ވިޔަފާރި

ރިސޯޓު ކުލީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިއްޖެ

ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ކުލީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސުން އާއްމު ކޮށްފައިވާ މިދިޔަ ހަފުތާގެ މާލީ ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 1.8 ބިލިއަން ރުފިޔާ އެވެ.

ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ޓޫރިޒަމް އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި އަހަރު ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ ފަސް ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ޓޫރިޒަމް ސިނާއަތަށް ލިބޭ ގްރީން ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 716 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 553 ގެސްޓްހައުސް އާއި 155 ރިސޯޓް އަދި 12 ހޮޓާ ހިންގަމުންދެ އެވެ. އަދި މި ތަންތަނުގައި ހުރި ޓޫރިސްޓު އެނދުގެ އަދަދު ވަނީ 46,500 އަށް އަރާފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 19 ރިސޯޓެއް އަލަށް ހުޅުވާފައިވެ އެވެ.