ތައުލީމާއި ކާމިޔާބީގެ ރޭހުގައި ކުރިއަށްދިއުމަށް ކޮންމެ ކުއްޖަކަށް ވެސް ވަރަށް ގިނަ ވަސީލަތްތަކަށް ބޭނުންވެއެވެ. ހާއްސަކޮށް ދުޅަހެޔޮ ސިއްހަތެކެވެ. މީގެ ތެރެއިން ވެސް ލޮލުގެ ފެނުން މުހިއްމު ދައުރެއް އަދާކުރާއިރު، ލޮލަކީ ކުއްޖާގެ ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި މުހިއްމު މަސައްކަތްތަކެއް ތަކުރާރުކޮށް އަދާކުރާ އެންމެ މައި އެއް ގުނަވަނެވެ. ސްކޫލަށް ވަންނަ ހިސާބުން ފެށޭ ރީޑިން ކްލާސްތަކުގަ އެވެ. ބޯޑުގައި ދޭ ފިލާވަޅުތައް ނޯޓު ކުރުމުން ފެށިގެން ޕީއީ ގަޑީގައި ކުޅޭ ކުޅިވަރުތަކާ ހަމަޔަށް މެދު ނުކެނޑި ކުއްޖާގެ ލޮލުން ކުރާ މަސައްކަތް ބަޔާން ނުކުރެވޭހާ ބުރަ އެވެ. ލޮލުގެ ސިއްހަތު މައިންނަށް އެހެން ހުރިހާ ކަމަކަށްވުރެ މުހިއްމު ވަނީ މިހެންވެ ކަމަށް ވެދާނެ އެވެ. ދަރިފުޅު ޓީވީ ބަލަން އިންނަ ގޮނޑި "ތަންކޮޅެއް ދުރަށް" ޖައްސާލުމަށް މައިން ތަކުރާރުކޮށް ކުރާ މަސައްކަތަކީ އެ ފިކުރުގައި ކުރާ ކަމަކަށް ވެސް ވެދާނެ އެވެ.
ރާއްޖެއަށް ބަލާއިރު ވަރަށް ޅަ އުމުރުގައި އައިނު އަޅާ ކުދިންގެ ނިސްބަތް އިތުރުވަމުންދާ ކަމަށް ބުނުމަކީ ގޯހަކަށް ނުވެދާނެ އެވެ. ނަމަވެސް މިކަމަށް ދެއްކޭނެ މާ ބޮޑު ހެއްކެއް ވެސް ނެތެވެ. ރާއްޖޭގައި އެކަމާ ގުޅިގެން މާ ގިނަ ދިރާސާތަކެއް އެއް އިރެއްގައިވެސް ހެދިފައި ނެތީމަ އެވެ. އެހެން ނަމަވެސް ކުރިއާ އަޅާ ބަލާއިރު އައިނު އަޅާ ކުދިންގެ ނިސްބަތް އިތުރޭ ބުނުން ކުށަކަށް ނުވެދާނެ އެވެ. ތިން ހަތަރު އަހަރުގައި ނަންބަރު އައިނު އަޅައިގެން ތިބޭ ކުދިން ފެންނަ ނިސްބަތް އިތުރެވެ. ސްކޫލަށް ދާ އުމުރަށް އެޅޭއިރު މި ނިސްބަތް ވަކިން މަތި ކަމަށް ގިނަ ބެލެނިވެރިން ވެސް އެއްބަސްވެ އެވެ. ޓީޗަރުން ވެސް މި ވާހަކައަކާ ދެކޮޅެއް ނޫނެވެ.
"އަޅުގަނޑުމެން މިކިޔަވައިދެނީ އެލް ކޭޖީ ޔޫކޭޖީ އުމުރުފުރައަށް. ކްލާހެއްގައި މަދުވެގެން ދެ ކުއްޖަކު ތިން ކުއްޖަކު އެބަ އިނދޭ އައިނު އަޅަންޖެހޭ. މިއީ މީގެ ތަންކޮޅެއް ކުރިއަށް ޖެހިލާއިރު އެހާ އާންމުކަމެއް ނޫން،" މާލޭގެ އެންމެ ގިނަ ދުވަސްވީ އެއް ސްކޫލް ކަމަށްވާ ގަލޮޅު މަދަރުސާގެ ނާސަރީ ޓީޗަރެއްގެ ހިޔާލަކީ މިއެވެ.
ލޮލުގެ މައްސަލަ ހުންނަ ކުދިން ގިނަ!
