ބޭރު ކުޅިވަރު

ލޮރިސް ޓޮޓެންހަމް ސަލާމަތްކޮށްދިންއިރު ރެއާލް އަށް ފަސް ލަނޑުގެ މޮޅެއް

ބަޔާން ލެވަކޫސަންން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށް ޓޮޓެންހަމުގެ ކީޕަރު ހޫގޯ ލޮރިސް އެ ޓީމަށް ޕޮއިންޓެއް ހޯދައިދީފި އެވެ.

މި މެޗުގައި ލޮރިސް ވަނީ ލެވަކޫސަންގެ ނުރައްކާތެރި ހަ ހަމަލާއެއް ދިފާއުކޮށްފަ އެވެ. މީގެ ތެރެއިން ހާވިއާ ހަނާންޑޭޒް ޖެހި ނުރައްކާތެރި ފްރާންސްގެ ކީޕަރު ސަލާމަތްކުރީ ގޯލް ރޮނގުމަތިންނެވެ.

"މިކަހަލަ މެޗުތަކުގައި ކޮންމެވެސް ވަރަކަށް ނަސީބުވެސް ބޭނުންވޭ އެފަދަ ސޭވްތައް ކުރަން. އަހަރެންނަށް މިފަހަރު މިއޮތީ ސޭވްތަކެއް ކުރެވިފައި. އެކަމަކު އަހަރުމެންނަށް ފުރަތަމަ ހާފުގައި ގޯލުޖަހަން ފުރުސަތުލިބުނު. ގޯލެއް ޖެހުނުނަމަ މެޗު ތަފާތުވީސް،" މެޗަށް ފަހު ލޮރިސް ބުންޏެވެ.

ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޕޮއިންޓަކުން އޭނާ ހިތްހަމަޖެހޭ ކަމަށާއި މިއީ އުނދަގޫ މެޗެއް ކަމަށެވެ.

"ފުރަތަމަ ހާފުގައި އަހަރުމެންނަށް ލަނޑު ޖެހެންވާނެ. އެކަމަކު އެކަން ނުކުރެވިދިޔައީ. ޖުމުލަކޮށް މެޗަށް ފަހު އަހަރެން ވިސްނާލިއިރު މިއީ ގޯސްނަތީޖާއެއްނޫން. އަހަރުމެންނަށް އެޑްވާންޓޭޖް އޮތީ މިއީ ރަށުން ބޭރުގައި ކުޅުނު މެޗަަކަށްވީމަ،" ކޯޗު ބުންޏެވެ.

މި މެޗުން އެއްވަރުވުމުން ޓޮޓެންހަމް އޮތީ ހަތަރު ޕޮއިންޓާއެކު ޓޭބަލުގެ ދެ ވަނާގަ އެވެ. ލަވަކޫސަން އޮތީ ތިން ޕޮއިންޓާއެކު ތިން ވަނާގަ އެވެ. އެއްވަނާގައިވަނީ ފަސް ޕޮއިންޓާއެކު މޮނާކޯ އެވެ. ދެ ޕޮއިންޓާއެކު ޓޭބަލުގެ ފުލުގައި އޮތް ސީއެސްކޭއާ ދެކޮޅަށް ކުޅޭ ރޭ މޮނާކޯ އެއްވަރުވީ 1-1އިންނެވެ.

ރެެއާލް ފަސް ލަނޑުން މޮޅުވުން:

ޗެމްޕިއަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވީ ލެގިއާ ވާސޯ އަތުން 5-1އިންނެވެ.

ފުރަތަމަ ލަނޑު ޖެހީ 16 ވަނަ މިނިޓްގައި ގެރެތް ބޭލް އެވެ. ދެ ވަނަ ލަނޑަކީ 20 ވަނަ މިނިޓްގައި ލެގިއާ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ޖެހި ގޯލެކެވެ. އޭގެ ފަހުން ލަނޑު ޖެހީ މާކޯ އަސެންސިއޯ އާއި ލޫކަސް ވަޒްކުއޭޒް އަދި ބަދަލު ކުޅުންތެރިޔާ އަލްވާރޯ މޮރާޓާ އެވެ. ލެގިއާގެ ހަމައެކަނި ގޯޅު ޖެހީ 22 ވަނަ މިނިޓްގައި މިރޮސްލާވް ރަޑޮވިޗެވެ.

މި ގްރޫޕުގައި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާއި ސްޕޯޓިން ކުޅުނު 2-1އިން ކާމިޔާބުކުރީ ޑޯޓްމުންޑެވެ. މި ނަތީޖާއެކު ގްރޫޕުގެ އެއްވަނާގައި އޮތީ ފައިދާ ގޯލުގެ ތަފާތުން ޑޯޓްމުންޑެވެ. ރެއާލް އާއި ޑޯޓްމުންޑަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ސްޕޯޓިން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ލެގިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.