ކުޅިވަރު

ގުންޑޮގާން ބާސާ ދޫކޮށް އަލުން ސިޓީއަށް

މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން އިލްކާއި ގުންޑޮގާން ބާސެލޯނާއިން ސިޓީ އަށް ބަދަލުވެ، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޖަރުމަނުގެ މިޑްފީލްޑަރު އެންމެ ފުރަތަމަ ސިޓީއަށް ސޮއިކުރީ 2016 ވަނަ އަހަރު އެވެ. އެއަށްފަހު އޭނާ ވަނީ ޕެޕް ގާޑިއޯލާއާ އެކު ހަތް އަހަރު ދުވަސް ހޭދަކޮށްފަ އެވެ. ސިޓީ ދޫކޮށް އޭނާ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ވަނީ ސިޓީއާއެކު 14 ތަށި ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ ސިޓީއަށް ކުޅެދިން 304 މެޗުން 60 ލަނޑު ޖަހާފަ އެވެ. 2022 ވަނަ އަހަރު ސިޓީ އިން ވަނީ އެ ޓީމުގެ އާ ކެޕްޓަނަކަށް ގުންޑޮގާން ހަމަޖައްސާފަ އެވެ.

ގުންޑޮގާން ބުނީ ސިޓީއާ އެކު ހޭދަކުރި ހަތް އަހަރަކީ ދަނޑު މަތިންނާއި ދަނޑު ބޭރުން ވަރަށް ހިތްހަމަޖެހިގެން ކުޅުނު ދުވަސްތަކެއް ކަމަށެވެ. އަދި ގާޑިއޯލާއަށް އޭނާ ކުރާ އިހުތިރާމް ހުރިހައި މީހުންނަށްވެސް އެނގޭނެ ކަމަށާއި ގާޑިއޯލާ އަކީ އެންމެ މޮޅު ކޯޗު ކަމަށް ބުންޏެވެ. މީގެއިތުރުން ގުނޑޮގާން ބުނީ އޭނާ ހުރީ ސިޓީގެ ޖާޒީ ލުމަށް ކެތް މަދުވެފައި ކަމަށެވެ.

ބާސެލޯނާއާ އެކު ގުންޑޮގާންގެ ފުރަތަމަ ސީޒަން ރަނގަޅުވީ ނަމަވެސް އޭނާ އެ ޓީމު ދޫކޮށްލަން ނިންމީ މި ހޫނު މޫސުމުގައި ބާސެލޯނާއަށް ސޮއިކުރި ޑެނީ އޮލްމޯ ރަޖިސްޓާ ކުރަން ދިމާވި ދަތިތަކުގެ ސަބަބުންނެވެ.

ގުންޑޮގާން އަކީ ބާސެލޯނާ އިން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހޭ ކުޅުންތެރިޔާ އެވެ. ހިލޭ ޓްރާންސްފާއެއްގައި އޭނާ ބާސެލޯނާ ދޫކޮށްލުމާއެކު، އެ ޓީމަށް މާލީ ގޮތުން އިތުރު ލުއިތައް ލިބޭނެ އެވެ.

ޖަރުމަނު ގައުމީ ޓީމަށް 82 މެޗު ކުޅުމަށްފަހު ގުންޑޮގާން ވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އޭނާ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު މެޗަކީ މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިން އާ ދެކޮޅަށް ކުޅުނު މެޗެވެ.