ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ މެންޗެސްޓާ ސިޓީ 4-0އިން ބަލިކޮށް، ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އުއްމީދުތައް ލަޔޮނަލް މެސީ ފުނޑުފުނޑުކޮށްލައިފި އެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ އަނިޔާއިން ސަލާމަތްވެގެން މި މެޗުގައި ފުރަތަމަ 11ގައި ކުޅުނު މެސީ އެވެ. ދެ ޓީމު ވެސް ދާދި ހަމަހަމަކޮށް ކުޅުނު ފުރަތަމަ ހާފުގައި އޭނާ ޖެހި ގޯލަށް ފަހު ސިޓީ އަށް މައްސަލަތައް ދިމާވީ ފަހު ހާފު ފަށައިގެން 53 ވަނަ މިނިޓްގައި ކީޕަރު ކްލައުޑިއޯ ބްރާވޯ އަށް ރަތްކާޑު ދެއްކުމުންނެވެ. މި ސީޒަން ފެށުމާއެކު ބާސެލޯނާ ދޫކޮށް ސިޓީ އަށް ބަދަލުވި ޗިލީގެ ކީޕަރަށް ރަތްކާޑު ދެއްކީ އޭނާ ދޭން އުޅުނު ފާހެއް ރަނގަޅަށް ފޮނުވާލި ނުލިބި ލުއިސް ސުއަރޭޒް ގޯލަށް ޖެހުމުން ޕެނަލްޓީ އޭރިޔާގެ ބޭރުން ބޯޅައިގައި އަތްލުމުންނެވެ.
"އަހަރެން އޭނާ (ބްރާވޯ)އާ ވާހަކަ ދެއްކިން. އޭނާ ހުރީ (ރަތްކާޑު ދެއްކުމުން) ވަރަށް ދެރަވެފައި. މިއީ ފުޓްބޯޅައިގެ ބައެއް. އަހަރުމެން ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނުން. ރަތްކާޑު ދެއްކުމާ ހަމައަށް މެޗު އޮތީ ވަރަށް އޯޕަންކޮށް. ވަރަށް ހަމަހަމަކޮށް. އެކަމަކު އެހިސާބުން މެޗު ނިމިއްޖެ. އެކަމަކު އަހަރެންގެ ކޯޗުކަމުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް އަހަރެން ބަލާނަން ކީޕަރާ ހިސާބުން ޕާސްކުރަން. އެއީ ފުޓްބޯޅައިގައި މިހާރު ކުރަންޖެހޭ ކަމެއް،" ގާޑިއޯލާ ބުންޏެވެ.
މެޗުގައި މެސީ ހެޓްރިކެ ހެދީ ފާއިތުވެދިޔަ ދެ އަހަރު ބާސެލޯނާގައި ކުޅުނު ބްރާވޯ އަށް ރަތްކާޑު ދެއްކުމަށްފަހު އެވެ. ނަމަވެސް އޭގެ ކުރިން ބާސެލޮނާގެ ޖެރާޑް ޕީކޭ އާއި ޖޯޑީ އަލްބާ އަށް އަނިޔާވެގެން ބާލަންޖެހުނެވެ. އަދި މެޗުގެ 73 ވަނަ މިނިޓްގައި ޑިފެންޑަރު ޖެރެމީ މެތިއުއަށް ދެއްކި ރަތްކާޑާއެކު ދެ ޓީމުގެ ކުޅުންތެރިންގެ އަދަދު 10 އަށްތިރިވި އެވެ.
ބާސެލޯނާގެ ފަހު ލަނޑު ޖެހީ މެސީ ދިން ޕާހަކުން ބްރެޒިލްގެ ނޭމާ ސަންޓޯސް އެވެ. އެކަމަކު އޭގެ ކުރިން އޭނާ ވަނީ ޕެނަލްޓީ އޭރިޔާ ތެރެއަށް މެސީ ވައްޓާލުމުން ލިބުނު ޕެނަލްޓީ ނަގާލައިފަ އެވެ.
ގާޑިއޯލާ ބުނީ ބާސެލޯނާގައި ތިބީ މޮޅު ކުޅުންތެރިން ކަމަށާއި ނަމަވެސް ފުރަތަމަ ހާފުގައި އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ސިޓީ ދެއްކި ކުޅުމަށް ތައުރީފްކުރާ ކަމަށެވެ.
"އަހަރުމެން މެޗުތެރޭގައި ތިބީ ރަތްކާޑު ދައްކަންދެން. އަހަރުމެން ކުރިއަށް ޕްރެސްކުރީ ވެސް. ޕޮޒިޝަން ހިފަހައްޓަމުން އައީ ވެސް އަހަރުމެން. ޗާންސް ވެސް ލިބުނު. އެކަމަކު މެޗުން މޮޅުވާން ބޭނުންނަމަ ލިބޭ ޗާންސްތައް ބޭނުން ކުރަންޖެހޭ. ބާސެލޯނާއަކީ މޮޅު ކުޅުންތެރިންތަކެއް ތިބި މޮޅު ޓީމެއް. އަހަރުމެންނަށް އެނގޭ ފުރަތަމަ މިނިޓުން ފެށިގެން ވެސް މިއީ ވަރުގަދަ މެޗަކަށްވާނެކަން. މިހާރު އަހަރުމެންނަށް އޮރީ ސައުތެމްޓަން މެޗަސް ތައްޔާރުވުން،" ގާޑިއޯލާ ބުންޏެވެ.
މި މެޗުން މޮޅުވުމުން ބާސެލޯނާ ޓޭބަލުގެ އެއްވަނާގައިވަނީ ނުވަ ޕޮއިންޓާއެކުގަ އެވެ. ސިޓީ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު މޮންޗެންގްލަޑަބަޗަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެ ޓީމު ރޭ ސެލްޓިކް އަތުން މޮޅުވީ 2-0އިންނެވެ.