ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް މިއަހަރު ބޭނުންވާ ކައްކާ ގޭހާއި މެޑިކަލް ގޭސް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތާއެކު މޯލްޑިވް ގޭހުން ސޮއިކޮށްފި އެވެ.
މޯލްޑިވް ގޭހުން އަންނަނީ 2013 އިން ފެށިގެން ގުރައިދޫ މަރުކަޒަށް ބޭނުންވާ ގޭސް ފޯރުކޮށްދެމުންނެވެ. އެ މަރުކަޒުގައި 148 ބަލި މީހުން ތިބޭއިރު އެމީހުނަށް ކެއްކުމަށް ބޭނުންވާ ގޭހާއި ސިއްހީ ބޭނުންތަކަށް ބޭނުންކުރާ ގޭސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް އަހަރަށް އެކުންފުނިން ހަދިޔާކޮށްދޭނެ އެވެ.
މިއަދު ސިޓްރަންގައި ބޭއްވި ހަފްލާއެއްގައި ގޭސް ހަދިޔާކުރުމުގެ އެއްބަސްވުމުގައި މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ މައުމޫން ވިދާޅުވީ، ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގޭސް ފޯރުކޮށްދިނުމަށް ކުރިމަތިލީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށެވެ. އެ ފަދަ ކަންކަމަކީ ރައީސް އަބްދުﷲ ޔާމީން ވެސް އެދިވަދައިގަންނަވާ ގޮތް ކަމަށާއި އެފަދަ ކަންކަމަށް އެމަނިކުފާނުގެ އަރިހުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ، މުޖުތަމައުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ ހުރިހާ ފަރާތެއްގެ އެހީއަށް ބޭނުންވެފައިވާ ބަޔަކަށް ވާތީ އެ ފަރާތްތަކަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ފޯރުތެރިކަން ހުރި ފަރުދުންނާއި ކުންފުނިތަކަށް އޮތް ޒިންމާއެއް ކަމަށެވެ. އެ ޒިންމާ އަމިއްލައަށް ދަނެގެން މޯލްޑިވް ގޭހުން ނެގި އިސްނެގުމަށް އެމަނިކުފާން ޝުކުރުއަދާ ކުރެއްވި އެވެ.
ފާއިތުވި ތިން އަހަރު ގުރައިދޫ މަރުކަޒަށް ބޭނުންވާ ހުރިހާ ގޭހެއް މޯލްޑިވް ގޭހުން ހިލޭ ފޯރުކޮށްދޭއިރު އެތަނަށް ބޭނުންވާ ގޭހަށް އަހަރެއްގެ މައްޗަށް ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.