ހަފުތާ ބަންދު މާ އަވަހަށް ނިމޭ ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ އަސްލު ހަފުތާ ބަންދު އަހަރުމެން ހީނުކުރާހާ ދިގެވެ. ބުރާސްފަތި ދުވަހު ހަވީރު ހަޔަކުން އާދީއްދަ ދުވަހުގެ ހެނދުނު ހަޔަކާ ދެމެދު 60 ގަޑިއިރު އޮވެއެވެ. މީގެ ތެރެއިން 24 ގަޑިއިރު ނިދަން ދޫކޮށްލިޔަސް އަދި 36 ގަޑި އިރު އެހެން ހުރިހާ ކަމަކަށް އޮވެއެވެ. އެހެންކަމުން ހަފުތާ ބަންދު ހަދަންވީ މަޖާ ކޮށްލައި މީހާ ރިލޭކްސް ކޮށްލާށެވެ. ހަފުތާބަންދުގައި އެންމެ މުހިއްމުކަމެއް ދޭންވީ މީހާގެ ބެޓަރީ ރީޗާޖް ކުރާށެވެ. އޭރުން ހަފުތާ ބަންދު އެކަށް ފުރިހަމަވީ އެވެ.
ކާމިޔާބު މީހުންނަކީ އެމީހުންގެ ހަފުތާ ބަންދު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާ މީހުންނެވެ. މަސައްކަތުގައި ކާމިޔާބު ވަނީ ހަފުތާބަންދު ސަޅިކޮށް ހޭދަކޮށްލެވުމުންނެވެ. ހަފުތާ ބަންދުގައި މީހާ ވަރުބަލިކޮށްލައި ފޫހިކޮށް ހޭދަކޮށްލުމުގެ ބަދަލުގައި މީހާ ތާޒާ ކޮށްލުމަށް ހޭދަ ކުރުމުން އާދިއްދަ ދުވަހަށް މީހާ ތައްޔާރު ކޮށްދެ އެވެ. ފުރިހަމަ ގޮތުގައި ހަފުތާ ބަންދު ހޭދަކުރުމަށް މި ކަންކަން ކުރަންވީ އެވެ.
ފުރަތަމަ ޕްލޭނެއް ހަދަންވީ
އެންމެންނަކީވެސް ބިޒީ މީހުންނެވެ. ބިޒީކަމުން ހަފުތާ ބަންދު އައިސް ޖެހުމުން އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ނަމަވެސް އެއްވެސް ކަމެއް ނުކޮށް އަތްއުރާލައިގެން 2 ދުވަސް ވަން ދެން ނުތިބެވޭނެއެވެ. އެއީ ބުއްދި ގަބޫލުކުރާ ކަމެއްވެސް ނޫނެވެ. އަދި ޕްލޭނެއް ނެތި ކޮންމެވެސް ކުޑަ ކަމެއްގައި އުޅެނިކޮށް އާދިއްދަ ދުވަސް ޖެހި ހަފުތާ ބަންދަށް ވީ ނުވީ ނޭގިގެން އުޅެން ޖެހެއެވެ. މީގެ ބަދަލުގައި ޕްލޭނެއް ހަދައި އެކަމަށް ހަފުތާތެރޭ އިންތިޒާރުކޮށް ހަފުތާ ބަންދުގައި އެކަމެއް ކުރުމުން މީހާއަށް ހަމަޖެހުން ލިބެއެވެ. މަގުސަދެއް ހާސިލުވުމުގެ އުފަލާއިއެކު ސަޅިކަމެއް ކޮށްލުމުގެ އުފާވެސް ލިބެއެވެ. އެހެން ކަމުން ކޮންމެވެސް ޕްލޭނެއް އަބަދުވެސް އޮންނަންވާނެ އެވެ.
