ހަބަރު

ކަރަންޓު ބޭނުންކުރާ ގޮތުގެ ދިރާސާއެއް ހަދަން ހަވާލުކޮށްފި

ކަރަންޓުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމާމެދު އާންމުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއެކު އެންވަޔަރަމަންޓް މިނިސްޓްރީން ސޮއިކޮސްފި އެވެ. އެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 490،000ރ. އަށެވެ.


މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާސާ އެކުލަވާލުމުގެ އެއްބަސްވުމުގައި ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަމީޒެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަބްދުﷲ މަތީނެވެ.


މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މަތީނު ވިދާޅުވީ، މިއީ މިފަދަ ދިރާސާއެއް ރާއްޖޭގައި ހަދާ ފުރަތަމަ ފަހަރު ކަމަށް ވުމުން ދިރާސާއިން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެނާޖީ އެފިޝިއެންސީ ކެމްޕެއިން ރާއްޖޭގައި ހިންގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި ކެމްޕޭންތައް ފަށާނެ ކަމަށެވެ.


ރާއްޖޭގެ ހުރިހާ ރަށެއް ހިމަނައިގެން ކުރިއަށްގެންދާ އެ ދިރާސާގެ ތެރެއިން ކަރަންޓާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން ހުރި މިންވަރާއި، ވަކި ވަކި ގޭބިސީތަކުން ކަރަންޓް ހަރަދުކުރާ ވަރާއި، ތިމާވެއްޓާ ރައްޓެހި ގޮތަށް ކަރަންޓް ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ބެހޭ މައުލޫމާތު އެއްކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.