ހަބަރު

ފައިސަލް ހުށަހެޅުއްވި ދެ އިސްލާހުވެސް ފާހެއް ނުވި

ވަޒީފާއާބެހޭ ގާނޫނަށާއި ޓޫރިޒަމާބެހޭ ގާނޫނަށް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ހުށަހެޅުއްވެވި ދެ އިސްލާހު ވެސް ރައްޔިތުން މަޖިލީހުން ފާހެއް ނުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ފައިސަލް ހުށަހެޅި އިސްލާހުގައި ބުނަނީ ރާއްޖޭގައި ވަޒީފާ އަދާ ކުރަ ހުރިހާ ބިދޭސީން ބެންކް އެކައުންޓެއް ހުޅުވުމަށް އިތުރު ހަމަސް ދުވަސް ދޭން ޖެހޭ ކަމަށެވެ. އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް 18 މެންބަރުން ވޯޓު ދިން ނަމަވެސް ފާސްކުރަން ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވި އެވެ.

މީގެ އިތުރުން ޓޫރިޒަމްއާ ބެހޭ ގާނޫނަށް ފައިސަލް ހުށަހަޅާފައި ވަނީ ރާއްޖޭގެ ރިސޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ މެނޭޖްމަންޓް ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓް ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭން ޖެހޭ ގޮތަށެވެ. އެ އިސްލާހު ވެސް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. އަދި ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 37 މެންބަރުންނެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ފައިސަލް އެ އިސްލާހު ހުށަހެޅުއްވީ މިދިޔަ އޯގަސްޓު މަހު އެ ގާނޫނަށް ގަނައި ބަދަލާ ގުޅިގެން ކޮންމެ ބިދޭސީއެއް ވެސް ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސަންޓު ރެމިޓޭންސް ޓެކްސް ގޮތުގައި ނަގއިރު ތިން މަސް ތެރޭގައި ހުރިހާ އެކައުންޓެއް ހުޅުވަން ދަތިވާނެތީ އެވެ. އަދި ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހެޅީ ވަޒީފާގެ ފުރުސަތު އިތުރުކޮށް އެ ދާއިރާއިން ލިބޭ އާމްދަނީ ދިވެހިންނަށް ލިބޭ ގޮތަށް ހެދުމަށް ކަމަށް ފައިސަލް ވިދާޅުވިި އެވެ.

މި ދެ އިސްލާހަށް ވެސް ބަހުސް ކުރެއްވި ގިނަ މެންބަރުން މި އިސްލާހުތަކަށް ތާއީދު ކުރެއެވެ. ނަމަވެސް ވަޒީފާއާ ބެހޭ ގާނޫނަށް ބައެއް ޕީޕީއެމް މެންބަރުން ތާއީދެއް ނުކުރެއެވެ. އެ މެންބަރުން ވިދާޅުވަނީ ތިން މަސް ދުވަހަކީ އެކަށީގެންވާ މުއްދަތެއް ކަމަށެވެ.