ވިޔަފާރި

ފިހާޅޮހި ރިސޯޓަށް 35 އަހަރު ފުރިއްޖެ

  • ރާއްޖެ ޓޫރިޒަމްގެ ތާރީހީ ރިސޯޓެއް
  • ރިސޯޓަށް ތިމާވެށީގެ ގިނަ އިނާމުތަކެއް ލިބުނު
  • ފިހާޅޮހި ރިސޯޓަށް ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފަ

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓު ކަމަށްވާ ފިހާޅޮހި ރިސޯޓަށް ބުރާސްފަތި ދުވަހު 35 އަހަރު ފުރިއްޖެ އެވެ.

ނަވާރަ ސަތޭކަ އަށްޑިހަ އެއްވަނަ އަހަރު ރާއްޖޭގައި ހުޅުވި މި ރިސޯޓުގެ ޖެނެރަލް މެނޭޖަރު އާދަމް އިބްރާހިމް "އަވަސް" އަށް ވިދާޅުވީ ރިސޯޓަށް 35 އަހަރު ވެފައިވާއިރު، އެ ރިސޯޓުގެ މެނޭޖުމަންޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ދިވެހިން ވަޒީފާގައި ގެންގުޅުމަށް ކަމަށެވެ.

"ތިރީސް ފަސް އަހަރަކީ ވަރަށް ގިނަ އަހަރު. މި ދުވަސްވަރުގެ ތެރޭގައި ގިނަ ތަޖުރިބާތަކެއް ކޮށްފައިވާނެ. ގިނަ ބަދަލުތަކެއް ވެސް ވަނީ އައިސްފައި. މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރޭ،" އާދަމް ވިދާޅުވި އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ފެހި މޫރިތި ކުންފުނިން އޮޕަރޭޓް ކުރަމުން ގެންދާ މި ރިސޯޓު ހިންގަނީ މާލެ އަތޮޅުގަ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 45 މިނެޓުން ދެވޭ ރާސްތާގައި އޮންނަ މި ރިސޯޓުގައި އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތްތައް ދެ އެވެ. އަދި މި ރިސޯޓުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ގިނަ ވަނަ ތަނެއް ވެސް ލިބިފައިވެ އެވެ. މި ވަނަތަކުގެ ތެރޭގައި 2014 ވަނަ އަހަރު ތިމާވެށީގެ ރޮނގުން ލިބިފައިވާ ގައުމީ ފެންވަރުގެ އިނާމު ފާހަގަ ކޮށްލެވެ އެވެ.

މި ރިސޯޓަށް މިހާރު ވަނީ ބޮޑެތި ބަދަލު ތަކެއް ގެނެސްފަ އެވެ. ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ކޮޓަރިތަކާއި ރިސޯޓުން ދޭ ހިދުމަތްތައް ވަނީ ވަރަށް ބޮޑަށް ތަރައްގީ ކޮށްފަ އެވެ. މި ރިސޯޓަކީ ޔޫރަޕު މީހުންގެ މެދުގައި މަގުބޫލު ރިސޯޓެކެވެ.