ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންއާ ގާސިމް ގުޅިގެން މަސައްކަތް ކުރަން ނިންމައިފި

ސަރުކާރާ ދެކޮޅަށް މަސައްކަތް ފައްޓަވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ދެ ބޭފުޅުން ބައްދަލު ކުރައްވާ އެކުގައި މަސައްކަތް ކުރައްވަން ނިންމައިފި އެވެ. އެ ދެ ބޭފުޅުން މިއަދު ބައްދަލުކުރެއްވީ ޖުމްހޫރީ ޕާޓީގެ ހަރުގެ ކަމަށްވާ މ. ކުނޫޒުގަ އެވެ.

މި މަޝްވަރާ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ މައުމޫން ވިދާޅުވީ އެ ފެކްޝަނުން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދު ޖޭޕީއާއެކު މަޝްވަރާ ކުރެއްވީ ރާއްޖޭގައި ހަގީގީ ޑިމޮކްރަޓިކް ވެއްޓެއް ގާއިމް ކުރުމަށާއި ދެ ފަރާތުން ގުޅިގެން އެކަން ކުރެވޭނެ ގޮތްތަކާ މެދު ކަމަށެވެ.

"އަޅުގަނޑުމެން އެއްބަސްވީ ފަންތީގައި އިތުރަށް ވާހަކަ ދައްކައިގެން ރައްޔިތުން މަޖިލީހުގެ ތެރެއިންނާއި ބޭރުން ރާއްޖެއަށް ރަނގަޅު އިސްލާހުތަކެއް ގެންނަން ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ މެދު، އެ މަސައްކަތުގައި ދެމި ތިބޭނެ،" މައުމޫން ވިދާޅުވި އެވެ.

މި މައްސަލަތަކާ ގުޅިގެން ގާސިމް ވިދާޅުވީ ޖޭޕީއަކީ ގާނޫނުއަސާސީގެ ތެރޭގައި މީހުންގެ ހައްގުތައް ދިފާއު ކުރަން އަބަދުވެސް މަސައްކަތް ކުރައްވާ ޕާޓީއެއް ކަމަށާއި އެގޮތުން ރައީސް މައުމޫން ފަރާތްޕުޅުންނާއި އެހެން ޕާޓީތަކުގެ ފަރާތުން ވެސް ހުށަހެޅޭ ހުރިހާ ރަނގަޅު ހުށަހެޅުމަކަށް އެ ޕާޓީއިން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި މައުމޫން ފަރާތުން މިއަދު ހުށަހެޅުއްވި ހުރިހާ ކަމެއް ބަލައިގަންނަ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ރައީސް މައުމޫންއަކީ ޕީޕީއެމްގެ ރައީސް ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އަދި އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ހިންގާ ކަންކަމެއް ގަބޫލެއް ނުކުރެވޭނެ. އެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ވެސް ޒިންމާއެއް،" ގާސިމް ވިދާޅުވި އެވެ.

މައުމޫންއާއި ގާސިމް ގުޅިގެން މަސައްކަތް ކުރަން ނިންމެވީ ސަރުކާރުން ކުރާ ކަންކަމާ ދެކޮޅަށް ޖޭޕީ އިން ފާޑު ކިޔަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މައުމޫން ވަނީ އެމަނިކުފާނު މި ސަރުކާރަށް ކުރާ ތާއީދު ގެންދެވިކަން ހާމަ ކުރައްވައިފަ އެވެ. ނަމަވެސް ޕީޕީއެމްއިން މިއަދު ބުނެފައިވަނީ އެ ޕާޓީގެ ރިހަމަ ތާއީދު ރައީސް ޔާމީންއާ އެކުގައިވާ ކަމަށެވެ.