މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ބަންކަރިންގައި ފެން ފޯރުކޮށްދޭން އެމްޕީއެލް އިން ބާޖެއް ބޭނުންކުރަން ފަށައިފި

އިހަވަންދިއްޕޮޅުގައި ދެމުންދާ އޮފް-ޝޯ ބަންކަރިންގައި ބޯޓުތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބާޖެއް ބޭނުންކުރަން ފަށައިފި އެވެ.

ފެނުގެ ހިދުމަތަށް އެމްޕީއެލް އިން ހެދި ފެން ބާޖް ތިލަފުށި ޑޮކްޔާޑުން ބޭލީ އިއްޔެ އެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި މިއީ ޖުމްލަ 200 ޓަނުގެ ފެން ރައްކާކުރެވޭ ބާޖެކެވެ.

މިއީ އުތުރުގައި އެމްޕީއެލް އިން ފޯރުކޮށްދޭ މެރިޓައިމްގެ ހިދުމަތަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

ބޯޓުތަކަށް ބޭނުންވާ ފެން އެމްޕީއެލް މީގެ ކުރިން ފޯރުކޮށްދިނީ ކޮޅުވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެންނެވެ.

އެމްޕީއެލް އިން ބުނީ ބާޖު ފުރިހަމަކޮށް، ބާޖުގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ.

ބަންކަރިންގެ ހިދުމަތުގައި ފެން ފޯރުކޮށްދޭން ބާޖެއް ބޭނުންކުރަން ފަށާފައިވާއިރު ބަންކަރިންގެ ހިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.