- މި އަހަރުގެ ނިޔަލަށް ހުރިހާ ކުދިނަށް ވަޒީފާ ދޭނެ
- އަންނަ އަހަރު އިތުރު މުވައްޒަފުން ނަގަން ވިސްނާ
- އިތުރު މަންޒިލްތަކަށް ދަތުރު ފަށަން ވަނީ ނިންމާފަ
ޗައިނާ މާކެޓު ދަށްވުމުގެ ސަބަބުން މާލީ ހާލަތު ގޯސްވެ، މެގަ މޯލްޑިވްސް އިން ކަނޑާލި މުވައްޒަފުންގެ ބޮޑު ބައެއް އަލުން ވައްދައިފި އެވެ.
މެގަ މޯލްޑިވްސްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ޑިރެކްޓަރު އޮފް ސްޓްރެޓަޖީ އެންޑް ޑިވްލޮޕްމަންޓް މިފްޒާލް އަހުމަދު ވިދާޅުވީ ޗައިނާ މާކެޓު ހީނަރުވެ އެ ކުންފުނީގެ މާލީ ހާލަތު ގޯސްވުމުން ކުންފުނި ރީ-ސްޓްރަކްޗާ ކުރުމުގެ ގޮތުން ކަނޑާލި މުވައްޒަފުންގެ 80 ޕަސެންޓް ކުދިންނަށް އަލުން ވަޒީފާ ދީފައިވާ ކަމަށާއި، މި އަހަރުގެ ނިމެންވާއިރަށް ހުރިހާ ކުދިންނަށް ވަޒީފާ ދެވޭނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފަލާއެކު ދޭ ހަބަރެއް މިއީ. އެވަގުތު އަޅުގަނޑުމެން ރީސްޓްރަކްޗާ ކުރަން ޖެހުނީ ރަނގަޅު ރޫޓުތަކެއް ނުފެއްޓިގެން. ނަމަވެސް މިހާރު ލަންކާ އާއި އިންޑިޔާ މި ރޫޓްތައް ފެށުމުން އޭރު ދޫކޮށްލި ކުދިންގެ 80 ޕަސެންޓް ކުދިނަށް ވަޒީފާ ދީފިން،" މިފްޒާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ މިހާރުގެ މަގުސަދަކީ އަންނަ އަހަރު އިތުރު މުވައްޒަފުން ހޯދުން ކަމަށާއި، ނަމަވެސް އަދަދެއް އަދި ކަނޑަ ނާޅާ ކަމަށެވެ.
"އަންނަ އަހަރުގެ ޕްލޭންސްތައް ފައިނަލް ނުވާތީ ނަގާނެ މުވައްޒަފުންގެ އަދަދެއް ނުނިންމަން،" މިފްޒާލް ވިދާޅުވި އެވެ.
ފަސް އަހަރު ކުރިން ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ފެށި މެގަ މޯލްޑިވްސް އެއާލައިނުން ވަނީ ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން އެ ކުންފުނީގެ ފަސް އަހަރު ތެރޭގައި ފަސް ލައްކަ ޓޫރިސްޓުން ރާއްޖެ ގެނެސްފައިވެ އެވެ.
މެގަ މޯލްޑިވްސްއަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން އާލައިނުން ކުރިން އުވާލާފައިވަނީ 65 މަގާމެކެވެ. އަދި އެ ދުވަސްވަރު އެއާލައިންގެ 50 މަގާމަކަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ހުއްޓާލި އެވެ. މުވައްޒަފުން މަދު ކުރަން ނިންމިއިރު، މެގަ މޯލްޑިވްސްގައި 400 މުވައްޒަފުން ތިއްބެވެ.
މެގަ މޯލްޑިވްސްގެ މާލީ ހާލަތު ރަނގަޅުވެފައި މިވަނީ ސްރީލަންކާ އާއި އިންޑިޔާގެ މުންބާއީ އަދި ދިއްލީއަށް ދަތުރު ފަށަން ނިިންމުމާ ގުޅިގެންނެވެ.