ރާއްޖެއާއެކު ފްރީ ޓްރޭޑް އެއްބަސްވުންތަކަަކަށް ދާން މަޝްވަރާ ކުރަން ހޮންގްކޮންގާއި އެމެރިކާ އާއި ޖަޕާން އަދި އިނގިރޭސި ވިލާތަށް ދައުވަތު ދީފައިވާ ކަމަށް އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ދިވެހި އިންޝުއަރެންސް ކުންފުނި ރަސްމީކޮށް އިފްތިތާހު ކުުރަން ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެވެސް ވަރަކަށް އެ މަޝްވަރާތަށް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހޮންގްކޮންގް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސިޔުމާ މާކެޓް ކަމަށެެވެ. ނަމަވެސް މި މަޝްވަރާތަކާއި ދައުވަތުގެ މާ ބޮޑު ތަފުސީލަކަށް މިނިސްޓަރު ވަޑައެއް ނުގަންނަވަ އެވެ. ރާއްޖެއިން މިހާރުވެސް ގެންދަނީ ޗައިނާއާއެކު އެފަދަ އެއްބަސްވުމެއް ގާއިމު ކުރަން މަޝްވަރާތައް ކުރަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ މިހާރު މަސައްކަތްކުރާ އެއް ކޮންސިއުމާ މާކެޓް ކަމަށްވާ ޗައިނާގެ ފްރީ ޓްރޭޑްގެ ތެރެއިން އެމީހުންގެ މުޅި އިމްޕޯޓް ޓެރިފް ލައިންގައި ހިމެނޭ ގާތްގަނޑަކަށް 300 އާ ގާތްކުރާ އައިޓަމަކީ ސީފުޑް ކަމަށާއި ރާއްޖެއަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އެންމެ ލޮވެސްޓް ވެލިއު އެޑިޝަން ރޫލް އޮފް އޮިރޖިންގައި އިންނަ 40 ނުވަތަ 30 ޕަސަންޓް ލިބޭ ކަމަށާއި ރާއްޖެއިން މުދާ އިމްޕޯޓުކޮށް އެ މުދާ ރީ އެކްސްޕޯޓް ކުރަންޖެހޭ ކަމަށެވެ.
އެހެން ގައުމަކުން ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށްފަހު އެ މުދާ ރީ އެކްސްޕޯޓް ކުރުމާ ދިމާލަށް ދާން ރާއްޖެއިން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދު މިކަން ނުކުރަންވީ ސަބަބެއް ނެތް. ރާއްޖެއަށް ޑިނގާވެސް ގެންނަންވީ. ސީފުޑް ގެނެވޭނެ. އަޅުގަނޑުމެންގެ ވަޒީފާގެ ބާޒާރަށް ކޮންމެސް ވަރެއްގެ ތިޔާގި ކަމެއް އެއިން ހޯދައިފި ކަމަށް ވަންޏާ އަދި އަޅުގަނޑުމެންގެ ރިސޯސްގެ 31 ޕަސަންޓްއެއަށް ޔުޓިލައިޒް ކޮށްފި ކަމަށް ވަންޏާ އެބަ ކޮލިފައިވޭ ދުނިޔޭގެ އެންމެ ބޮޑެތި މާކެޓްތަކަށް ރާއްޖޭގެ ޕްރޮޑަކްޓްސް ވިއްކުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި އިންޝުއަރެންސް ކުންފުނިތައް ވެސް އިތުރުވާން ޖެހޭ ކަމަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ހައްލަކީ އިންޝުއަރެންސް ކުންފުނިތައް ކަމަށެވެ.