މިނިސްޓްރީ އޮފް ޓޫރިޒަމް

ރިސޯޓްތަކުން ދައްކަންޖެހިފައިވާ 4 ބިލިއަން ރުފިޔާ މައާފްކޮށްދީފި

ބައެއް ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ އާމްދަނީގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ މައާފްކޮށްދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ދައްކަންޖެހިފައިވާ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ ވަނީ މައާފުކޮށްދީފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެހާ ބޮޑު އަދަދެއް މާފުވެގެން ދިޔައީ ރިސޯޓު ކުލީގެ ޖޫރިމަނާ ރީސްޓްރަކްޗާ ކުރުމުން އައި ބަދަލުގެ ތެރެއިންނެވެ.

މާފުކޮށްދީފައިވާ ޖޫރިމަނާގައި ކުލީގެ ޖޫރިމަނާ ނޫން އެހެން ޖޫރިމަނާއެއް ނުހިމެނޭ ކަމަށާއި ޖޫރިމަނާގެ ލުއި ލިބުނީ މިވަގުތު އޮޕަރޭޝަންގައި ނެތް ތަންތަނަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިފަދަ ނިންމުމެއް ނިންމީ ނުހެދި ހުރި ރަށްތައް އަވަހަށް ނިންމުމަށް ބޭނުންވާތީ ކަމަށެވެ.

ރިސޯޓު ކުލީގެ ޖޫރިމަނާގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.