އައިހެވަން

އިހަވަންދިއްޕޮޅު މަޝްރޫއު ހަ މަސް ތެރޭގައި ފެށޭނެ: ސައީދު

އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް ފްރީ ޒޯން މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ތަރައްގީކުރަން ނިންމާފައިވާ ބަނދަރާއި އެހެނިހެން ހިދުމަތްތައް ގާއިމުކުރުމަށް ސިންގަޕޫރުގެ އިންވެސްޓްމަންޓް ފާމް -- ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސްއާ އެކު ފްރޭމްވޯކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައި ތަފުސީލީ އެގްރީމެންޓްގައި ހަ މަސް ދުވަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށެވެ.

އެ ގޮތުން މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް އޭޝިއާ އިންވެސްޓްމަންޓްސްގެ ޓެކްނިކަލް މީހުން ރާއްޖެ އައިސް ދިރާސާތައް ކުރާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކެޕިޓަލް އޭޝިއާ ކުންފުނިން 100 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ އެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް ފްރީ ޒޯން މަޝްރޫއަކީ އެސްޓީއޯއާއި އެމްޕީއެލްއާއި ސަރުކާރުގެ ބައެއް ކުންފުނިތައް އެކުވެގެން އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އިން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުންޏާއި ކެޕިޓަލް އޭޝިއާ އިންވެސްޓްމެންޓްސްގެ މެދުގައި ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއި ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ކެޕިޓަލް އޭޝިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސާ ޖޯޖް ޓަން އެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އެވެ.