ވަކި އުމުރުފުރާތަކަށް އާންމުކޮށް ޖެހޭ ބަލިތައް ދެނެގަތުމަށް ދިރާސާތައް ހަދައި ޑޭޓާ ކަލެކްޓް ކުރުމަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ކުރާ ކަމެކެވެ. މިއީ ގައުމުގެ ސިއްހީ ހާލަތު ހުރި ނެތްގޮތް ވަޒަންކޮށް، ސިއްހީ އެހީތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދޭންޖެހޭ ދާއިރާތައް ދެނެ ގަތުމަށް ކުރުން މުހިއްމު ކަމެެއްވެސްމެ އެވެ. ނަމަވެސް ރާއްޖޭގައި މިކަން އޮތީ އަދި ވަރަށް ދެރަވަރުކޮށް ކަން ފާހަގަކޮށްލަން ޖެހެއެވެ. މިކަން މިހެން އޮއްވައި އެޑިއުކޭޝަން މިނިސްޓްރީން 2014 ވަނަ އަހަރު ފެށި ސްކޫލް ކުދިންގެ ހެލްތު ސްކްރީނިން ޕްރޮގްރާމުން މުޅިން ފުރިހަމަ ނޫނަސް، ވަރަށް މުހިއްމު ޑޭޓާތަކެއް ނެގިގެން ދިޔައެވެ. މިއީ ސްކޫލް އުމުރުގެ ކުދިންނަށް ސިއްހީ ގޮތުން އެންމެ ގިނައިން ދިމާވެފައިވާ މައްސަލަތައް ގްރާފްކޮށްލުމަށް ކޮށުނު ސީދާ މަގެއް ކަމަށް ރާއްޖޭގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ މަޝްހޫރު ޑޮކްޓަރު، ޑރ. އަހުމަދު ނިޔާފު އެއްބަސްވެވަޑައިގަންނަވަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން 2014 ވަނަ އަހަރު މާލެއާއި އަތޮޅުތެރޭގެ އެކި ސްކޫލްތަކުން ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ ހަ ހާހަށްވުރެ ގިނަ ކުދިން ހިމަނައިގެން ކުރި ހެލްތު ސްކްރީނިން އިން ލޮލުގެ ސިއްހީ މައްސަލަތައް ހުންނަ ކަމަށް ފާހަގަވެފައިވަނީ 336 ކުދިންނަށެވެ. އޭގެ އެއް އަހަރު ފަހުން މިދިޔަ އަހަރު ހަމަ އެ އުމުރުފުރާއަށް ބޭއްވި ހެލްތު ސްކްރީނިން ގައި މާލެ ސަރަހައްދުގެ 17 ސްކޫލަކުން ދެހާހެއްހާ ކުދިން ބައިވެރިވި އިރު އެކުދިންގެ 17 ޕަސެންޓަކީ ލޮލުގެ އެކި މައްސަލަ ހުރި ކުދިންނެވެ. އަތޮޅުތަކުގެ ރަށްރަށުން ބައިވެރިވި ދެހާހެއްހާ ކުދިންގެ ތެރޭން 300 އަށްވުރެ ގިނަ ކުދިންނަށް ވަނީ ލޮލުގެ އެކި މައްސަލަ ދިމާވެފަ އެވެ. އެހެންކަމަށް ވާނަމަ 2014 ވަަ އަހަރާ އަޅާ ބަލާއިރު 2015 ވަނަ އަހަރު ލޮލުގެ މައްސަލަތައް ކުރިމަތިވެފައިވާ ކުދިންގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ.
ނިސްބަތް އިތުރުވާ ސަބަބުތައް ބައިވަރު!
ލޮލުގެ ސިއްހަތާ ބެހޭގޮތުން އޮޅުން އަރާ ހިސާބަކީ މިއީ އެވެ. އުފަންވާއިރު ލޮލުގެ ފެނުމަށް ދިމާވެފައި ނެތް މައްސަލަތައް ހަތަރު ފަސް އަހަރުގައި ފެންނަން މެދުވެރިވާން ސަބަބުތަކަކީ އެއާމެދު އެކި ލެވެލްގައި ވާހަކަދެވޭ ކަންތައްތަކެކެވެ. ހާއްސަކޮށް ބެލެނިވެރިންގެ މެދުގައި މިއީ ވަރަށް ބޮޑަށް އޮންނަ ކަންބޮޑުވުމެކެވެ. ކަންބޮޑުވުން އޮންނަ މިނާ އެއްވަރަށް މިކަމުގައި އެކި ބެލެނިވެރިންގެ ރައުޔު ވެސް ތަފާތެވެ. ބައެއް މީހުންގެ ނަޒަރުގައި ކުދިންގެ ލޮލުގެ ގާތިލަކީ ޓީވީއާއި ކޮމްޕިއުޓަރާއި ޓެބްލެޓެވެ. އަނެއްބައި މީހުންގެ ނަޒަރުގައި ވިޓަމިންއޭ ފަދަ މާއްދާތައް ހިމެނޭ ކާނާ ކުދިންނަށް ދެވޭލެއް މަދުވުމަކީ މީގެ ވަރަށް ބޮޑު ސަބަބެކެވެ.
