އެމެރިކާގެ ރިޔާސީ އިންތިހާބު 2016

އިންތިހާބު އޮބްޒާވް ކުރަން ރަޝިޔާއިން ހުށަހެޅުމުން އެމެރިކާއިން ދެކޮޅު

Oct 22, 2016
1

އަންނަ މަހު އަށް ވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން ރަޝިޔާއިން ހުށަހެޅުމުން، އެމެރިކާއިން އެކަމާ ދެކޮޅު ހަދައިފި އެވެ.

"ވޯޓިން ސްޓޭޝަންތަކަށް ޒިޔާރަތް ކުރުމުގެ ކަންކަން ހަމަޖައްސައި ދެވޭކަށް އަހަރެމެންނަކަށް ނެތް،" ރަޝިޔާއިން ހުށަހެޅުމުން އެމެރިކާގެ ޓެކްސަސްގެ ސެކެޓްރީ އޮފް ސްޓޭޓް ކާލޯސް ކެސްކޮސް ޖަވާބުގައި ލިޔުއްވާފައިވެއެވެ. ރަޝިޔާގެ ހޮސްޓަންގެ ކައުންސިލް ޖެނަރަލުން އިންތިހާބު އޮބްޒާވް ކުރުމަށް ހުށަހަޅާފައިވަނީ މި ދިޔަ މަހުއެވެ.

ޓެކްސްގެ ޓްރިބިއުން ނޫހުން ބުނީ ހޮސްޓަންގެ ކައުންސިލް ޖެނެރަލް އެލެގްޒެންޑާ ކޭ ޒަކްހަރޯވް މިދިޔަ މަހުގެ 24 ވަނަ ދުވަހު ހުށަހަޅާފައިވަނީ އެމެރިކާގެ އިންތިހާބުގައި ވޯޓްގެ މަރުހަލާތައް ކުރިއަށް ގެންދާ ގޮތް ދިރާސާ ކުރުމަށް ކަމަށެވެ.

އެ ނޫހުން ބުނީ ޓެކްސަސްގެ އިތުރުން ލުއިޒިއާނާ އާއި އޮކްލަހޯމާ ސްޓޭޓަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް އެ ދެ ސްޓޭޓުން ވެސް އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނީ، އިންތިހާބު އޮބްޒާވް ކުރުން ހުށަހެޅުމުގައި ރަޝިޔާގެ މަގްސަދު ސާފް ނުވާ ކަމަށެވެ.

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓަރްމްޕް ވަނީ އެމެރިކާގެ އިންތިހާބުގެ ސައްހަ ކަމާ ބެހޭގޮތުން މިހާރު ވެސް ސުވާލު އުފައްދާފައެވެ. އަދި އޭނާ ވިދާޅުވީ އިންތިހާބު ނަތީޖާ ބަލައި ނުގަންނާނެ ސަބަބުތައް އެބަހުރި ކަމަށާއި ނާކާމިޔާބު ވެއްޖެނަމަ ކޯޓަށް ވަޑައި ގަންނަވާނެ ކަމަށެވެ.