ބޮލީވުޑް

ހޮކީ ލެޖެންޑް ބަލްބީރްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އަކްޝޭ

Nov 3, 2016

މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ވަނީ އޭނާ ދެން ކުޅޭ ފިލްމަކީ "ގޯލްޑް" ކަން އިއުލާންކޮށްފަ އެވެ.

"ތަލާޝް" ގެ ޑައިރެކްޓަރު ރީމާ ކަގްތީ ޑައިރެކްޓްކުރާ "ގޯލްޑް" އަކީ އޮލިމްޕިކްސްގައި ހޮކީއިން އިންޑިއާއަށް ތިން ރަން މެޑަލް ހޯދާދީފައިވާ ހޮކީ ކުޅުންތެރިޔާ ބަލްބީރް ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެެކެވެ.

ނަވާރަ ސަތޭކަ ސާޅީސް އަށެއްްގައި އިންޑިއާއިން އޮލިމްޕިކްސްގައި ހޯދި އެންމެފުރަތަމަ ރަން މެޑަލު ހޯދި ގޮތް ދައްކުވައިދޭ ފިލްމު އުފައްދަނީ އެކެސެލް އެންޓަޓެއިންމަންޓުންނެވެ.

ހޮކީ ލެޖެންޑުގެ ގޮތުގައި މަޝްހޫރު ބަލްބީރްގެ ހަޔާތުގެ މައްޗަށް އުފައްދާ މިފިލްމުގައި އޭނާގެ ރޯލުން ފެނިގެންދާނީ އަކްޝޭ އެވެ. ބަލްބީރުގެ އުމުރުން މިހާރު 91 އަހަރުވެފައިވާއިރު އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.

ބަލްބީރް ވަނީ އޭނާގެ ހޮކީ ކެރިއަރުގައި އޮލިމްޕިކްސްގައި 1948 އާއި 1954 އަދި 1956 ގައި އޭނާގެ ވައިސް ކެޕްޓަން ކަމާއި ކެޕްޓަން ކަމުގައި ވާދަކޮށް ތިން ރަންމެޑަލް ކާމިޔާބުކޮށްދީފަ އެވެ.

އިންޑިއާގެ ގައުމީ ކުޅިވަރުގެ ގޮތުގައި ކަނޑައަޅާފައިވާ ހޮކީއިން ރިޓާޔާވުމަށްފަހު ވެސް ބަލްބީރް ވަނީ ހޮކީ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އޭނާ ވަނީ ހޮކީ ޓީމުގެ ކޯޗްކަމާއި މެނޭޖަރުކަންވެސް ކޮށްފަ އެވެ. ބަލްބީރް އޭނާގެ އާއިލާ އާއެކު މިހާރު ދިރުއުޅެމުން ދަނީ ކެނެޑާގަ އެވެ.

މީގެކުރިން އަކްޝޭ ވަނީ ބައެއް ފިލްމުތަކުގެ ކުޅިވަރުގެ ރޯލުތައް ކުޅެފަ އެވެ. އެގޮތުން "ޕަޓިއާލާ ހައުސް" ގައި ކްރިކެޓްކުޅުންތެރިއެއްގެ ރޯލު ކުޅެފައިވާއިރު "ބްރަދާސް" ގައި ރެސްލިންތެޅުން ތެރިއެއްގެ ރޯލުގެ އިތުރުން "ބްލޫ" ގައި ވަނީ ބޮކްސަރެއްގެ ރޯލާއި ޑައިވްކުރާ މީހެއްގެ ރޯލު ކުޅެފަ އެވެ. އަދި "ޗާންދިޗޮކް ޓު ޗައިނާ" ގައި މާޝާލް އާޓްސް އެކްސްޕާޓެއްގެ ރޯލުން ފެނިގެން ގޮސްފަ އެވެ.