ލައިފްސްޓައިލް

އަނދިރިވެގެން ދިޔަ ހަޔާތެއް އަލިކޮށްލަދިން ލޯފަން ބައިވެރިޔާ

މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އޭނާ އަށް ނިދިން ހޭލެވުނީ 2010 ވަނަ އަހަރަށެވެ. އުމުރުން 22 އަހަރު ފުރިފައިވިޔަސް ހަނދާނުގެ މި ވަށްބުރުގައި އޭނާ އަށް އެންމެ 17 އަހަރެވެ. ހަގީގީ ދިރިއުޅުމުގައި މީހަކާ އިނދެގެން އުޅުނަސް ހަނދާނުގެ މި ފަޅި ހަވާސާގައި އޭނާގެ ހުރީ ބޯއިފްރެންޑެކެވެ. ފޯނު ނަގައިގެން އެ ބޯއިފްރެންޑަކަށް ގުޅަން ވެސް ގުޅި އެވެ.

މިއީ ކުރިނބީ އަށް އުފަން ނަޒީހާ އަބްދުއްސައްތާރުގެ އަޖާއިބުކުރުވަނިވި އަދި އެ ވަރަށް ހިތަށް އަސަރުކުރުވާ ދިރިއުޅުމުން ތަންކޮޅެކެވެ.

ޑިސްއެބިލިޓީ އެވޯޑް ލިބިގެން އެކަން ފާހަގަކޮށް އިތުރަށް އަގުވަޒަންކުރުމުގެ ގޮތުން ނަޒީހާގެ ޕްރޮފައިލްއެއް ހެދުމަށް އަޅުގަނޑު އެންމެ ފުރަތަމަ އޭނާ އަށް ގުޅީ ގާތްގަނޑަކަށް މީގެ ދެ ހަފުތާ ކުރިންނެވެ. އެ ދުވަހު އޭނާ ވާހަކަ ދެއްކީ ވަރަށް ވެސް އުފަލުން ހުރެ އެވެ. އިންޓަވިއުއެއް ހޯދަން ގުޅާލީތީ އެކަމާ އުފާވެގެން ގޮސް އަޅުގަނޑަށް ނިކަން ބޮޑަށް ޝުކުރު ވެސް އަދާކުރި އެވެ.

އެންމެފަހުން އެ ފޯނު ކޯލު ނިމިގެން ދިޔައީ އިންޓަވިއުއަކަށް ދުވަހަކާއި ވަގުތެއް ހަމަޖެހިގެންނެވެ. އެކަމަކު އެ ދުވަހަށް ހަމަޖެއްސި ގަޑިއަށް ނަޒީހާގެ ޚަބަރެއް ނުވުމުން އަޅުގަނޑު އޭނާގެ ފޯނަށް އަނެއްކާވެސް ގުޅައިލީމެވެ. އެ ފޯނަށް ޖަވާބު ދިނީ ފިރިހެނެކެވެ. – އެއަށް ފަހު އޭނާ ބުނީ ނަޒީހާގެ ހަނދާނެއް ނެތޭ އެވެ.

އިންޓަވިއު މަތިން ހަނދާން ނެތުނީކީއެއް ނޫނެވެ. އޭނާގެ ހަނދާންތައް 2010 ވަނަ އަހަރާ ހަމަ އަށް ފަހަތަށް ޖެހި، އޭގެ ފަހުގެ އެހެން ހުރިހާ ހަނދާންތަކެއް ކުއްލިއަކަށް "ފޮހެވުނީ" އެވެ.

ދެ ހަފުތާ ފަހުން އަލުން ނަޒީހާގެ ޚަބަރެއްވިއިރު އިންޓަވިއު އާއި އަޅުގަނޑުގެ މަތިން ވެސް ހަނދާން ހުއްޓެވެ. އަދި ގުޅާލީމަ، އިންޓަވިއު ދޭން އަޅުގަނޑުމެންގެ އޮފީހަށް އައީ ކުރިން އެ މީހެއްގެ މަތިން ހަނދާން ނެތުނު ލޯބިވާ ފިރިމީހާ ވެސް ގޮވައިގެންނެވެ. – އެއީ 25 އަހަރުގެ ހުސެން ޝަރީފެވެ.

