ހަބަރު

ޓާޓާ ފްލެޓް ލިބުނު ފަރާތްތައް ތަރުތީބު ކުރަން ގުރު ނަގައިފި

ވެށިފަހި ޕްރޮގްރާމުގެ ދަށުން އަރަބިއްޔާ އަދި ގާކޮށީގައި ޓާޓާ އިން އަޅާފައިވާ ފްލެޓްތައް، އޭސީސީގެ އެންގުމުގައިވާ ގޮތަށް ކުރިންސުރެ ފްލެޓްތައް ލިބޭނެކަން ސަރުކާރުން އެންގި މީހުންގެ މެދުގައި ތަރުތީބު ކޮށްފި އެވެ.

ފްލެޓް ތަރުތީބު ކުރުމަށް ބޭއްވި ގުރުނެގުން ބާއްވާފައިވަނީ އިއްޔެ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގަ އެވެ.

އެޗްޑީސީން ބުނީ އިއްޔެ ބޭއްވި ގުރު ނެގުމުގައި ފްލެޓް ލިބުނު މީހުންގެ ލިސްޓުގައިވާ މީހުންގެ ތެރެއިން 244 މީހުން ބައިވެރިވި ކަމަށެވެ. ނަމަވެސް ފްލެޓް ބަހާފައިވަނީ ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތައް ހިމަނައިގެން ކަމަށާއި ފްލެޓް ލިބުނު މީހުންނާއި، އެމީހުންނަށް ލިބުނު ފްލެޓްތަކުގެ ތަފްސީލުތައް އެ ކުންފުނީގެ ވެބަސައިޓުން ޗެކު ކުރެވޭނެ ކަމަށެވެ.

އިއްޔެގެ ގުރުއަތުލުމަކީ ފްލެޓް ލިބުނު މީހުންނަށް ފްލެޓްތަކުގެ ނަންބަރު ދޫކުރުމަށް ބޭއްވި ގުރުއަތު ލުމެކެވެ. ގަވާއިދާ އެއްގޮތަށް ހައުސިން އިން ކަނޑައެޅި 266 މީހުންނަށް މިހާރު ފްލެޓް ބަހައި ނިމިފައިވުމާއެކު، ދެން އޮންނާނީ އެ ފަރާތްތަކަށް ލޯނު ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތެވެ.

އެޗްޑީސީން ބުނީ، ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ލިބުނު ކަމުގެ ސިޓީ ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށެވެ. އެ ސިޓީ ހިފައިގެން ބެންކަށް ދިއުމުން، ބެންކުން އެފަރާތްތައް ސްކްރީން ކުރުމަށްފަހު ދިގު މުއްދަތުގެ ހައުސިން ލޯނެއް ހަމަޖައްސައިދޭނެ ކަމަށެވެ. އެ ފަރާތަކަށް އެންމެ އެކަށޭނަ ފައިނޭންސް އޮޕްޝަން ކަނޑައަޅާނީ ބެންކުން ކަމަށާއި، އެހެން ނަމަވެސް ހުރިހާ ފަރާތަކަށް ވެސް ލޯނު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ބޭންކް ތަކުން ދެއްވާފައިވާ ކަމަށެވެ.

އެ ލޯނަށް ފައިސާ ދައްކަން ޖެހޭނީ ދިގު މުއްދަތަކަށް ބަހާލައިގެނެވެ. ލޯނު ލިބޭ ފަރާތްތަކަށް، ނުވަ ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ އިންޓްރެސްޓެއްގައި ލޯނު ދައްކަން ޖެހެނީ 20 އަހަރު ދުވަހުންނެވެ. ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލު ކުރާނީ ފައިނޭންސްގެ ކަންކަން ހަމަޖެހުމުންނެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގަ އާއި ގާކޮށީގައި އެޅި ފްލެޓްތަކަށް ސަރުކާރުން އެއް ފަހަރާ 278 މިލިއަން ރުފިޔާ ދައްކަން ޖެހުމުން، ހައުސިން މިނިސްޓްރީން ކުރިން އެންގީ އެ ފްލެޓްތައް ދޭނީ ފަސް އަހަރުގެ ތެރޭގައި ފްލެޓްގެ އަގު ކަމަށްވާ ދެ މިލިއަން ރުފިޔާ ދެއްކޭނެ މީހުންނަށް ކަމަށެވެ. އެއީ މަހަކު 33،000ރ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއް ކަންބޮޑުވުން ފާޅުކުރި އެވެ.

ފްލެޓްތަކުގެ ކުލި ދެ މިލިއަނަށްވުރެ ބޮޑު ނުކުރާނަމަ، އެ ފައިސާ 20 އަހަރަށް އަހަރަށް ބަހާލުމުން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 15،000-7،000 ރުފިޔާއާ ދެމެދުގެ އަދަދެއްކަމަށް ލަފާކުރެވެ އެވެ.

ޓާޓާ ހައުސިން ފްލެޓްތަކުގެ މަޝްރޫއަކީ ހައުސިން މިނިސްޓްރީން މެނޭޖްކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއު ނިމުމުން ހައުސިން މިނިސްޓްރީން އެޗްޑީސީއާ ހަވާލުކުރީ ފްލެޓް ތަކާ ގުޅޭ ސޭލްސް މަސައްކަތްތައް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ހަމަޖެއްސުމަށެވެ.