ބޭރު ކުޅިވަރު

އަހަރެން، މެސީއަކަށް ނުގުޅަން: ގާޑިއޯލާ

މެންޗެސްޓާ ސިޓީއާ ހަވާލުވެ އެކުލަބަށް ބާސެލޯނާގެ ތަރި ލަޔޮނަލް މެސީ ގެންދިއުމަށް ކުޅުންތެރިޔާއާ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ބަސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާގެ ޔޫތު ޓީމާއި ސީނިއާ ޓީމުގައި ވެސް މެސީ އަށް ކޯޗުކޮށްދިން ގާޑިއޯލާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުތުމުގެ ކުރިންނެވެ.

"މިދިޔަ ހޫނު މޫސުމުގެ ވާހަކަ ދައްކަންޏާ ބުނެވޭނީ އަހަރެން މެސީ އަށް ނުގުޅަމޭ. އަހަރެން ނުގުޅަން ނޭމާ އަށް ވެސް. އަދި ލުއިސް ސުއަރޭޒަށް ވެސް ނުގުޅަން. އިނިއެސްޓާ އާއި ބުސްކެޓްސް އަށް ވެސް ނުކުޅަން. އެކަމަކު ޓާސްގެޓަންއާ ބެހެ ގޮތުން ބުނަން ޖެހެނީ އަހަންނަށް އެނގޭ އޭނާ ކުޅެން ބޭނުންވެފައި ހުރިކަން. އަހަރެން ކުޅުންތެރިއަކަށް ގުޅިނަމަ އެއީ ވަރަށް ހާއްސަ ކަމަކާ ގުޅިގެން ކުރިކަމެއް. ޓާސްޓެގަންއާ އަހަރުމެންނާ ގުޅުނު. އަހަރުމެން ތިބީ ކްލައުޑިއޯ ބްރާވޯ ނުވަތަ ޓާސްޓެގަން ފަދަ ކީޕަރަކަށް ބޭނުންވެފައި،" ބާސެލޯނާގެ ކުޅުންތެރިން ސިޓީ އަށް ގެންދިއުމަށް ގާޑިއޯލާ މަސައްކަތް ކުރިކަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ނަމަވެސް މެސީ އެހެން ކުލަބަކަށް ދާން ބޭނުންވެއްޖެނަމަ އޭނާ އަށް ބިޑްކުރާނެ ކަމުގެ އިޝާރާތެއް ވެސް ގާޑިއޯލާ ވަނީ ދީފަ އެވެ.

"އަހަރެން އެދެނީ އޭނާ މިތަނުގައި ކެރިއަރު ނިންމަން. އެކަމަކު އޭނާ އެހެންގޮތެއް ބޭނުންވެއްޖެނަމަ އެކަމާ ވިސްނިދާނެ. އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ވެސް ވާދައިން ފަހަރުގައި އޭނާ ބޭނުންވެދާނެ އޭނާގެ ކުދިން އިނގިރޭސި ބަހުން ވާހަކަ ދައްކަން. ނުވަތަ އެހެން ތަޖުރިބާއެއް ކޮށްލަން. އޭނާ ދާން ބޭނުންވެއްޖެނަމަ ޔަގީން ހަތެއްނޫނީ އަށް ކުލަބު އޮންނާނެ އެކަމަށް ބޭނުންވެފައި. ގޮތެއް ނިންމާނީ އޭނާ،" ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާ އަށް ކުޅެ އެކުލަބުގެ ކެޕްޓަންކަންކޮށް، ފަހުން ކޯޗެއްގެ ގޮތުގައި ހަތަރު އަހަރުތެރޭގައި 14 ހޯދި ގާޑިއޯލާ ބުނީ ބާސެލޯނާ އަށް ދުނިޔޭގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

"އަހަރެން މެސީއާ ބެހޭ ގޮތުން ބުނަންޖެހެނީ އޭނާ އަނިޔާއިން ރަނގަޅުވެގެން ކުޅެން ނުތުމުން ވަރަށް އުފާވެއޭ. އަހަރެން އަބަދުވެސް ބޭނުންވަނީ އޭނާ ކުޅޭތަން ބަލަން. އެކަމަކު އަހަރުމެން މިކުޅެނީ ބާސެލޯނާއާ. މެސީއާ އެކަންޏެއްނޫން. މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ،" ގާޑިއޯލާ ބުންޏެވެ.

އޭނާ އަދި ބުނީ ބާސެލޯނާގެ ތިން ފޯވަޑުން ކަމަށްވާ މެސީ އާއި ނޭމާ އަދި ސުއަރޭޒަށް ބޯޅަ ލިބުމުން އާދަޔާ ހިލާފަށް ބާސެލޯނާ ވަރުގަދަވާ ކަމަށާއި އިންތިހާ އަށް މޮޅު މި ތިން ކުޅުންތެރިން 90 މިނިޓްވަންދެން ހިފަހައްޓާނީ ކިހިނެތްކަން ބުނެދޭން އޭނާ އށް ދަތި ކަމަށެވެ.

"އެކަމަކު މިއީ ރަހުމަތްތެރިކަމުގެ މެޗެއްނޫން. އަހަރެން އެނބުރި މެންޗެސްޓާ އަށް ދާން ބޭނުންވަނީ ރަނގަޅު ނަތީޖާއަކާ އެކު. އެކަމަކު ބާސެލޯނާ ކަހަލަ ޓީމަކާ ދެކޮޅަށް ކުޅުމަކީ ސިޓީގެ ފެންވަރު އެނގޭނެ ކަމެއް. އަހަރުމެން މިތިބީ ކިހާ ހިސާބެއްގައިކަން މި މެޗުން އެނގޭނެ. ދުވަސްކޮޅެއްވެއްޖެ އަހަރުމެން އެކުގައި ފަރިތަކުރާތާ،" ގާޑިއޯލާ ބުންޏެވެ.

މިރޭގެ މެޗަކީ މި ސީޒަން ފެށުމާއެކު ބާސެލޯނާ ދޫކޮށް ސިޓީ އަށް ބަދަލުވި ކީޕަރު ބްރާވޯ ކުރީގެ ކުލަބާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ.