ހަބަރު

ހައްގު ނޫން ދައުވާ ކުރި ކަމަށް ބުނެ ޕީޖީއާ ދެކޮޅަށް އަފާފް ދައުވާކޮށްފި

ހައްގު ނޫން ދައުވާ ކުރި ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލާ ދެކޮޅަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އަނބިކަނބަލުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ނާޒިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިއަދުގެ ވަގުތެއްގައި ކަމަށާއި އަންނަ ހަފުތާގައި އެ މައްސަލައިގައި ކޯޓުން ޖަވާބެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 75 ވަނަ މާއްދާގައިވަނީ މީހަކަށް އުނދަގުލެއް ނުވަތަ ދެރައެއް ދިނުމުގެ ގޮތުން ހައްގު ނޫން ދައުވާއެއް ކޮށްފި ނަމަ 200ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އަފާފްގެ ފަރާތުން ޕީޖީއާ ދެކޮޅަށް އެ މައްސަލަ ހުށަހެޅީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ އަފާފްގެ މައްސަލަ ކޯޓަށް ފޮނުވުމަށް ފަހު ފަހުން އެ ދައުވާ އަނބުރާ ގެނެސްފައި ވަނިކޮށެވެ. އެ ދައުވާ އަނބުރާ ގެނައީ އަފާފާއި ނާޒިމްގެ ކޮޓަރިން ފެނުނު ޕެން ޑްރައިވްގައި ހުރި މައުލޫމާތަށް ބަލާއިރު އެކަމުގައި އަފާފާ ގުޅުމެއް ނެތްކަން އެނގުމުން ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.

އަފާފްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެނައި ނަމަވެސް ނާޒިމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެނެސްފައެއް ނުވެއެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ބާރު ސްޕީޑެއްގައި ކޯޓުން ދަނީ ކުރިއަށް ގެންދަމުންނެވެ.