އަހުމަދު ޝިޔާމް

ފުލުހުންގެ ބިލް ފާސްކުރިއަސް އަލުން އިސްލާހު ކުރާނަން: ޝިޔާމް

އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ފުލުހުންގެ ގާނޫނު ހުށައަޅާ ފާސްކުރި ނަމަވެސް ފުލުހުންނަށް ނިކަމެތިކަން ލިބޭ ގޮތަށް ގެންނަ ބަދަލުތައް ޕީޕީއެމްގެ ވެރިކަމެއްގައި ބަދަލު ކުރާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް ހުށަހެޅެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެ ބިލާއި ގުޅިގެން ފުލުހުންނަށް އަމާޒުކޮށް އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަތައް ދައްކަވާފައެވެ. އަދި ފުލުހުންގެ ކުލައާއި ފުލުހުންގެ އިދާރާގެ ނަމާއި، ޔުނީފޯމްވެސް ބަދަލު ކުރަންޖެހޭ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.

އަދި ފުލުހުން މަގުމައްޗަށް ނެރެންވާނީ ވަރަށް "ނިކަމެތި" ގޮތެއްގައި "ހުތުރު" ސިފައެއްގައި ފެންނަ ގޮތަށް ކަމަށް ވިދާޅުވެވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވި އެވެ. އެގޮތުން ފުލުހުންނަކީ ސޯޓުލައިގެން ދަނޑިބުރިއެއް ދީފައި މަގުމައްޗަށް ނެރެން ޖެހޭ ބައެއް ކަމަށާ ފުލުުހުން އަރުވަންވީ ހަންގަނޑެއްފަދަ ބޫޓަކަށް ކަމަށްވެސް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާ މަޖިލީހުގައި އިދިކޮޅު ތަމްސީލް ކުރާ އިސް މެންބަރެއް ކަމުގައިވާ އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ފުލުހުންގެ ކުލަ ބަދަލުކޮށް، ސޯޓުބުރި ލައްވާ ރަބަރުގަނޑަކަށް އަރުވާފައި މާލެ މަގުމައްޗަށް ނެރެވިދާނެ ކަމަށެވެ. އަދި މުއައްސަސާގެ ކުލަތައް ބަދަލުކޮށް ފުލުހުންގެ ދައުރު ހަނިކޮށް، ބާރުތައް ހިތުހުރި ތާކަށް ޖަމާކޮށް ފުލުހުންގެ މަރުކަޒުގެ ނަން "ބާޢީ"ންގެ ނަމަށްވެސް ބަދަލު ކުރެވިދާނެ ކަމަށެވެ.

"ފުލުހުން ގާނޫނީ ޒިންމާ އަދާކުރުން މަތީ ދެމި ތިބޭނެކަން ޔަގީން. މާތްﷲގެ އިރާދަފުޅާއެެކު މި ނޫން ދުވަހަކާ ދިވެހިން އަދި ބައްދަލުކުރާނެ. އެ ދުވަހަކުން ފުލުހުންނަށް ހައްގު މަގާމު ލިބި، ގާނޫނުގެ ފުރިހަމަ ބާރުވެސް ލިބޭނެ. މާޔޫސްނުވޭ، އަޅުގަނޑުމެން އެބަ އަންނަން، އިންޝާﷲ،" ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް މަޖިލީހުގައި ކުރިއަށް ގެންދިއަ ބަހުސް، މިދިއަ އަންގާރަ ދުވަހު ނިމުމަކަށް ގެންނަވަމުން، ނަޝީދު ވިދާޅުވީ، ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަން ބަދަލު ކުރުމަށް ބިލުގެ ބަހުސްގައި މެމްބަރުން ހުށަހަޅާފައިވާ ކަމަށެވެ.

"މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެން ނަމެއް ވެސް ބޭނުން ވެޔޭ، އެހެން ކުލައެއްވެސް ބޭނުން ވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެން ތަނެއްގައޭ، މިދިޔަ ހުރިހާ ދުވަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" ނަޝީދު ވިދާޅުވި އެވެ.