މާގިނަ ކަންކަން ކުރަން ނުރާވާ
ޕްލޭނެއް ހެދިޔަސް މާ ގިނަ ކަންކަން ކުރުމަށް ނުރާވާށެވެ. ހަފުތާބަންދުގައި ކުރަން ބޭނުން ބޮޑު ތިން ކަމެއް ވަރު ރާވާލާށެވެ. މާ ގިނަ ކަންކަން ރޭވުމުން ހަމަޖެހިލުމަށް ވަގުތު ކޮޅެއް ނުލިބި މީހާއެއްކޮށް އިތުރަށް ބިޒީކޮށްލަަ އެވެ. އަދި ހަފުތާ ބަންދުގެ ވަރުބަލިކަން ނުފިލައިގެން އުޅެނިކޮށް އަލުން އޮފީހަށް ނިކުންނަ ދުވަސް ޖެހެ އެވެ.
ހަދާ ޕްލޭންގައި މީހާ ރިިލެކްސްވާ ކަންކަން ހިމަނާލާށެވެ. އަބަދު ތެޅިފޮޅި ގަނެގެން ލައިނުގަނެގެން އުޅޭކަމުގެ އިހުސާސުން ދުރުވެ ތަންކޮޅެއް ހަމަޖެހިލައިގެން ވެސް ބައެއް ވަގުތު ހޭދަކުރާށެވެ.
އާއިލާއާ އަމިއްލަ ނަފުސަށް ވަގުތު ހުސްކުރޭ
ހަފުތާ ބަންދުގައި މުޅި އާއިލާއާއެކު ރަނގަޅު ގޮތެއްގައި ވަގުތު ހޭދަކުރާށެވެ. ކުދިންނަށް އެކުދިންނަށް ދޭންވާ ސަމާލުކަން ވަކި ވަކިން ދެވޭތޯ ބަލާށެވެ. ކުއްޖަކާއި އެއްކޮށް އާޓް ޕްރޮޖެކްޓެއް ހެދުން، ބޭނުންވާ އެއްޗެއް ގަންނަން ދިއުން، ނުވަތަ އައިސްކްރީމެއް ބޯލަން ދިއުން ފަދަ ކަމެއް ކުރެވިދާނެ އެވެ. މިއީ އެ ކުދިންގެ ހިތްތަކަށް އުފާވެރިކަން ގެންނަ ކަމެއް އަދި މިކަހަލަ ކަންކަމަކީ އެކުދިން ރައްކާކުރާ ފޮނި ހަނދާންތަކަށް ވެގެންދާނެ އެވެ.
އާއިލާއަށް ވަގުތު ހުސްކުރާ ގޮތަށް އަމިއްލަ ނަފްސަށް ވެސް ވަގުތުކޮޅެއް ދޭށެވެ. ކުރަން ބޭނުންވާ ކޮންމެވެސް ކަމެއް މިސާލަކަށް ފޮތެއް ކިޔާލުން، ކޮންމެވެސް އާ ރެސިޕީއަކަށް އެއްޗެއް ކެއްކުން ކަމުގައި ވިއަސް ނުވަތަ ބައިވެރިވާން ބޭނުން އިވެންޓެއްގައި ބައިވެރިވުމަށް ވިޔަސް މެއެވެ. މިގޮތަށް އަމިއްލަ ނަފްސަށް ވެސް ވަގުތު ކޮޅެއް ހޯދާށެވެ. މިއީ މިހާގެ ސްޓްރެސް މަދުވެ ހަމަޖެހުން ގެންނަ ކަމެކެވެ.
ނިދާލަން ވަގުތު ކޮޅެއް
އަހަރުމެންނަށް އަބަދުވެސް ތިބެނީ ފޯނު ސްކްރޯލް ކޮށްލަ ކޮށްލައެވެ. ނުވަތަ ޓީވީ ބެލުމުގައި ނުވަތަ އީމެއިލް ޗެކް ކުރުމުގަ އެވެ. މީގެ ބަދަލުގައި މީހާއަށް އަރާމު ހޯދުމަށް ދެގަޑިއިރު ވަރު ނިދާލުމަށް ވެސް ވަގުތު ކޮޅެއް ހޯދިދާނެ އެވެ. މިގޮތަށް ކަންތައް ކުރުމުން ހަފުތާގެ ވަރުބަލިކަން ފިލާ މީހާ ތާޒާވެލާނެ އެވެ.