"ބޮޑަށް ވާގޮތަކީ މިހާރުގެ ކުދިންނަށް ވަރަށް ޅަ އުމުރުގައި ޓީވީ، ޓެބްލެޓް ފަދަ އެއްޗިހިން ކާޓޫނާ އެނޫން ވެސް އެއްޗެހި ދައްކާ ހަދާ. ލޮލުގެ މައްސަލަތައް އިތުރުވާ ސަބަބަކަށް އެކަން ވެދާނެ،" ލޮލުގައި ފުސްކަމެއް ހުރުމުން އައިނު އަޅަން ޖެހިފައިވާ ތިން އަހަރުގެ ދަރިފުޅުގެ ލޮލުގެ ސިއްހަތާ ގުޅިގެން މަންމައަކު ބުނީ މިހެންނެވެ.
ޓީވީ ޓެބްލެޓް ކޮމްޕިއުޓަރު ފަދަ ތަކެތީގެ އަވާގައި ކުދިން ޖެހުމުގެ ސަބަބުން ލޮލުގެ މައްސަލަތައް ޖެހެން ފަށާ ކަމަށް އެއްބަސްވާ އާންމު ރައްޔިތުންގެ އަދަދު އިތުރަސް މިކަމުގައި ޑޮކްޓަރުންގެ ހިޔާލު މުޅިން ތަފާތެވެ.
ޑރ. ނިޔާފުގެ ނަޒަރުގައި ކުޑަކުދިންނަށް ލޮލުގެ އެކި މައްސަލަތައް ޖެހުމުގައި ޓީވީ އާއި ކޮމްޕިއުޓަރު ފަދަ ތަކެތީގެ ދައުރެއް އޮންނަ ކަމަށް ބުނުމަކީ އާންމުކޮށް ގިނަ މީހުންނަށް ހީވެފައި އޮންނަ ކުށް ހީއެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ފަހަރެއްގައިވެސް އެތަކެއްޗަށް ކުދިން އަހުލުވެރިކުރުވުމަށް ހިތްވަރު ދެއްވަނީއެއް ނޫޏެވެ. ސައިންޓިފިކް ހެކިތަކަށް ބިނާކޮށް ސައްހަ ސަބަބާ މެދު ވިސްނާނަމަ އެކަން އޮންނަ ގޮތެވެ.
"ޓީވީ އާ ޓެބްލެޓަށް ކުދިން އަހުލުވެރި ކުރުވުމަކީ ރަނގަޅު އާދައެއް ނޫން. އޭގެ ސަބަބުން ގޯސް މައްސަލަތަކެއް ނުކުމޭ. އެކަމަކު އެއީ ލޮލާ ބެހޭ މައްސަލަތަކެއް ނޫން މި ނިކުންނަނީ. އޭގެ ސަބަބުން ކުދިންނަށް މީހުންގެ ތެރޭގައި މީހުންނާ ގުޅިގެން އުޅުމަށް އުނދަގޫވޭ. ކަންކަމަށް ފޯކަސް ކޮށް ހަގީގީ ދުނިޔެއާ މެދު ވިސްނަން ދަތި ކުރިމަތިވޭ. ނަމަވެސް ޓީވީ ކޮމްޕިއުޓާ ފަދަ ތަކެތީގެ ސަބަބުން ލޯ ހަލާކުވާކަމަށް ބުނުމަކީ ސައިންސްގެ ނަޒަރަކުން ބަލާނަމަ މުޅިން ގޯހެއް،" ޑރ. ވިދާޅުވި އެވެ.
ނިޔާފު ވިދާޅުވީ، ކުރިއާ މިހާރާ އަޅާ ބަލާއިރު ރާއްޖޭގައި ލޮލުގެ މައްސަލަތައް ހުންނަ ކުދިން ގިނަ ވުމަކީ މުޖުތަމައު ސިއްހަތާ މެދު ކުރިއަށްވުރެ ހޭލުންތެރިވެފައވާ ކަމުގެ ހެއްކެކެވެ.