އުފަންވިއިރު ވެސް ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ހުސެންގެ ދެ އަތުގައި ހިފަހައްޓައިގެން ދޮރުތައް ހުޅުވަމުން ތަން ދައްކަމުން ނަޒީހާ އެތެރެއަށް ވަދެގެން އައި މަންޒަރު ފެނިފައި އިހުނަށްވުރެން ނަޒީހާގެ ވާހަކަ އަށް ޝައުގުވެރިވެ އޭނާގެ އާދަޔާހިލާފު ދިރިއުޅުމުގެ ހާލު ބަލައިލުމަށް ކެތްމަދުވެއްޖެ އެވެ.

އެކަމަކު އޭގެ ކުރިން 2015ގެ ހަނދާނަކުން ފަށައިގަންނަމާ ހިނގާށެވެ.

ކުރީގެ ފިރިމީހާގެ ހުތުރު ފުރައްސާރަ!

ހުސެން އަކީ ނަޒީހާގެ އަލަތު ފިރިމީހާއެއް ނޫނެވެ. ފަހަރެއްގައި މިހައި ހިސާބަށް ދިއުމުން ނުވަތަ ދެން މި ކިޔައިދޭން އުޅޭ ވާހަކައަކުން ވަރަށް ގިނަ މީހުންނަށް ނަޒީހާގެ މޫނަކީ ކޮންމެވެސް ގޮތަކަށް ދެކެފަރިތަ މޫނެއް ކަމުގެ ހަނދާން އާވެދާނެ އެވެ. ވަކިން ހާއްސަކޮށް ސޯޝަލް މީޑިއާގައި ވާނުވާބަލައި ކަންކަމަށް ބޯކޮއްޕައި އުޅޭ މީހުންނަށް އޮންނާނީ ނަޒީހާގެ މި ވާހަކައެއް އަޑުއިވިފަ އެވެ.

އެއީ ނަޒީހާގެ ކުރީގެ ފިރިމީހާ އޭނާ އަށް ފުރައްސާރަ އާއި މަލާމާތް ރައްދުކޮށް ކޮށްފައިވާ ހުތުރު މެސެޖަކުން ހަދާފައިވާ ޕޯސްޓެއް ފޭސްބުކްގައި ވައިރަލްވެގެން އުޅުނު ދުވަސްކޮޅެކެވެ. ފޯނުން ފޯނަށް ފޮނުވި މެސެޖުތަކެއްގައި ނަޒީހާގެ ކުރީގެ ފިރިމީހާ އޭނާ އަށް މަލާމާތްކޮށްލާފައި އޮތީ "ދެ ލޯ ކަނު މީހަކާ އިނދެވި ރީތި ދިރިއުޅުމެއް ލިބިއްޖެ ނޫންހެއްޔޭ" ކިޔައިގެންނެވެ.

"ފުއްޕާފަ ގޮސް ރީތި ދިރިއުޅުމެއް ލިބިއްޖެ ނޫން. އެންމެ ފަހުން އިންނަން ޖެހުނީ ދެލޯ ކަނު މީހަކާ. ސައިކަލް ބުރެއް ވެސް ޖަހާ ނުލެވޭނެ. ދެން އަސާބުރި ހިފައިގެން އެ ފަހަތުން ހިނގާ ހުރެޔ. ކަޑަ ވާނެ،" ސޯޝަލް މީޑިއާގައި ދައުރުވި އެ މެސެޖުގައި ނަޒީހާގެ ކުރީގެ ފިރިމީހާގެ ބަހުރުވަ މިހާ ވެސް ހުތުރުވެފައި ރަހުމުކުޑަ އެވެ.

އެހެންވީމަ ނަޒީހާގެ ވާހަކަ ކިޔައިދޭ ނަމަ އެ ވާހަކައެއް ފަށަން މި ޖެހެނީ އަލަތު ކައިވެނީގެ އަނދިރި ހަނދާންތަކުންނެވެ. އެ އަނދިރިގަނޑަށް ގެއްލިފައި ވަނިކޮށް ނަޒީހާ ދިރިއުޅުމަށް ލޯބީގެ ނޫރު ގެނެސްދިން ލޯފަން ޒުވާނާގެ ވާހަކަ ކިޔައިދޭނީ ފަހުންނެވެ.

އެކަމަކު ނަޒީހާގެ ހުރިހާ ވެސް ޝުކުރެއް، ދެ ޖުމުލަ ދެ މެދުން އޮހެމުން ދަނީ، ލޮލަށް ނުފެނުނަސް، ލޯތްބާއި ކުލުނާއި އޯގާތެރިކަމުން ދިއްލިފައިވާ ހުސެއިންގެ ހިތަށެވެ.

ނަމަވެސް އެންމެ ފުރަތަމަ ބަނދެވުނު އަނދަގޮޑީގައި ޖެހުނު ގޮތަކުން ނަޒީހާގެ ނަފުސުއެއްކޮށް މަރުވީ އެވެ.

އަލަތު ފިރިމީހާ ވެގެން ދިޔައީ ފުރަތަމަ ދުވަހު ފެނުނު އެކުވެރި މަޖާ މީހެއްގެ ގޮތުގައެއް ނޫނެވެ. ކުރިން އެކުގައި ހެމުން ބަދަހިކުރި ގުޅުމަކުން ފައްކާކުރި ލޯބީގެ ގުޅުން އެންމެފަހުން ޒަޚަރަށް ވުރެ ނުބައި ބުއިމަކަށް ބަދަލުވީ އެވެ. ރުޅިގަދަ، އަނިޔާވެރި އަދި އަޅެއް ފަދައިން ނަޒީހާ ހިފަހައްޓައިގެން ގެންގުޅުނު އެ މީހާގެ ވަކިން މުޅިން ދިރިއުޅުމުން ލޭ އޮހޮރިގަތީ އެވެ.

"އެ ކައިވެންޏަށް އަސްލު ވަން މަންތޭ ވެސް ބުނެވިދާނެ. އެކަމަކު ދެ މީހުން ރަސްމީކޮށް ޑިވޯސްވީ އިންތާ ހަ މަސް ފަހުން،" ނުކުޅެދުންތެރިކަމެއް ނެތް ކުރީގެ ފިރިމީހާއާ އެކު ހޭދަކުރި ދުވަސްތައް މަދުކަމުގައިވީ ނަމަވެސް ލިބުނު އަނިޔާގެ ވޭންވަރުން ނަޒީ ސަލާމަތެއް ނުވި އެވެ.

"ޑިވޯސްވެގެން އުޅެނިކޮށް ހުސެންއާ ދިމާވަނީ. އެކަމަކު އޭރު އެއްވެސް ފިރިހެނަކަށް އިތުބާރެއް ނުކުރެވޭ. އޭރަކު ގަބޫލެއް ނުކުރެވޭ އެއްވެސް ފިރިހެނަކު ރަނގަޅުވެދާނެ ކަމަކަށް. ފިރިހެނުން ސިފަވެފައި ހުރީ ވަރަށް ގޯސް ބައެއްގެ ގޮތުގައި. އެއްވެސް ވަރަކަށް ޓްރަސްޓެއް ނުކުރެވޭ އޭރަކު."

ނަޒީގެ ނަފުސު ބަލިކަށިވެފައިވީ މިންވަރަކީ މިއީ އެވެ. އެންމެފަހުން އެ ހިތުގެ ފަރުވާއަކަށް ބަދަލުވެގެން ދިޔައީ މަސައްކަތުގެ މާހައުލުން ބައްދަލުވެ އެކުވެރިޔަކަށް ބަދަލުވި، ފީއަލި ހުސެން އެވެ.

މިހައި ހިސާބުން މި ސާދާ، ހިތްތިރި، ތެދުވެރި ވަފާތެރި ލޯބިވެރިޔާގެ ވާހަކަ އަށް ޖެހިލުން ކިހިނެތް ވާނެ ހެއްޔެވެ؟

ވަފާތެރި ފިރިއެއް، އިމާމެއް، އެވޯޑް ވިނާއެއް!

