އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތާއި ޓްރާންސްޝިޕްމަންޓް ބަނދަރުގެ ހިދުމަތް ދިނުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފި އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން މިނިސްޓަރު ސައީދު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓްރޯރޭޖެއް ގާއިމުކޮށް ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރީ ސަރުކާރުން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން ކުންފުންޏާއެކު ސޮއިކޮށްފައިވާކަން ފާހަގަކުރައްވާ އެ މަސައްކަތާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ކުރީ ސަރުކާރުން ނިންމި ބަނދަރު މަޝްރޫއުގެ މަސައްކަތާ ގުޅޭ ގޮތުން ސަލީމް ވަނީ ސުވާލުކުރައްވާފަ އެވެ.
ސައީދު ވިދާޅުވީ އެ މަޝްރޫއުގެ އެއްބަސްވުމުގައި ގަތަރުގެ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީން ނޫން ކަމަށާއި އެއްބަސްވުމުގައި ގަތަރުގެ އާބަކޮންއާއެކު ސޮއިކޮށްފައިވަނީ އެސްޓީއޯ އިން ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އެސްޓީއޯއިން މައުލޫމާތު ސާފުކުރައްވާފައިވާ ކަމަށާއި އެއްބަސްވުން "އެކްޓިވް" ކަމަށް ބުނެފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ނަމަވެސް މަޝްރޫއާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑު މިނިސްޓަރު ހައިސިއްޔަތުން ދަންނަވަން. އަޅުގަނޑުމެން އަދި ވަކި ގޮތެއް ނުނިންމަން. އަޅުގަނޑުމެން ކުރިއަށް ގެންދަނީ މިކަހަލަ އެތައް ކަމެއް ރިވިއު ކުރުމުގެ މަސައްކަތް. އެމްއޯޔޫއަކީ ދެ ކުންފުންޏެއްގެ ދޭތެރޭ ސޮއިކޮށްފަ އޮތް އެމްއޯޔޫއެއް. އަޅުގަނޑު އުންމީދުކުރާ ގޮތުގައި ކުންފުނިން އެއަށް ގޮތެއް ނިންމާނީ،" ސައީދު ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅުގެ މަޝްރޫއެއް ލ. އަތޮޅަށް ބަދަލު ނުކުރާނެ ކަމަށާއި ލ. އަތޮޅުގެ މަޝްރޫއެއް އިހަވަންދިއްޕޮޅަށް ބަދަލު ނުކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"ބަންކަރިންގެ ހިދުމަތް ދިނުމާއި ބަނދަރުގެ ހިދުމަތް ދިނުމާއި އަދި އެ ސަރަހައްދުގައި ދެވޭނެ އެހެންވެސް އިންޑަސްޓްރިއަލް ކޮމާޝަލް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިއްޒަތްތެރި މެންބަރަށް މި އަރުވަނީ،" ސައީދު ވިދާޅުވި އެވެ.