ބޭރު ކުޅިވަރު

ރޫނީ އަނބުރާ ގެންދަން އެވަޓަން އިން މަސައްކަތް ފަށައިފި

Oct 29, 2016

މެންޗެސްޓާ ޔުނައިޓާޑްގެ ކެޕްޓަން ވެންރޫނީ އަނބުރާ ގެންދަން އެވަޓަންއިން މަސައްކަތް ފަށައިފިއެވެ.

ދެހާސް ހަތަރު ވަނަ އަހަރު މެންޗެސްޓާ ޔުނައިޓަޑާ ގުޅުމުގެ ކުރިން ރުނީ އޭނާގެ ކެރިއާ ފެށީ އެވަޓަން އިންނެވެ. އެވަޓަންގައި ހުރުމަށްފަހު މެންޔޫއަށް ރޫނީ ބަދަލުވީ 25.6 މިލިއަން ޕައުންޑްގެ ޓްރާންސްފާގެ އަގަކަށެވެ.

މި ސީޒަންގައި މެންޔޫގެ ކޯޗް ކަމާ ޖޯސޭ މޮރީނިއޯ ހަވާލުވިފަހުން މުހިންމު ގިނަ މެޗްތަކުގައި ރޫނީ އަށް ފުރަތަމަ 11 އިން ޖާގައެއް ނުލިބެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓަޑް ދޫކޮށްލަން ބޭނުންވާ ވާހަކަ ރުނީ ވަނީ މޮރީނިއޯ ގާތު މިހާރު ބުނެފައެވެ.

މާދަމާ ވެސްޓަހަމްއާ ދެކޮޅަށް އެވަޓަން ކޫޅޭ މެޗްގެ ކުރިން މީޑިއާ ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗް ޑޮނަލްޑް ކޮއެމަން ބުނީ "ރޫނީވެސް އެވަޓަން އަށް އެނބުރި އަންނަން ބޭނުންވާނެ ކަން ޔަގީން،" ކަމަށާއި "އޭނާ އައިސްފިނަމަ އެކަން ވަނީ ވަރަށް ފުރިހަމަ ކަމަކަށް،" ކަމަށެވެ.

"އަހަންނަކަށް ނޭންގެ އޭނާ މިހާރުގެ ހާލަތަކީ ކޮބައިކަމެއް، އެ ހާލަތަށް އަހަރެން އިހްތިރާމް ކުރަން އެއީ އަހަރެންގެ މައްސަލައެއް ނޫން، ރުނީ އަކީ އެވަޓަންއަށް އެއްފަހަރަށް ނަމަވެސް އޮޕްޝަނެއް ކަމުގައިވާނަމަ އަހަރެން އާނ އެކޭ ބުނާނަން."
"އަދި އޭނާގެ ކެރިއާއެއް ނުނިމޭ އޭނާ އަކީ މޮޅު ކުޅުންތެރިޔެއް އެވަޓަންއިން އޭނާއަށް މަރުހާބާ ކިޔާނެ،" ކޮއެމަން ބުންޏެވެ.

ދެހާސް ދެ ވަނަ އަހަރު ރޫނީ އެވަޓަންއަށް ކުޅުނު އިރު އޭނާ ވަނީ އުމުރުން 16 އަހަރުގައި އާސެނަލް ކޮޅަށް މޮޅު ލަނޑެއް ޖާހަފައެވެ. އެއަށްފަހު އޭނާ އަށް އިނގިރޭސި މީޑިއާތަކުން ބޮޑު ސަމާލުކަމެއް ހުއްޓުނެވެ.