ހުސެންގެ ކުރު ތައާރަފެއް ދޭ ނަމަ އެ ވަރުން ވެސް ފުދޭނެ އެވެ. ކޮންމެ ދެ އަހަރުން އެއް އަހަރު ދޭ ޑިސްއެބިލިޓީ އެވޯޑް 2014 ވަނަ އަހަރު ހާސިލުކޮށްފައިވާ ހުސެން އޭނާގެ އުފަން ރަށް، ފީއަލީގައި އިމާމުކަން ކުރާތާ މިހާރު ތިން އަހަރުވީ އެވެ. މީގެ އިތުރުން އޭނާ އަކީ ނަޒީހާ ވެސް މަސައްކަތްކުރާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ އެކްސްކޯ މެމްބަރެކެވެ.

ނަޒީހާ އާއި ހުސެންގެ ލޯބީގެ ބަގީޗާ އޮތީ އަދި އެ ބަގީޗާއެއްގައި ފޮޅުނު ހުރިހާ މަލެއް ފޮޅުނީ ވެސް މި ޖަމިއްޔާގެ މަސައްކަތުގެ މާހައުލުގަ އެވެ.

އެންމެ ފުރަތަމަ ދެ މީހުން ބައްދަލުވީ ވެސް ފޯނު މެދުވެރިކޮށެވެ. އާންމުކޮށް ކޮންފަރެންސް ކޯލުތަކުގެ އެހީގައި ބައްދަލުވުންތައް ކުރިއަށް ގެންދާ މި ޖަމިއްޔާގެ މަސައްކަތްތައް ހުންނަގޮތުން ހުސެން އަކީ ބައެއް ފަހަރަށް ވަރަށް ގިނަ ލިޔެކިޔުންތައް ވެސް ބަލަހައްޓަން ޖެހޭ މީހެކެވެ.

ނަޒީ އާއި ހުސެން ބޮޑަށް ގާތްކޮށްލަދިނީ އޭނާގެ މި މަސައްކަތެވެ.

"ދެން ވާގޮތަކީ ސެކްރެޓަރީއެއްވީމަ ވަރަށް ބައިވަރު އެއްޗެހި ލިޔަން ޖެހޭ ބައެއް ފަހަރަށް ހުސެން. އެގޮތަށް ލިޔަން ޖެހޭ އެއްޗެހި ލިޔުމުގައި ހުސެން އަށް އާންމުކޮށް އެހީވަނީ ނަޒީ. އެގޮތަށް އެކުވެރިންނަށް ބަދަލުވީ އެންމެ ފުރަތަމަ،" ނަޒީހާ ކިޔައިދިނެވެ.

އެ ގުޅުމުގައި އެންމެފަހުން ޖެހި ބާރުވެގެން ދިޔަ ލޯބީގެ ގުޅުން ކައިވެނީގެ ގުޅުމަކަށް ބަދަލުވެ މި އަހަރުގެ ޑިސެމްބަރު މަހު ދެ މީހުންގެ ޒަވާޖީ ހަޔާތަށް އަހަރު ފުރޭނެ އެވެ. މުޖުތަމައުގެ ވިސްނުމާއި ހިޔާލުގައި މި ދެމަފިރިންގެ އުނިކަމެއް ހުއްޓަކަސް އެމީހުންގެ ވަރުގަދަ ލޯބީގައި އެއްވެސް އުނިކަމެއް ނެތެވެ.

ހުވަފެންތައް ވަރަށް ބޮޑު، ގަދައަޅައި މަސައްކަތުގައި!

ހުސެންގެ ދެ ލޮލަށް ނުފެނުނަސް އަދި ނަފްސާނީ ތަފާތު މައްސަލަތަކެއް ނަޒީގެ ހަޔާތަށް ކުރިމަތިވެފައިވިޔަސް ދެ މީހުން ވެސް ދިރިއުޅެމުން ދަނީ އަމިއްލަ އަށް މަސައްކަތްކޮށްގެން ހޯދާ އާމްދަނީއަކުންނެވެ. ހާއްސަ އެހީ އަށް ބޭނުންވާ ދެ މީހުންގެ ގޮތުގައި މުޖުތަމައިން އެ މީހުންގެ ކަރުގައި ބޯޑު އަޅުވައިފައިވިޔަސް ހުސެން އާއި ނަޒީ ބުނަނީ އެމީހުންނަށް މިއަދު އުނިވާ އުފަލެއް ނެތް ކަމަށެވެ.