ކަސްރަތު ކުރުން
މޫދަށް ގޮސް ފަތާލަން ހަފުތާ ބަންދުގެ ކޮންމެވެސް އެއް ދުވަހުން ވަގުތުކޮޅެއް ހޯދާށެވެ. ފެތުމަކީ މީހާގެ މުޅި ހަށިގަނޑަށް ލިބޭ ކަސްރަތެކެވެ. މީގެ އިތުރުން ވެސް މޫދު ކައިރީގަ އާއި ގޮނޑުދޮށުގައި ވަގުތު ހޭދަކުރުމަކީ މީހާގެ ސްޓްރެސް ފިލައިގެންދާ ކަމެކެވެ. ފެތުމުގެ އިތުރުން ވެސް މުޅި ހަފުތާގައި ވެސް ފަށަން ގަސްދުކުރު ކަސްރަތު ފަށައިގަތުމަށް ހަފްތާ ބަންދުގައި ސަޅިއެވެ.
އަދި އާއްމުކޮށް ކަސްރަތަށް ދުވުން ފަދަ ކަމެއް ކުރާނަމަ ހަފްތާ ބަންދުގައި ދުވާ މިންވަރު އިތުރު ކޮށްލެވިދާނެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހެލިފެލިވެ އުޅުމާއި ކަސްރަތު މުހިއްމެވެ. ކަސްރަތުގެ ސަބަބުން ސިއްހީ އެތައް ފައިދާއެއް މީހާއަށް ކުރެއެވެ.
ގޭތެރޭ މަސައްކަތަށް ބަންދު ދުއްވާނުލުން
ގޭތެރޭގެ މަސައްކަތްތަކަކީ ނިމުމެއް ނޯންނަ ކަމެކެވެ. ކެއްކުމާއި، ދޮވެ އިސްތިރީ ކުރުމާއި ގޭތެރޭ ތަރުތީބު ކުރުމެވެ. މުޅި ހަފްތާ ބަންދު އެއްކޮށް މި ކަމަށް ދުއްވާލުމުގެ ބަދަލުގައި ގޭގެ އެއްމެންނަށް އެކި ކަންކަން ބަހާލާށެވެ. އަދި ކޮންމެ މީހަކުވެސް އެމީހަކު ކުރަން ކަނޑައަޅާފައި މިންވަރަށް ގޭތެރޭ މަސައްކަތް ކުރާށެވެ. މުޅި ހަފްތާ ބަންދުގޭތެރޭ މަސައްކަތުގައި އުޅުމަކީ ވެސް ވަރުބަލިވާ ކަމެކެވެ. އެންމެ ސަޅިގޮތަކީ ހަފްތާތެރެއަށް ވެސް ބައެއް ކަންކަން ބަހާލައިގެން ކުރުމެވެ. އޭރުން ކައިރީގައި ހުރި އާ ކެފޭއަށް ވަދެލަން ވެސް ހަފްތާ ބަންދުގައި ވަގުތު އޮންނާނެ އެވެ. އަދި ހަފްތާ ތެރޭގައިވެސް ގޭތެރެ ތަރުތީބު ކުރުމަށް ވަގުތު ހުސްކުރާނަމަ ބަންދުގައި ކުރަން އޮންނަ ބައިވެސް މަދުވާނެއެވެ.
ކުރިއަށް އޮތް ހަފްތާއަށް ޕްލޭނެއް ހެދުން
ކާމިޔާބު މީހުންގެ އަބަދުވެސް ޕްލޭނެއް އޮވެއެވެ. ދުރަށް ވިސްނަ އެވެ. ކާމިޔާބު މީހަކަށް ވާން ބޭނުން ނަމަ ކުރިއަށް އޮތް ހަފުތާއަށް ޕްލޭނެއް ހަދާށެވެ. އަދި އެ ޕްލޭންގަ ކުރަން ކަނޑައަޅާ ކަންކަން ކުރުމަށް ވަގުތު ދިނުމުން މީހާ އަބަދުވެސް މަސައްކަތް ކުރާނީ ކޮންމެވެސް މަގްސަދަކަށެވެ. މިއީ މީހާގެ ވަގުތު ސަލާމަތް ކުރުމަށާއި ސްޓްރެސް ފިލުވާލައިދޭން އެހީތެރިކޮށްދޭނެ ކަމެކެވެ.