ހަބަރު

އިންތިހާބަށް ފޯމް ހުށަހަޅަންޖެހޭނީ މައި އޮފީހަށް: މައުމޫން ފެކްޝަން

ލޯކަލް ކައުންސިލް އިންތިހާބާބެހޭ ހުރިހާ ކަމެއް ކުރާނީ ޕީޕީއެމްގެ އިންތިހާބާބެހޭ ކޮމެޓީން ކަމަށާއި އެ ކޮމެޓީގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ދަނީ ހ. ތެމާގައި ހުންނަ މައި އޮފީހުގައި ކަމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވާ ފެކްޝަނުން މިއަދު ބުނެފި އެވެ. އެ ފެކްޝަނުން ވަނީ ހުރިހާ ފޯމެއް ވެސް އެ އޮފީހަށް ހުށަހެޅުމަށް އަންގާފަ އެވެ.

މައުމޫން ފެކްޝަނުން މިހެން ބުނެފައިވާއިރު، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ފެކްޝަނުން ވަނީ ކައުންސިލް އިންތިހާބާ ގުޅޭ ކަންކަން ކުރުމަށް އާ އޮފީހެއް ދަރުބާރުގޭގައި ހުޅުވުމަށް ނިންމާފަ އެވެ. އަދި އެ އޮފީހަށް ފޯމް ހުށަހަޅަން ހުޅުވާލަން ނިންމާފަ އެވެ.

ޕީޕީއެމް މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރު އަލީ ރަޝީދު ވިދާޅުވީ، އިންތިހާބުތަކާ ގުޅޭ ހުރިހާ ކަމެއް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އެ ކޮމެޓީއަށް ކަމަށެވެ. އެގޮތުން ގައުމީ އިންތިހާބުތަކުގައި ޕީޕީއެމް ތަމްސީލުކުރުމާ ބެހޭ ގަވައިދުގެ ތިންވަނަ މާއްދާގެ (ށ) ގައި ގައުމީ އިންތިހާބުތަކުގައި ވާދަކުރާނެ ޕީޕީއެމްގެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގެ އިންތިހާބީ ވިލަރެސްވެރިޔާއަކީ ޕީޕީއެމްގެ އިންތިހާބު ކޮމެޓީގެ ރައީސް އެވެ. އަދި އިންތިހާބީ އެންމެހާ ކަންކަން ވިލަރެސްކުރާނީ އިންތިހާބު ކޮމެޓީން ކަމަށް ވަނީ ބުނެފަ އެވެ.

ކެނޑިޑޭޓުންނަށް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލުމުގެ މަސްއޫލިއްޔަތު ވެސް ހަވާލުކޮށްފައިވަނީ އިންތިހާބީ ކޮމެޓީއަށެވެ. އަދި އެކަން ނިންމަން ޖެހޭނީ ޕާޓީގެ މައި އޮފީހުން އެ ޕާޓީގެ ރަޖިސްޓްރާ ކަމަށް ވެސް ބުނެފައިވެ އެވެ. ޕީޕީއެމްގެ އިންތިހާބީ ކޮމެޓީއަކީ އެންމެ ފަހުން ބޭއްވި ގައުމީ ޖަލްސާގައި އިންތިހާބު ކޮށްފައިވާ ކޮމެޓީއެކެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ވެސް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުންދާއިރު އެ ފެކްޝަނުން ބުނަނީ ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކައުންސިލުން ވަކި ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އަލީ ރަޝީދު ވިދާޅުވީ، ކައުންސިލުން ކޮމެޓީއެއް އެކުލަވާލި ކަމަށާއި ނަމަވެސް އެއީ އިންތިހާބުގެ ކެމްޕެއިންނާ ގުޅޭ ކަންކަމާ ގުޅިގެން ލަފާ ދިނުމަށް އެކުލަވާލި ކޮމެޓީއެއް ކަމަށެވެ. ގަވައިދުން ހުރިހާ އިންތިހާބެއްގެ ކަންކަން ރާވައި އިދާރީ މަސައްކަތްތައް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އިންތިހާބީ ކޮމެޓީއަށް ކަމަށެވެ.

މައުމޫން ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި އައްޔަންކޮށްފައިވާ އެސްޖީ އަބްދުލް އަލީމް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް ޓިކެޓް ދޫކުރާނީ ޕާޓީގެ ރައީސް މައުމޫން ސޮއި ކުރެއްވުމަށްފަހު ކަމަށެވެ. ގަވައިދާ އެއްގޮތަށް އިންތިހާބުގެ ކަންކަން އެ ފެކްޝަނުން ކުރަމުންދާއިރު އަލީމް ވިދާޅުވީ، އެ އޮފީހަށް ހުށަނާޅާ، އެހެން އޮފީހަކަށް ހުށަހަޅާ ފޯމްތަކުގެ ޒިންމާ ޕާޓީ އޮފީހަށް ނުނެގޭނެ ކަމަށެވެ. އަލީމް ވިދާޅުވި ގޮތުގައި އެ އޮފީހަށް މިހާރު ވެސް 250 އަށްވުރެ ގިނަ ފޯމް ވަނީ ހުށަހަޅާފަ އެވެ.