ބޭރު ކުޅިވަރު

ލީގު ކަޕުން ޗެލްސީ ކެޓިއިރު ވެސްޓް ހޭމްގެ ސަޕޯޓަރުން ބޮޑު ހަމަނުޖެހުމަކަށް

Oct 27, 2016

ލީގުގެ ކަޕުގެ ހަތަރު ވަނަ ބުރުގައި ރޭ ޗެލްސީ އާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު ވެސްޓް ހޭމުން 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރި ނަމަވެސް ރެއަކީ ވެސްޓް ހޭމްގެ ފޭނުންގެ ރުޅިގަނޑު ސްޓޭޑިއަމަށް ބަންޑުންކޮށްލި ހަމަނުޖެހުން ބޮޑު ރެއެކެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 4-0ގެ ކާމިޔާބީއެއް ހޯދި ޗެލްސީގެ ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ވެސްޓް ހޭމާ ދެކޮޅަށް ނެރުނު ޓީމުގެ ކޮޅަށް ފުރަތަމަ ލަނޑު ވަދެފައި ވަނީ މެޗުގެ 11 ވަނަ މިނެޓުގަ އެވެ. ކޮޔާޓޭގެ އެ ލަނޑަށް ފަހު ވެސްޓް ހޭމުން ލީޑު ފުޅާކޮށްލީ 48 ވަނަ މިނެޓުގައި ފާނަންޑޭސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ ހަމައެކަނި ލަނޑު ޖެހީ ގެރީ ކޭހިލް އެވެ.

ޗެލްސީ އިން މި މެޗު ކުޅުނީ މިދިޔަ އާދީއްތަ ދުވަހު ޔުނައިޓެޑް ބަލިކުރި ލައިންއަޕަށް ހަތް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން މި މެޗުގައި ޓީމުގެ ފަހަތް ބެލެހެއްޓީ އަނިޔާ އަށް ފަހު ޓީމާ އަލުން ގުޅިފައިވާ ކެޕްޓަން ޖޯން ޓެރީ އެވެ.

ވެސްޓް ހޭމްގެ މަޝްހޫރު ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކުރިއަށް ދަނިކޮށް ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި ވަރުގަދަ ކުރިމަތިލުމަކަށް ގޮސްފައި ވަނީ މެޗުގެ ފަހު ފަސް މިނެޓް ތެރޭގަ އެވެ. އޭގެ ކުރިން، މެޗު ފެށުމުގެ 15 މިނެޓް ކުރިން ސްޓޭޑިއަމްގެ ބޭރުގައި ވެސް ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ކުރިމަތިލުން ހިނގައިގެން އެއް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.

މި ކުރިމަތިލުންތަކުގައި ބިއްލޫރި ފުޅި އާއި ލާރި ފޮތި ފަދަ ތަކެތިން ހަމަލާ ދިނުމުގެ ސަބަބުން ބައެއް ސަޕޯޓަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. މީގެ އިތުރުން ސްޓޭޑިއަމްގެ ބައެއް ގޮނޑިތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

ވެސްޓް ހޭމް އިން ބުނެފައި ވަނީ މި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ފަރާތްތައް ހޯދައި އުމުރު ދުވަހުގެ ބޭންއެއް އެމީހުންގެ މައްޗަށް އިއްވާނެ ކަމަށާއި ހަމަނުޖެހުން އުފައްދާ އެފަދަ ފަރާތްތަކަށް ދެން ކުޅިބަލަން ސްޓޭޑިއަމަށް ނުވަދެވޭނެ ކަމަށެވެ.

ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި ވެސްޓް ހޭމް ނުކުންނާނީ ރޭ މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 ގެ ކާމިޔާބީއެއް ހޯދި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.