ހަބަރު

ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަކަށް ޕީޕީއެމް

  • އެމްޑީޕީގެ 18،000 މެންބަރުން ވަނީ އުނިވެފައި
  • ޕީޕީއެމްގެ މެންބަރުންގެ އަދަދު ވަނީ 37،000 އަރާފައި
  • އަދާލަތު އަދި ޑީއާރުޕީއަށް ފައިސާ ނުލިބޭނެ

ސިޔާސީ ޕާޓީތަކާބެހޭ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް، އިނގިލީގެ ނިޝާން މެންބަޝިޕް ފޯމުގައި ނުޖަހާ މެންބަރުން ޕާޓީތަކުގެ ދަފުތަރުން އުނިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު އަލުން އެކުލަވާލުމުން، 37،633 މެންބަރުންނާ އެކު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ޕީޕީއެމް ވެއްޖެ އެވެ.

ފިންގަޕްރިންޓް ނެތް މެންބަރުން އުނިކޮށް އަދި އެންމެ ފަހުން ކޮމިޝަނަށް ލިބިފައި ހުރި ސައްހަ މެންބަޝިޕް ފޯމްތައް ހިމެނުމަށް ފަހު އިލެކްޝަން ކޮމިޝަނުން މިރޭ އާންމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މީގެ ކުރިން، 36،232 މެންބަރުން ތިބި ޕީޕިއެމްގެ މެންބަރުންގެ އަދަދު ވަނީ 37،633 އަރައިފަ އެވެ. އެއާ އެކު އެ ޕާޓީ ވެފައި ވަނީ ރާއްޖޭގައި އެންމެ ގިނަ ސައްހަ މެންބަރުން ތިބި ޕާޓީއަށެވެ.

އެ ބަދަލުތަކާ އެކު މީގެ ކުރިން އެންމެ ގިނަ ސައްހަ މެންބަރުން ތިބި އެމްޑީޕީގެ ދަފްތަރުން، 18،803 މެންބަރުން އުނިވެ، މެންބަރުންގެ އަދަދު ވަނީ، 27،000 އަށް ވެއްޓިފަ އެވެ. މީގެ ކުރިން އެ ޕާޓީގައި 46،000 މެންބަރުން ތިއްބެވެ. ކުރިން 13990 މެންބަރުން ރަޖިސްޓްރީގައި ތިބި ޖުމްހޫރީ ޕާޓީގެ ދަފްތަރުން އުނިވެފައިވަނީ 3001 މެންބަރުންނެވެ. އެޕާޓީ އަކީ އަދިވެސް ތިންވަނަ އަށް އެންމެ ގިނަ ސައްހަ މެންބަރުން ތިބި ޕާޓީ އެވެ.

މެންބަރުންގެ މިހާރުގެ އަދަދު:

  • ޕީޕީއެމް - 37633
  • އެމްޑީޕީގައި - 27805
  • ޖޭޕީ - 10989
  • އެމްޑީއޭ - 10584
  • ޑީއާރްޕީ - 3966
  • އަދާލަތު ޕާޓީ - 7595

މިބަދަލުތަކާ އެކު، 10،000 އަށް ވުރެ މެންބަރުން މަދު ޕާޓީތައް ކަމަށްވާ، ޑީއާރުޕީ އާއި އަދާލަތު ޕާޓީއަށް ބަޖެޓުން ފައިސާއެއް ނުލިބޭނެ އެވެ. މީގެ ކުރިން އެ ދެ ޕާޓީއަށް އައީ ފައިސާ ދެމުންނެވެ.

ރައްޔިތުންގެ މަޖިލީހުން މީގެ މަހެއްހާ ދުވަސް ކުރި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ގާނޫނު ތަސްދީގު ކުރާތާ މަސް ދުވަސް ތެރޭގައި އެ މީހަކު ނިސްބަތްވާ ޕާޓީއަށް ފިންގާ ޕްރިންޓް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ މުއްދަތު ތެރޭގައި ފިންގާ ޕްރިންޓް ހުށަހަޅާފައި ނުވާ ފަރާތްތައް ޕާޓީން ވަކިވާނެ ކަމަށެވެ. ކޮމިޝަނުން ވަނީ އެ މުއްދަތު ޕާޓީތަކަށް ދީފަ އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކުރާ އިރުވެސް ބަލަން ޖެހެނީ އެ އިސްލާހުގައިވާ ގޮތުން ފިންގަޕްރިންޓް ނެތް މެންބަރުން އުނިކޮށްފައިވާ ލިސްޓަށެވެ. އިލެކްޝަނުން މިއަދު ބުނީ ސިޔާސީޕާޓީތަކުގެ ދަފްތަރުގައި މިހާރު ހިމެނޭ ފަރާތްތަކަކީ މެމްބަޝިޕް ފޯމާއެކު ފިންގަޕްރިންޓްވެސް ހުށަހަޅާފައިވާ ފަރާތްތައް އެކަނި ކަމަށެވެ.