"ކުރިން ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތަފާތުކުރުމުގެ މައްސަލަ. އެންމެނަށް ވެސް އެނގޭ ދެން ނުކުޅެދުންތެރިކަމެއް ހުރީމަ މުޖުތަމައުން އެ ބަޔަކު ބަލައިގަތުމަށް އުނދަގޫވާނެ. މިސާލަކަށް ޖޮބަކަށް ދާން އުޅުނަސް، އެފަދަ ކަމެއް އެ މީހަކަށް ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އުފަންވެ، ބޮޑުވަމުން އައިއިރު ކޮންމެވެސް ވަރަކަށް މަންޒަރު ފެނި ކުލަ ވަކިކުރަން އެނގުނަސް ފަހުން ލޮލުގެ ފެނުން އެއްކޮށް ގެއްލުނު ހުސެން ބުންޏެވެ.

"ބައެއް މީހުން ހިތަށް އަރަނީ އެމީހަކަށް ނުކުރެވޭ ކަމެއް ދެން ހުންނަ މީހަކަށް ވެސް ނުކުރެވޭނެއޭ. އެކަމަކު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެބަހުރޭ އެހެން ޓެލެންޓްތަކެއް ލިބިދީފައި ގުދުރަތުން."

ހުސެން ބުނީ ލޮލަށް ނުފެނުނަސް ދިރިއުޅުން މިއަދު އޭނާ އަށް ފަސޭހަ ކަމަށެވެ.

"އަމިއްލަ އަށް ކަންކަން ކުރަން މަންމަމެން އެންމެ ކުރިން ވެސް ދަސްކޮށްދޭނެ. އެހެންވީމަކަން ނޭނގެ މިހާރު އިރާދަކުރެއްވީތީ ވަކި މީހަކަށް ޑިޕެންޑްނުވެ ގިނަ ކަންކަމުގައި އުޅެވެނީ، ގިނަ ކަންކަން އަމިއްލަ އަށް ކޮށްލެވޭ މިހާރު. ރަށުގައި ތަންތަނަށް ވެސް ގޮސް އުޅެން އެނގޭ،" ކިޔެވުމުގެ ފުރުސަތު ފުރަތަމަ ނުލިބުނަސް އެހީތެރިއެއްގެ އެހީގައި ޕަބްލިކް އެގްޒަމިނޭޝަންގެ އާންމު އިންތިހާނުގެ ސެޓްފިކެޓް ތިނެއް ފުރިހަމަކޮށްފައިވާ ހުސެން ބުންޏެވެ.

ހުސެން ބުނީ އިމާމަކަށް ވެވުނީ ބައްޕަ ވެސް އިމާމަކަށްވީމަ ކަމަށެވެ.

"ވަރަށް ކުރިން ވެސް ހިތަށް އަރާ އެހެން މީހުން ވެސް މަސައްކަތްކުރާ ގޮތަށް މަސައްކަތްކޮށްގެން އަޅުގަނޑު ވެސް އިންކަމްއެއް ހޯދާނަމޭ. އެގޮތަށް އަޒުމް ކަނޑައަޅައިގެން އަބަދުވެސް އުޅެނީ. އެކަމަކު ސްކޫލަށް ނުވެއްދޭތީ، ގޭތެރޭގައި ބައްޕަ އަޅުގަނޑަށް ކިޔަވައިދެއްވީ ބައްޕަ އަށް ލިބިފައި ހުރި އިލްމެއް. އަޅުގަނޑުގެ ބައްޕަ އަކީ ވެސް އިމާމެއްވީމަ އެއީ ފުރަތަމަ ވެސް ލިބުނު އިލްމަކީ،" ހުސެން ކިޔައިދިނެވެ.

