ބަޖެޓް 2024

7.7 ބިލިއަން ނުލިބި، އެންމެ ގިނައީ ޓޫރިޒަމް ދާއިރާގެ ޓެކްސް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާއިން ބަލައިގަންނަ އާމްދަނީގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ 7.7 ބިލިއަން ރުފިޔާ ހުރިއިރު އޭގެ ތެރޭގައި ގިނައީ ޓޫރިޒަމް ދާއިރާގެ ޓެކްސްކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ތައްޔާރުކުރި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން މީރާއިން ބަލައިގަންނަ ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ މިންވަރު މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ހުރީ 7.7 ބިލިއަން ރުފިޔާގަ އެވެ.

އެ މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން ދެވުނު ލުއިތަކާއެކު ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ދަށްވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން ޖޫން 2022ގައި ދައުލަތަށް ލިބެންޖެހި ނުލިބިވާ އާމްދަނީއަކީ 5.9 ބިލިއަން ރުފިޔާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ދައުލަތަށް ލިބެންޖެހި ނުލިބިވާ އާމްދަނީގެ ތެރެއިން 3.4 ބިލިއަން ރުފިޔާއަކީ ރިސޯޓުތަކުގެ ބިމު ކުއްޔެވެ. އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީން 972.9 މިލިއަން ރުފިޔާ ދައުލަތަށް ނުލިބެ އެވެ.

ޓޫރިޒަމް ނޫން ދާއިރާތަކުގެ ޖީއެސްޓީ -- ޖެނެރަލް ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ނުލިބިވާއިރު އިންކަމް ޓެކްސްގެ ގޮތުގައި 536.8 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކްސްގެ ގޮތުގައި 920.2 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ނުލިބި އެވެ. މީގެ އިތުރުން ޓެކްސް ނޫން އެހެނިހެން އާމްދަނީގެ ގޮތުގައި 171.5 މިލިއަން ރުފިޔާ ނުލިބެ އެވެ.