ޕީޕީއެމް

ރައީސް ޔާމީނަށް ޕީޕީއެމްގެ ފުރިހަމަ ތާއީދު އެބައޮތް: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީނަކީ ޕީޕީއެމް އުފައްދަން އެންމެ ފުރަތަމަ ކުރި މަސައްކަތްތަކުގައި މޭސްތިރިއަކަށް ހުންނެވި ބޭފުޅެއް ކަމަށާއި މިއަދާ ހަމައަށްވެސް ޕާޓީއަށް ހެޔޮ ގޮތް ހޯދައިދެއްވަން ގިނަ މަސައްކަތްތަކެއް އެމަނިކުފާނު ކުރައްވާފައިވުމުން ޕީޕީއެމްގެ ފުރިހަމަ ތާއީދު އަބަދުވެސް އެމަނިކުފާނާއެކު އޮންނާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޕީޕީއެމް އުފެދުނީއްސުރެ ކާމިޔާބީތައް ހޯއްދަވައި ޕާޓީއަށް މެންބަރުން އިތުރުކޮށް އިންތިހާބުތައް ކާކާމިޔާބު ކުރެއްވުމަށް ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެކަންކަން ޕީޕީއެމުން ބަލައިގަންނަ ކަމަށާއި އެހެންކަމުން ރައީސް އެދިވަޑައިގަންނަވާ ކޮންމެ ކަމެއްގައި ޕީޕީއެމްގެ އެއްބާރުލުން ލިބިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"... މި ޕާޓީ އުފެދުނުތާ ގާތްގަނޑަކަށް ދެ އަހަރު ދުވަސްތެރޭ ދިވެހި ރައްޔިތުން ވަނީ ޕާޓީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރައީސް ކަމަށް އިންތިހާބުކޮށްފަ އެވެ. ޕީޕީއެމުން ދެކެނީ މިއީ މި ޕާޓީގެ އާންމު މެންބަރުންގެ އިހުލާސްތެރި ބުރަ މަސައްކަތް ކަމަށެވެ. މި ޕާޓީ އުފެއްދެވުމަށް އިސް ނަންގަވާ އެކަމުގައި އެންމެ ފުރަތަމަ އަމަލީ މަސައްކަތް ފެއްތެވި ބޭފުޅަކީ ރައީސް ޔާމީން އަބްދުލް ގައްޔޫމް އެވެ،" ޕީޕީއެމުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ ތެރޭގައި ރައީސް ޔާމީނަށް އޮތް ތާއީދަށް ހީނަރުކަމެއް ނާންނަ ކަމަށް އިޝާރާތްކުރައްވާ އެ ބަޔާނުގައި ބުނެފައިވަނީ، ޕާޓީގެ ކައުންސިލާއި ޕާލިމެންޓްރީ ގްރޫޕާއި، ގޮފިތަކާއި، ހަރަކާތްތަކާއި ކޮމިޓީތައް، ޖުމްލަކޮށް މުޅި ޕީޕީއެމްގެ ވެސް ތާއީދު އޮތީ ސަރުކާރާއެކު ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ކުރައްވާ ހުރިހާ ކަމެއްގައި ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިދާނެ ކަމަށް ދެކެވޭ ވާހަކަތައް ވެސް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައެއް މެންބަރުން ވަނީ ދޮގު ކުރައްވާފަ އެވެ.