"ދެން އެކަމެއްގައި އުޅެވޭ ކަމަކަށްތާ އެ ޝައުގުވެރިކަން ހުރެގެން މަސައްކަތްކުރަން ނުކުމެވޭނީވެސް. އަޅުގަނޑު ވަރަށް ޝައުގުވެރިވޭ އައިޓީ ކަންތަކަށް ވެސް، ފޯނު ކޮމްޕިއުޓާ އެއްޗެހި ބޭނުންކޮށްގެން ކުރެވޭ ކަންތަކަށް ވެސް. ވެބްސައިޓް ހެދުން ކަހަލަ މަސައްކަތްތަކަށް ވެސް. އެކަމަކު ބޮޑަށް (އިމާމުގެ) ދާއިރާއިން ނުކުމެވިފައި ހުރީމަ މި ދާއިރާގައި މި އުޅެވެނީ. އެއީ ބައްޕަ އަށް ވެސް ލިބިފައިހުރި އިލްމު ކަމަށްވާތީ އެންމެ ކުޑައިރު ވެސް ގުރުއާން ކްލާސްތަކަށް ފޮނުވައިގެން ލިބިފައި ހުރި އިލްމަކީ މިއީ ކަމަށްވީމަ'

"އެހެން އުޅެނިކޮށް އިމާމެއްގެ ގޮތުގައި ރަށުން ފުރުސަތު ލިބުނީމަ ހިތަށް އެރީ ފުރުސަތު އޮތް ދާއިރާއަކުންނޭ ދާނީ."

އިމާމެއްގެ ވަޒީފާ ހުސެން ރަށުގައި އަދާކުރަމުން އަންނައިރު އަންހެނުން ނަޒީހާ ދަނީ މާލޭގައި ގުރުއާން ޓީޗަރަކަށް ކިޔަވައި ތަމްރީން ހަދަމުންނެވެ. ދެމަފިރިން މި ވަގުތަށް އެއްތަންވެފައި އެ ވަނީ މިދިޔަ ހަފުތާގައި ނަޒީ އަށް ދިމާވި ކުއްލި ސިއްހީ މައްސަލައާ ގުޅިގެން ހުސެން މާލެ ފުރައިގެން އައުމުންނެވެ.

ހުސެންގެ ހަޔާތުގައި މިއަދު ނަޒީހާ އަށް ވުރެން ވަކި ހާއްސަ މީހަކު ނެތެވެ.

"އެކަމަކު މީގެ ކުރިން ވެސް ލައިފް ޕާޓްނަރަކަށް ހެދުމަށް އެކި ކުދިންނަށް ޓްރައިކުރެވިފައި އެބަހުރި. އެކަމަކު އެ ހުރިހާ ކުދިންތަކެއްގެ ތެރެއިން ވެސް ތަފާތު ކުއްޖެއްގެ ގޮތުގައި ނަޒީ ފާހަގަކޮށްލެވެނީ. އެހެންވެގެންކަން ނޭނގެ ލައިފަށް މި ގެނެވުނީ ވެސް،" ލުއި ހިނިތުންވުމެއްގެ ތެރެއިން ހުސެން ބުނެލި އެވެ.

މިވަގުތު މި ދެމަފިރިން މާލޭގައި ދިރިއުޅެމުން ދަނީ ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެއެއްގަ އެވެ. ނަޒީހާ މާލޭގައި ކިޔަވަން ހުރި، ކުދިން ބައިތިއްބައިދޭ ގެއިން ނުކުމެގެން ދާން މަޖުބޫރުވީ އެ ގޭގެ މީހުން ވެސް އެމީހުންނަށް އެހާ ރަނގަޅުނޫންވީމަ އެވެ.

ނަޒީހާގެ ހަނދާންތައް އެނބުރި އައީ ކުއްލި ޝޮކެއް އަލުން ލިބިގެން ކަމަށާއި ހަނދާންތައް ފުރަތަމަ ފޮހެވުނީ ވެސް އެފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް އޭނާގެ ޑޮކްޓަރުން ބުނެފައިވެ އެވެ. މި އިންޓަވިއު އަށް ހަމަޖެހިފައިވީ ވަގުތު ހަމަވުމާ އެކު ދެމަފިރިން އަވަސްވެގަތީ ކުރިއަށް ހަމަޖައްސާފައި އޮތް ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށް ވާސިލުވުމަށެވެ.

ގޮނޑިން ތެދުވެ، ހުސެންގެ އަތުގައި ހިފައިގެން ފަރުވާތެރިކަމާ އެކު ނަޒީހާ ބޭރަށް ހިނގައިގަތެވެ.