަގު ވެއްޓޭ ކަމެއް ކަމަށެވެ. ކޮލަމާފުށީގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން މިހާތަނަށް އެމްއެންޑީއެފްއިން އިރުޝާދެއް ދީފައިނުވާ ކަމަށެވެ. އަދި އިބޫއަށް އެމްއެންޑީއެފްއިން ސެކިއުރިޓީ އިތުރުކޮށްފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
ގއ. އަދި ގދ. އަށް މާދަމާ އިބޫ ދަތުރު ފައްޓަވާއިރު އެ ދަތުރަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވީ، ދަތުރުގައި ވަޑައިގަންނަވާ ރަށްތަކުގެ ތަރުތީބަށް ވެސް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ، ކެންޑިޑޭޓް ރަށްރަށަށް ދަތުރު ކުރައްވަނީ ތާއިދު އިތުރު ކުރެއްވުމަށް ކަމަށާއި ކޮލަމާފުއްޓަށް ވެސް ވަޑައިގަންނަވަނީ އެ މަގުސަދުގަ ކަމަށެވެ. އެހެންވެ އިބޫގެ ދަތުރަށް ފުލުހުންނަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.