ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ޕީޕީއެމް ކައުންސިލު މެމްބަރުކަމުން ވަކިކުރަން، އެ ޕާޓީގެ ސުލޫކީ ކޮމިޓީން ނިންމައިފި އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ޝުޖާއު އާއި ވަހީދު ޕާޓީގެ ކައުންސިލް މެމްބަރުކަމުން ވަކިކުރަން ނިންމީ، އެ ދެ މެމްބަރުންނާއި ގުޅޭގޮތުން އެ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.
ޕާޓީގެ ކައުންސިލުން ވަކި ކުރިކަން އަންގާ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އެ ދެބޭފުޅުން ވެސް ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މައްސަލައަކަށް ޕީޕީއެމްގެ ފަރާތުން އަމަލުކުރަންވީ ގޮތުގެ މައްޗަށް ޕާޓީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް ވިޕްލައިނާއި ހިލާފަށް މަޖިލީހުގައި ވޯޓް ދެއްވާފައި ކަމަށެވެ. އަދި އެކި އެކި ފޯރަމްތަކުގައި ޕާޓީ ބަދުނާމުވާ ގޮތަށް ދެ ބޭފުޅުން ވެސް ވާހަކަ ދައްކަވާފައިވާ ކަމަށާއި ޕާޓީއާ ގުޅޭގޮތުން ކޯޓުން ކޮށްފައިވާ ހުކުމަކަށް ތަބާނުވެ އެހުކުމާ ދެކޮޅަށް މަސައްކަތް ކުރަމުން ގަވާއިދާ ހިލާފަށް ޕާޓީގެ މަގާމްތަކާއި ހަވާލުވެވަޑައިގެން ޕާޓީގެ ނަމުގައި އެކި ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެ މައްސަލަތަކަށް ބެލުމަށްފަހު އެ ޕާޓީގެ ސުލޫކީ މައްސަލަތަކާ ބެހޭ އާންމު ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ ހަ ވަނަ ނަންބަރުގައިވާ ގޮތުން ޕާޓީގެ ކައުންސިލްގެ މެންބަރު ކަމުން ވަކި ކުރުމަށް ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް އެ ދެބޭފުޅުންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.