ޓްރާންސްޕޯޓް އޮތޯރިޓީ

އޮތޯރިޓީގެ އިންޒާރު: ގަވާއިދާ ހިލާފުވާ ޓެކްސީތަކަށް ފިޔަވަޅު އަޅާނަން

  • ޓެކްސީތަކާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ އެބައޮތް
  • ފިޔަވަޅުގައި ޓެކްސީ ހުއްދަ ކެންސަލް ކުރުން ހިމެނޭ
  • ގޯސްހުރި ޓެކްސީތައް ސަސްޕެންޑް ކުރާނެ

ޓެކްސީ ކުރުމުގެ ގަވާއިދާ ހިލާފަށް ޓެކްސީކުރާ ފަރާތްތަކަށް އަންނަ ހަފްތާއިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިންޒާރުކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ޓެކްސީ ކުރުމުގެ ގަވާއިދާ ހިލާފަށް ގިނަ ބަޔަކު ޓެކްސީ ކުރާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

"ޓެކްސީތަކަށް އެބަ އަރުވާ އެންމެ ފުރަތަމަ އަރާ މީހާގެ އިޒުނަ އާ ނުލައި އެހެން މީހުން. ގުޅައިގެން އަންނަ ޓެކްސީ ގެނެސްފަ އޮންނަ އިރުވެސް. ގަޑި ނުޖެހި ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯވޭ. ބައެއް ފަހަރު ޓެކްސީއަށް އަރުވަނީވެސް އެހެން މީހުން އަރުވާނަންތޯ އަހާފައި އަރުވަން ހުއްދަ ދިނީމަ. އެބަހުރި ދިމާވެފަ ބައެއް ފަހަރު އިތުރު މީހުން އަރުވަން ހުއްދަ ނުދިނީމަ ޑިކީގައި ހުންނަ ލަގެޖުތަކާއި އެއްޗެހި މަގުމައްޗަށް ބާލުވާ މައްސަލަތައް ވެސް. އެއީ ގަވާއިދާ ހިލާފް ކަންކަން" ނާފިޒް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ ޓެކްސީތަކާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ޓެކްސީ ނަމްބަރާއި ޓެކްސީ ސެންޓަރުގެ ނަމްބަރު އަދި ޑްރައިވަރުގެ މައުލޫމާތު ހިމަނައި ލިޔުމަކުން ޝަކުވާ ހުށަހެޅުމުން އެ މައްސަލައެއް ބަލާނެ ކަމަށެވެ.

ޑްރައިވަރުގެ މައުލޫމާތަކީ ޓެކްސީގައި ފެންނަ ގޮތަށް ހަރުކޮށްފައި ހުންނަންޖެހޭ މައުލޫމާތެކެވެ. އެ މައުލޫމާތު ނެތް ނަމަ ޓެކްސީ ނަމްބަރާއި ޓެކްސީ ސެންޓަރުގެ ނަމްބަރު ހިމަނާފައި ލިޔުމަކުން ހުށަހެޅުމުން މައްސަލަ ބަލާ ފިޔަވަޅު އަޅާނެ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ ފިޔަވަޅު އެޅުމުގައި އެންމެ ފުރަތަމަ ނަސޭހަތް ދޭނެ ކަމަށާއި އަދި އޭގެ ފަހުން ޖޫރިމަނާ ކުރާނެ ކަމަށާއި އަދި ރަނގަޅު ނުވެއްޖެ ނަމަ ޓެކްސީ ބޯޑު ހިފަހައްޓާ ހުއްދަ ކެންސަލް ކުރާނެ ކަމަށެވެ. ޓެކްސީ ބޯޑު ހިފަހައްޓައިފިނަމަ ފަހުން ހުއްދަ ނުދޭނެ ކަމަށް ރާފިއު ވިދާޅުވެ އެވެ.

"ރަނގަޅު ކޮންޑިޝަންގައި ނެތް ޓެކްސީތައް ސަސްޕެންޑް ކުރާނަން. ކުރިއަށް އޮތްތަނުގައި އެގްރީމަންޓާ އެއްޗެހި ހުށަނާޅާ ޓެކްސީ ސެންޓަރުތައް ބަދަލެއް ނުކުރެވޭނެ." ރަފީއު ވިދާޅުވި އެވެ.

ޓެކްސީ ސެންޓަރުތަކުން ކޮންމެ މަހަކު ހުށަހަޅާ ރިޕޯޓާއި ފެންނަ މަންޒަރާއި ދިމާނުވާތީ ފިޔަވަޅު އަޅަން ދަތިތަކެއް އެވެ.

"ޓެކްސީ ސެންޓަރުތަކުން ހުށަހަޅާ މަންތްލީ ރިޕޯޓުގައި މި އިންނަނީ ހުރިހާ ޓެކްސީއެއް ބަރާބަރަށް ހިދުމަތްދޭ ކަމަށް. އެކަމަކު ފެންނަ މަންޒަރު ތަފާތުވެސްވޭ،" ރަފީއު ވިދާޅުވި އެވެ.

މާލޭގައި މިހާރު 899 ޓެކްސީން ހިދުމަތް ދެ އެވެ.