ޓްރާންސްޕޯޓް އޮތޯރިޓީ

އުޅަނދުގެ އަހަރީ ފީ ދެން ބަލައިގަންނާނީ "ސަވާރީޕޭ" މެދުވެރިކޮށް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ބަލައިގަންނަމުން ގެންދިޔަ އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ދެން ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ "ސަވާރީޕޭ" މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިިނިސްޓްރީން ބުނި ގޮތުގައި ޓްރެފިކް އަދި ޕާކިން ވަޔަލޭޝަން ޖޫރިމަނާވެސް ދެން ބަލައިގަންނާނީ އޮންލައިން ޕޭމަންޓް ޕޯޓަލް "ސަވާރީޕޭ" މެދުވެރިކޮށެވެ.

އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ މީރާއިން ބަލައިގަތުން ހުއްޓާލީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާ ޑިސެމްބަރު ފަސް ވަނަ ދުވަހު ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާއެއްގައިވާ ގޮތުން ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ ފީ ނިސްބަތްވާ ކައުންސިލަކުންނެވެ.

ސިސްޓަމް މެދުވެރިކޮށް ކައުންސިލްތަކުގެ އެކައުންޓަށް ފީ ޖަމާކުރެވޭނީ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބަނޑޭރި ޕޭ އާ ގުޅުވާލުމުންނެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ބަނޑޭރި ޕޭ އާ ގުޅުވާލާފައިވާ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތަކަށް އެ ފީ ޖަމާކުރެވޭނީ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާ ގޮތަށެވެ.

މި މުއްދަތުގެ ނިޔަލަށް އެއްވެސް ކައުންސިލެއްގެ ބޭންކް އެކައުންޓް ބަނޑޭރި ޕޭއާ ގުޅާލާފައިނުވާނަމަ އެ ކައުންސިލަކަށް ނިސްބަތްވާ ފީ ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.