ހަބަރު

"މަގު ހެދުން ލަސްވަނީ ހޮޅި ވަޅުލާފައިހުރި ގޮތުންނާއި މޫސުން ތަންނުދޭތީ"

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ފެށުމަށް ހައުސިން މިނިސްޓްރީން ފަށާފައިވާ ބޮޑު މަޝްރޫއުގެ ދަށުން، މާލޭގެ މަޖީދީ މަގު ހެދުމުގެ މަސައްކަތް ފަށާފައިވާއިރު މަސައްކަތް ނުނިމި ލަސްވަނީ ނަރުދަމާ ނިޒާމް ހެދުމަށް މަގުތަކުގައި ހޮޅި ވަޅުލާފައި ހުރި ގޮތުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ ނުވަ ބަޔަކަށް ބަހާލައި ކޮންމެ ސަރަހައްދެއް ވަކިވަކިން ހަދާ ގޮތަށެވެ. މީގެން ކޮންމެ ބައެއް ހެދުމަށް ދެ ހަފްތާ ހޭދަވާ އިރު، މި މަސައްކަތް 24 ގަޑިއިރު ދެ ޝިފްޓަކަށް ބަހާލައިގެން ކުރިއަށް ގެންދެ އެވެ.

މި މަޝްރޫއާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު މިއަދު ވިދާޅުވީ މަސައްކަތް ފެށުމުގެ ކުރިން މަސައްކަތް ނިންމާނެ މުއްދަތެއް ދިން ނަމަވެސް ނިމޭނެ ދުވަހެއް އަންދާޒާ ކުރަން އެނގެނީ މަސައްކަތް ފެށުމުން ކަމަށެވެ. އަދި ޝެޑިއުލް ކޮށްފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދާ އެމްޑަބްލިއުއެސްސީ އަދި އެމްއާރްޑީސީއަށް މަސައްކަތް ކުރިއަށް ނުގެންދެވުނީ މަޖީދީ މަގުތަކުގައި ގެތަކުގެ ނަރުދަމާ ނިޒާމް ހެދުމަށް މަގުތަކުގައި ހޮޅި ވަޅުލާފައި ހުރި ގޮތުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި މި މަސައްކަތުގައި ވަޅުލަން ޖެހޭ ހޮޅިތަކަކީ ވަރަށް ފުންކޮށް ވަޅުލަން ޖެހޭ ހޮޅިތަކެއް ކަމަށްވާތީ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މަގު ހަދަން ވެލިގަނޑަށް ބޭނުންވާ ކޮންޑިޝަންތައް ފުރިހަމަކުރަން ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

"މަގުތައް ހަދާއިރު ވެލިގަނޑު އޮންނަން ޖެހޭނީ ވަކިކޮންޑިޝަނެއްގައި. ކޮލިޓީ ހިފެހެއްޓޭނީ އޭރުން. ވިއްސާރަ ވުމުގެ ސަބަބުން މަގުތަކުގައި ފެންހެދި ޗަކަވެފައި މި ހުންނަނީ. ނޫނީ ގަނބައިގަތުން ފަދަ ކަންކަން މެދުވެރިވާނެ" ރަޝީދު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުއްތަލިބު ވިދާޅުވީ މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު މޫސުން ގޯސްވެ އަދިވެސް އެހެނިހެން ދަތިތަކުގެ ސަބަބުން މަސައްކަތް ނިންމަން ދިން ހަތް ދުވަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއަށް މަސައްކަތް ނުނިންމުމުގެ ސަބަބުންވެސް މަސައްކަތަށް އިތުރު ލަސްކަމެއް އައި ކަމަށެވެ. މިއީ މަގުހެދުމުގެ މިބައިގެ ފުރަތަމަ ސެގްމަންޓަށްވާއިރު ދެ ވަނަ ސެގްމަންޓް އަދި ތިން ވަނަ ސެގްމަންޓް ކުރިއަށް ގެންދާނީ މި ސެގްމަންޓުން ލިބުނު އިބުރަތަށް ބަލާފައި ކަމަށެވެ.

"ދެ ވަނަ ސެގްމަންޓުގައި އަޅުގަނޑުމެންގެ ޓާގެޓަކަށްވާނީ އެމްޑަބްލިއުއެސްސީ އާ އެމްއާރްޑީސީ އާ ވާހަކަ ދައްކައިގެން އެފަރާތްތަކުން ހޮޅި އެޅުމަށް ކުރާ މަސައްކަތް އެހެން ގޮތަކަށް ބަދަލުކޮށްގެން." މުއްތަލިބު ވިދާޅުވި އެވެ.

މަޖީދީ މަގުގެ ފުރަތަމަ ބައި ހަދާއިރު އަޅާ ފެންހޮޅި އަޅާނީ ނަލަހިޔާ ކަންމައްޗާ ހިސާބަށް ކަމަށާއި ފަޔާ ހައިޑްރާންޓް ހޮޅި އަޅާނީ އެމަސައްކަތަށް ފަހުގައި ކަމަށެވެ. އަދި މި މަސައްކަތް ނިންމާ މި ސެގްމަންޓުގެ މަސައްކަތް ނިމޭއިރު މަޖީދީ މަގުގައި ފެން ހިންދަން ކުރިއަށް ގެންދާ ޑްރެއިން ސްޓޯމް ވޯޓާ ސިސްޓަމްގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމޭނެ ކަމަށެވެ.

މަގު ހެދުމުގެ ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ސެގްމަންޓުގައި އަޅަން ޖެހޭނީ ތިން ލައިނު ހޮޅި ކަމަށާއި ދެ ވަނަ ސެގްމަންޓުގައި ދެ ހޮޅީ އަދި ތިން ވަނަ ސެގްމަންޓް ނިމޭއިރު ފަޔާ ހައިޑްރަންޓް ހޮޅި އަޅާނެ ކަމަށެވެ. މި ސެގްމަންޓްގެ ތަޖުރިބާއަށް ބަލާފައި ކުރިއަށް ހުރި ސެގްމަންޓްތަކުގައި ޝެޑިއުލަށް ނިންމާނެ ކަމަށެވެ.

މާލޭގެ ހުރިހާ ބޮޑެތި މަގުތަކެއް އަލުން ރިސާފޭސް ކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު ނިމޭނީ، 2018 ގެ ސެޕްޓެމްބަރު ނުވައެއްގައި ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. މަގުތައް އަލުން ހަދަން ޕްލޭންކޮށްފައިވަނީ، ޒަމާނީ ފެން ހިންދާ ނިޒާމު ގާއިމް ކުރުމާއި ކޭބަލް އަޅަން މުޅި މަގުތައް ކޮންނަން ނުޖެހޭ ގޮތަށް ޒަމާނީ ކޭބަލް ޖަންގްޝަންތައް ގާއިމް ކުރުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ދުވާރު އަލުން ރިޑިޒައިން ކުރުމުގެ އިތުރަށް މަގުތައް އަލުން ލެވަލްކޮށް މިހާރު އަތުރާފައި ހުރި ގާތައް އެކީ ބަދަލު ކުރާ ގޮތަށެވެ.