ހަބަރު

ހައިކޯޓްގައި އޮތް ޕީޕީއެމްގެ މައްސަލައިގެ ތެރެއަށް ވަނުމަށް މައުމޫން އެދެފި

ޕީޕީއެމްގެ ހިންގުން ވަގުތީ ގޮތުން ރައީސް އަބްދުﷲ ޔާމީންއަށް ލިބޭގޮތަށް ސިވިލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފްގެ މައްސަލައިގެ ތެރެއަށް ވަނުމަށް ނޫނީ ތަދައްހުލްވުމަށް އެ ޕާޓީގެ ރައީސް މުއުމޫން އަބްދުލް ގައްޔޫމް ހައިކޯޓަށް ހުށަހަޅުއްވައިފި އެވެ.

ޕީޕީއެމްގެ މި މައްސަލަ ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނަށެވެ. އެކަމާ ގުޅިގެން ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މިއަދު ތާވަލުކޮށްފައިވާ އިސްތިއުނާފްގެ މައްސަލައަށް ތަދައްހުލުވެވަޑައިގަތުމަށް މައުމޫން މިއަދު ހައި ކޯޓަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ޕީޕީއެމް ތެރޭގައި ޖެހިފައިވާ މައްސަލަތަކަށް ފަހު ކައުންސިލް ބައްދަލުވުމެއް ނުބޭއްވިގެން ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ރައީސް ޔާމީންއަށް އެ ޕާޓީ ހިންގުން ހަވާލު ކުރަން ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ. އަދި އެރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ގައުމީ މަޖިލީހެއް ބޭއްވުމާ ހަމަޔަށް އެ ޕާޓީ ހިންގުން ޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީންއާ ހަވާލު ކުރުމަށެވެ.

މައުމޫން ވަނީ އެ ހުކުމަށް ގޮންޖައްސަވައި އެ މަނިކުފާނު އަމިއްލައަށް ޕީޕިއެމްގެ ކައުންސިލް ޖަލްސާތައް ބާއްވަން ފައްޓަވައިފަ އެވެ. މައުމޫން ވިދާޅުވެފައި ވަނީ ޕާޓީގެ މުޝްތަޝާރަށް ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް ނުލިބޭނެ ކަމަށް އަސާސީ ގަވާއިދުން ސާފުކޮށް އެނގޭ ކަމަށާއި އެ ހުކުމް އަސާސީ ގަވާއިދާ ހިލާފު ކަމަށެވެ. އެއާ އެކު އަމިއްލަ ފަރާތަކުން ވަނީ ސިވިލް ކޯޓްގެ ހުކުމް ހައިކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ. ޕީޕީއެމް އިން ވެސް އޭރު ގެންދެވީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންނެވެ.