ވިޔަފާރި

މެގަ މޯލްޑިވްސްގެ ހިއްސާ ބަދަލުކޮށް އަލުން އުދުހެން ފަށަނީ

މެގަ މޯލްޑިވްސްގައި ކުރިން އޮތް ހިއްސާގެ އޮނިގަނޑަށް ބަދަލު ގެނެސް އަލުން އުދުހުންތައް ފަށަން ތައްޔާރުވާން ފަށައިިފި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މެގަ މޯލްޑިވްސް އެއާލައިން ރާއްޖެ ގެނައުމުގައި އެންމެ އިސްކޮށް އުޅުއްވި މިފްޒާލް އަހުމަދުގެ ހިއްސާ ވަނީ ދޫކޮށްލާފަ އެވެ. މިގޮތުން މި ބަދަލާއެކު މިހާރު އެ ކުންފުނީގެ މައި ހިއްސާދާރަކީ ކުރިން ފިނޭންސް މިނިސްޓްރީގައި އިސް މަގާމެއް ފުރުއްވި ރިލްވާން ޝަރީފު އެވެ. މީގެ އިތުރުން އަނެއް ހިއްސާދާރަކީ މިހާރު ވެސް މެގަ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި ހުންނެވި ޗީފް އެގްޒެކެޓިވް އޮފިސަރު ޖޯޖު ވައިމަން އެވެ.

މެގަ މޯލްޑިވްސްގެ ސީއީއޯ ޖޯޖު ވަނީ އެއާލައިންގެ ދަތުރުތައް އަލުން ފަށަން އުޅޭކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ މެއި މަހު ދަތުރުތައް ހުއްޓާލި މެގަ މޯލްޑިވްސްގެ ދަތުރުތައް އަލުން ފެށުމަށް ނިންމައި ބައެއް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މެގަ މޯލްޑިވްސްގެ ދަތުރުތައް އަލުން ފެށުމުގެ ގޮތުން ފްލައިޓް ދުއްވާނެ ޕައިލެޓުން ހޯދަން ވެސް އިއުލާނުކޮށްފައިވެ އެވެ. މިގޮތުން ހޯދަން އިއުލާނު ކޮށްފައިވަނީ އެއާބަސް އޭ 320 އާއި އޭ 330 އަދި އޭ 340 ގެ ޓްރެއިނިން ކެޕްޓަނުންނެވެ.

މެގަ މޯލްޑިވްސްގެ ދަތުރުތައް ހުއްޓާލާފައިވަނީ އެ ކުންފުންޏަށް ދިމާވެފައިވާ މާލީ ގެއްލުންތަކުގެ ސަބަބުން ކުންފުނި ރީސްޓްރަކްޗާ ކުރުމަށެވެ. މި ދަތުރުތައް ހުއްޓާލުމާއެކު އެ ކުންފުނިން ގެންގުޅުނުގެ ބޯޓުތައް ވެސް ފޮނުވާލާފައިވެ އެވެ. ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ރޯލެއް އަދާކުރި އެއާލައިން ހުއްޓާލުމާއެކު، ރާއްޖޭގެ ވިޔަފާރިވެރިއަކު އެއާލައިންގެ ހިއްސާ ގަންނަން އުޅޭކަމަށް އަޑުތައް ވެސް ފެތުރުނެވެ. ނަމަވެސް ފަހުން މެގަ މޯލްޑިވްސް އާއި އެ ވިޔަފާރިވެރިޔާ ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ގައި ފެށި މެގާ މޯލްޑިވްސްއިން ރާއްޖޭގައި އަށް އަހަރު ހިދުމަތް ދީފައިވެ އެވެ. އަދި ކުންފުނީގައި ފަސް ފްލައިޓެއް އޮޕަރޭޓް ކުރަމުން ގެންދިޔަ އެވެ. މި އެއާލައިނުން ވަނީ ރާއްޖޭގެ ޓޫރިޒަމަށް ގިނަ ބޮޑެތި އެހީތެރިކަމެއް ދީފަ އެވެ. ހާއްސަކޮށް ޗައިނީސް ޓޫރިސްޓުން އިތުރު ކުރުމުގައި މެގަ މޯލްޑިވްސްގެ ދަތުރު ބޮޑެވެ.