"ލޮލުގެ މައްސަލަތައް ދިމާވާ ކުދިންގެ ނިސްބަތް ގިނަވާނަމަ އޭގެއިން އެނގެނީ މިހާރުގެ ބެލެނިވެރިން ކުރިއަށްވުރެ ހޭލުންތެރިވެއްޖެކަން، ކުރިން ނަމަ އަމިއްލަޔަށް ފެނިގެން، ނުވަތަ ޝައްކެއް ވެގެން ކުއްޖެއްގެ ލޮލުގެ ޗެކަޕް ހައްދާ މީހުންގެ ނިސްބަތް ވަރަށް މަދު. އެހެންވީމަ ގިނަ މީހުން ކުދިން ޑޮކްޓަރަށް ދައްކާ ނަމަ ކުޑަ މައްސަލައެއް ހުއްޓަސް ޑައިގްނޯސް ކުރާ މިންވަރު އިތުރު ވާނެ، އޭގެ ސަބަބުން އައިނު އަޅާ ނިސްބަތް ވެސް އިތުރު ވާނެ. އޭގެ އަނެއް ކޮޅަށް ވިސްނާނަމަ އެއީ ފަހުން ރަނގަޅު ނަތީޖާއެއް ފެނުން އެކަށޭނަ ކަމެއް. ސަބަބަކީ ކުދި މައްސަލަތައް ބޮޑު މައްސަލަތަކަކަށް ނުވަނީސް އެ ފަރުވާ ހޯދެން ފެށެނީ،"
މީގެ އިތުރުންވެސް ރާއްޖޭގައި ޅަފަތުގަ މަރުވާ ކުދިންގެ އަދަދު ދަށްވުމާއި، ދުވަސް ނުފުރާ ވިހާ ކުދިންގެ ނިސްބަތް އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ނިޔާފް ވިދާޅުވި އެވެ.
"ލޮލުގެ މައްސަލަ ދިމާވާ ކުޑަކުދިންގެ އަދަދު އިތުރުވެދާނެ ވަރަށް ބޮޑު ސަބަބެއް ދުވަސް ނުފުރާ ވިހާ ކުދިންގެ ނިސްބަތް އިތުރުވުމަކީ، ދުވަސް ނުފުރާ ވިހާ ކުދިންނަށް ވާގޮތަކީ ބަނޑު ތެރޭގައި އޮވެ، ލޯ މުޅިން ފުރިހަމަ ވާންވީ ވަރަށް ފުރިހަމަ ނުވެ، މި މާހައުލުގައި ލޯ ފުރިހަމަވާން ޖެހުމުން އެ މަރުހަލާއަށް ބަދަލުތަކެއް އަންނަނީ. މިސާލަކަށް އުފަންވުމަށްފަހު ލޮލުގެ ގޮބޮޅި ތެރޭގައި ހުންނަ ނާރުތައް ފުރިހަމަވާއިރު، އެ ނާރުތައް އާދަޔާ ހިލާފަށް އުފެދެނީ، އޭގެ ސަބަބުން ލޮލުގެ ތެރެއަށް ވަންނަ އަލިކޮޅު ރެޓިނާއާ ހަމައަށް ދަތުރު ކުރުރާއިރު އައިސް މި ބައްދަލުވަނީ އެ ނާރުތަކާ، އެހާ ހިސާބުން ވެސް މައްސަލަ އުފެދެން ފަށާ،" ޑރ. ވިދާޅުވި އެވެ.
ނިޔާފް ވިދާޅުވި ގޮތުގައި ލޮލުގެ ސިއްހަތާމެދު ކުދިންނަށް ނަސޭހަތް ދޭއިރު، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިއްމު ކަމެކެވެ.
"ޓީވީ ބެލުން ހުއްޓުވުމަށް ލޮލުގެ މައްސަލަތައް ސަބަބަކަށް ދެއްކުމަކީ ގޯހެއް ހަގީގަތުގަ. އޭގެ ބަދަލުގައި ޓީވީ ކޮމްޕިއުޓަރު ފަދަ ތަކެތި މާ ގިނައިން ބޭނުންކުރުމުން އަސްލު ދިމާވާ ގެއްލުން ކިޔައިދިނުން މުހިއްމު. ކުދިންނަށް ދެވޭ މައުލޫމާތަކީ "ކޮޅަށްހުރެ ފެންބުއިމުން ފައިގެ ބޮޑުވާ އިނގިލި ބޮޑުވާނެއޭ،" ބުނާ ވާހަކަ ފަދަ ވާހަކައަކަށް ވުމަކީ ގޯހެއް،"
ނިޔާފް ވިދާޅުވި ގޮތުގައި ލޮލުގެ މައްސަލަތައް ދިމާވާ މިންވަރު މަދުކުރަން ފަރުދީ ގޮތުންނާއި ހޮސްޕިޓަލްތަކުން ވެސް މަސައްކަތްތަކެއް ކުރެވެން އެބަހުއްޓެވެ. ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާކުރުމުގައި އެކަމަށް ކަނޑައެޅިފައިވާ ހާއްސަ މިންގަނޑުތަކުގައި ޑޮކްޓަރުންގެ ފަރުވާދެމުން ދާނަމަ މުސްތަގްބަލުގައި އެ މައްސަލައަށް ހައްލެއް އަންނާނެ އެވެ.