ބޭރު ކުޅިވަރު

ސިޓީ އަކީ މިހާރު ބާސެލޯނާ ފަދަ ޓީމެއް: ޕީކޭ

މެންޗެސްޓާ ސިޓީ އަކީ މިހާރު ބާސެލޯނާ ފަދަ ޓީމެއް ކަމަށާއި ޗެމްޕިއަން ލީގުގައި މިރޭ ސިޓީ ބަލިކުރަން އުނދަގޫވާނެ ކަމަށް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.

"އެއީ (ކުރީގެ ކޯޗު) މެނުއަލް ޕެލެގްރީނީގެ ޓީމެއްނޫން. ޕެޕް (ގާޑިއޯލާ) ވަނީ ސިޓީ ވަރަށް ބޮޑަށް ބަދަލުކޮށްލާފައި. އެމީހުން ބަލިކުރަން އުނދަގޫވާނެ. އަހަރުމެންނާ ސިޓީ ކުޅޭގޮތް ވަރަށް އެއްގޮތް. އެމީހުން ވެސް މިހާރު ވަރަށް ބޮޑަށް ޕްރެސްކުރޭ. އަހަރުމެންނަށް މި މެޗު އެންމެ އުނދަގޫވާނީ ޕެޕްގެ ސަބަބުން. އޭނާ އަށް އަހަރުމެން ކުޅޭގޮތް ވަރަށް ރަނގަޅަށް އެނގޭނެ،" ޕީކޭ ބުންޏެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ގާޑިއޯލާ އަށް ޕީކޭ ވަރަށް ބޮޑަށް ތައުރީފް ވެސް ކޮށްފަ އެވެ.

"އަހަރެން ބުނަން އޮތީ މުޅިން ޕޮޒިޓިވް ވާހަކަ އޭނާ އަށް. އަހަރެން ވަރަށް ޝުކުރުވެރިވަން އަހަރެން މެންޗެސްޓާ ޔުނައިޓެޑުގައި ނުކުޅެ ހުއްޓައި އޭނާ އަހަރެން ބާސެލޯނާ އަށް ގެނައުމުން. އަހަރެންނަށް ވިސްނައިދީ އަހަރެންގެ ވިސްނުން ބަދަލުކޮށްލީ އޭނާ. އަދިވެސް ގާޑިއޯލާ އަކީ އަހަރެންނަށް ވަރަށް ކަމުދާ ކޯޗެއް. އަހަރުމެން އެތައް ކާމިޔާބީއެއް ހޯދާ ހުރެގެން،" ޕީކޭ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ އަށް ކުރީގެ ކޯޗުގެ މާޔޫސްކޮށްލެވިދާނެ ކަމަށެވެ.

"މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ. ބަލާނެ ކަމެއްނެތް އޭނާ ފިޓްވެފައިވަނީ 100 ޕަސެންޓްތޯ ނުވަތަ 10 ޕަސެންޓްތޯ. އޭނާ ދަނޑުމަތީގައި ހުރެފިނަމަ ނަތީޖާ ނެރޭނެ. އާޖެންޓީނާ މޮޅުނުވުމަކީ އޭނާގެ މައްސަލައެއްނޫން. އޭނާ ވަށައިގެން ޓީމު މޮޅަށް ކުޅެންޖެހޭނެ. އެއިރުން އޭނާ ނަތީޖާނެރޭނެ. އަހަރުމެން އެންމެން ޖެހޭ މި މެޗުގައި މޮޅަށް ކުޅެން. މެސީ ހުރިނަމަ އަހަރުމެންނަށް އުއްމީދެއް އޮންނާނެ،" ޕީކޭ ބުންޏެވެ.