އާދަމް ޝަރީފު އުމަރު

"ސިޔާސީ ފިކުރު ތަފާތަސް ދީނަށް ގޮންޖެހުމުގެ ފުރުސަތު ދިވެހިން ނުދޭނެ"

ސިޔާސީ ގޮތުން ކިތަންމެ ބޮޑު ހިޔާލު ތަފާތުވުންތަކެއް އޮތް ނަމަވެސް ދިވެހި ފަސްގަނޑުގައި އިސްލާމްދީނަށް ގޮންޖަހައި ކުޑައިމީސް ކުރަން އެއްވެސް ދިވެއްސަކު ފުރުސަތެއް ނުދޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ފެއާ ފަށަން މިއަދު ނެޝަނަލް އާޓް ގެލެރީ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވާއިރު އިސްލާމީ ހިދާޔަތާއި ވަހުދަތު ދަމަހައްޓައި ފެތުރުމަށް ދިވެހިން އަބަދުވެސް ހިއްވަރުދީ މަސައްކަތް ކުރާ ކަމަށެވެ. އަދި އެއީ އެއިރެއްގައި އޮންނަ ސަރުކާރަކުން ވެސް އިސްކަންދޭ ކަމެއް ކަމަށާއި ހާއްސަކޮށް މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ އިސްލާމް ދީނުގެ ދަންމަރު ކުރިއަރުވަން ބޮޑަށް އިސްކަންދެއްވާ ބޭފުޅެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހިންގެ ތެރޭގައި ސިޔާސީ ގޮތުން ކިތަންމެ ބޮޑު ތަފާތުވުންތަކެއް އޮތް ނަމަވެސް، ޒަމީރު ގަބޫލުކުރާ ގޮތުން އިސްލާމްދީނަށް ކުޑައިމީސް ކަމެއް ކުރަން ފުރުސަތެއް ނުދޭނެ ކަމީ ވަރަށް ބޮޑު ހަގީގަތެއް ކަމަށެވެ. އެހެންކަމުން ދިވެހިންގެ ހިތްތަކުގައި ގައުމީ ރޫހާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ކުރާ މަސައްކަތަކީ ވަރަށް މުހިއްމު އަދި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި އެކަމުގައި އިސްލާމިކް މިނިސްޓްރީއާއި އިސްލާމް ދީނަށް މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަކީ އަގު ނުކުރެވޭ ވަރުގެ މަސައްކަތްތަކެއް ކަމަށެވެ.

ރާއްޖޭގައި އިސްލާމްދީން ފެތުރުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެކަން ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުން ބަލައިގަންނަ ކަމަށާއި އެފަދަ ގޮތަކަށް ދިވެހިން ބޭރު ގައުމުތަކަށް މަޝްހޫރުވެގެން ދިއުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.

މިއަދު ފެށި ފެއާ އަށް އިޝާރާތްކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ދީނީ ކަންކަން ދައްކުވައިދޭ ފެއާއެއް ބޭއްވުމަކީ، ރާއްޖެ ފަދަ ގައުމެއްގައި ދީނީ ކަންކަން ފެތުރުމަށް ލިބޭ އިތުރު ހިއްވަރެއް ކަމަށާއި، މިއީ އެކަކު އަނެކަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމަށެވެ.

"މިފަދަ ގުލްޒާރެއް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ފައިދާ އަކީ މިފަދަ ގުލްޒާރެއްގައި ހިތްހަމަޖެހުމާއި އުފަލާއެކު އެކަކު އަނެކަކަށް ވާހަކަ ދައްކާލާ، ސައްލާ ކޮށްލާ ކަންކަން އޮތްގޮތް ދެނެގަތުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް. މިއީ މީގެ ސަބަބުން ރާއްޖޭގައި މިފަދަ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ލިބޭނެ ބޮޑު ހިއްވަރެއް. ހަމަ އެއާއެކު ދީނާ މެދު އޮންނަ ހިޔާލު ތަފާތުވުންތައް ފިލުވައި ކަންކަމުގެ ރަނގަޅު ގޮތް ދެނެގަތުމަށް ވެސް މިއީ ވަރަށް މުހިއްމު މަސައްކަތެއް،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ވިދާޅުވީ، އިސްލާމިކް ފެއާއަކީ މީގެ ކުރިން ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ހާމަކުރުމަށް ބާއްވާ ފެއާއެއް ކަމަށެވެ. ނަމަވެސް، ކުރީ އަހަރުތަކަށްވުރެ މިއަހަރުގެ ފެއާ ފުޅާކޮށް މިއަހަރުގެ ފެއާގައި ތައުލީމާއި ތަރުބިއްޔަތާއި، ސަގާފަތާއި ދީން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވާ ކަމަށާއި އެއީ ދިވެހިން އިސްލާމްދީނާ ދޭތެރޭ ވިސްނާ ވިސްނުން ފުޅާވެ ތަރައްގީ ވަމުންދާކަން ހާމަވާކަމެއް ކަމަށެވެ.