ބޮލީވުޑް

ސަލްމާންގެ "ޓިއުބްލައިޓް" ގައި ޝާހްރުކް ބައިވެރިއެއް ނުވޭ

Nov 4, 2016

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" ގެ ހާއްސަ ފެނިލުމަކުން ސުޕަސްޓާ ޝާހްރުކް ޚާން ފެނިގެން ގޮސްފައިވާއިރު ސުޕަސްޓާ ސަލްމާން ޚާން މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބްލައިޓް" ގައި މެހެމާނެއްގެ ރޯލުން ޝާަހްރުކް ފެނިގެންދާނެ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ކުރިން މިރޯލު ކުޅެން ހަމަޖެހިފައި އޮތީ ކުރީގެ މަޝްހޫރު އެކްޓަރު ޝަތްރުގަން ސިންހަ ނަމަވެސް ފަހުން މިރޯލު ޝާހްރުކަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.

ސަލްމާނާއި ޝާހްރުކާއި ދެމެދު ބަދަހިވަމުން އަންނަ ގާތް އެކުވެރިކަމުގެ ސަބަބުން "ޓިއުބްލައިޓް" ގައި އޭނާ ހާއްސަ ފެނިލުމެއް ފެނިގެންދާނަމަ ވެސް އެއީ މިދެތަރިންގެ ފޭނުނަށް ވަރަށް އުފާވެރި ހަބަރެކެވެ. ނަމަވެސް މިފިލްމުގެ ޑައިރެކްޓަރު ކަބީރް މިވަނ ޝާހްރުކް އޭނާގެ ފިލްމުގައި ފެނިގެންދާނެ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ދޮގުކޮށްފަ އެވެ.

ކަބީރް ވަނީ އޭނާގެ ފިލްމުގައި މެހެމާނެއްގެ ރޯލުން ޝާހްރުކް ފެނިގެންދާނެ ކަމަށް ދެކެވެމުން އަންނަ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެވާހަކައަކީ އަރުވާލައިގެން އުޅޭ އަޑެެއް ކަމަށް ބުނެފަ އެވެ.

މިފިލްމަކީ 1960ން 1962 އަށް އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރުގެ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ސަލްމާންގެ ކޮއްކޮ ސޮހެއިލް ޚާން ވެސް މިފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާއިރު ބަތަލާގެ ރޯލުން ފެނިގެންދަނީ ޗައިނާގެ މަޝްހޫރު ބަތަލާ ޒޫ ޒޫ އެވެ.

ޝާހްރުކް އާއި ސަލްމާނުގެ އެކުވެރިކަން ހީނަރުވެފައި އޮންނަތާ އެތައް އަހަރެއް ފަހުން އަލުން މިދެތަރިންގެ ދެމެދުގައި ގާތް ގުޅުމެއް މިފަހުން އުފެދިފައިވާއިރު ޝާހްރުކާއި ސަލްމާން އެންމެފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ ފަރާ ޚާންގެ "އޯމް ޝާންތީ އޯމް" ގެ "ދީވާންގީ" ލަވައިންނެވެ.

ސަލްމާން އާއި ޝާހްރުކް މިހާތަނަށް އެކުގައި ހަ ފިލްމެއް ކުޅެފައިވާއިރު އެފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ "ކަރަން-އަރްޖުން" އާއި "ހަރްދިލް ޖޯ ޕިޔާރް ކަރޭގާ" އެވެ.