ވިޔަފާރި

އައިޓީބީ ފެއާ ހުޅުވައިފި، ރާއްޖެއިން ބޮޑު ވަފުދެއް!

ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާކަމަށްވާ އައިޓީބީ ބާލިން ފެއާ މިއަދު ހުޅުވައިފި އެވެ.

ޖަރުމަނުގެ ބާލިންގައި މި މަހުގެ 4-8 އަށް ކުރިއަށްދާ މި އަހަރުގެ ފެއާގައި ރާއްޖޭގެ 72 ކުންފުންޏަކުން 194 ބައިވެރިން ބައިވެރިވެފައިވެ އެވެ. މި ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.

މި އަހަރުގެ ފެއާއަށް ހާއްސަކޮށް ރާއްޖޭން ވަނީ ހާއްސަ ސްޓޭންޑެއް ނުވަތަ ސްޓޯލެއް ހަދާފަ އެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސްޓޯލް ފަރުމާކޮށްފައިވަނީ ފަހުގެ ސިފަތަކަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި އައިޓީބީ ފެއާގެ މި އަހަރުގެ ސްޓޯލް ހަދާފައިވަނީ ސްޓޯލަށް ވަނަ ދޭތީ، ވަނަ ލިބޭނެ ގޮތްތައް ބަލައިގެންނެވެ. އަދި މި އަހަރުގެ ފެއާގެ ސްޓޯލަށް ވަނައެއް ލިބުމުގެ އުންމީދު އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި އަހަރުގެ ފެއާ ހޮސްޓްކުރާ ގައުމަކީ މޮންގޯލިޔާ އެވެ. އަދި އަންނަ އަހަރު ފެއާ ހޮސްޓް ކަންޓްރީއަކީ ރާއްޖެ އެވެ.

ޖަރުމަނަކީ ރާއްޖޭގެ އެންމެ އުންމީދީ އެއް މާކެޓެވެ. އެ ގައުމުން މިދިޔަ އަހަރު 98،323 ޓޫރިސްޓުން އައިސްފައިވެ އެވެ.