ބޮލީވުޑް

ދިޕިކާ އާއެކު ފިލްމު ކުޅެން ކެޓްރީނާ ދެކޮޅު!

Nov 4, 2016

ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރެއިން ކެޓްރީނާ ކައިފް އާއި ދިޕިކާ ޕަދުކޯން އަކީ އެއްއިރެއްގައި ވެސް އެކުވެރިންނެއް ނޫނެވެ.

ވާދަވެރި ބޮލީވުޑްގައި ގާތް އެކުވެރިން ތިބި ނަމަވެސް މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރުގެ ސަބަބުން މިދެތަރިންނަކީ އެކުވެރިންނަށް ވުރެން ދުޝްމަނުންނެވެ.

ރަންބީރު ދިޕިކާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އޭނާ ދޫކޮށް ކެޓްރީނާއާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ފެށިގެން މިދެތަރިންގެ ވާދަވެރިކަން ބޮޑުވެ، އެކަކު އަނެކަކުގެ ހިތުގައި ދެމީހުންނަށް ވަރުގަދަ ހަސަދަވެރި ކަމެއް އޮވެ އެވެ.

ރަންބީރާއި ކެޓްރީނާ ވެސް މިއަހަރުގެ ކުރީކޮޅު ރުޅިވެފައިވާއިރު މިދެތަރިން ރުޅިވުމުގެ އަސްލެއް ކަމަށް ވަނީ މިދިޔަ އަހަރު ނިކުތް ދިޕިކާ އާއި ރަންބީރުގެ "ތަމާޝާ" ގެ ޕްރޮމޯޝަންގެ ތެރެއިން މިދެތަރިން މާގާތްކޮށް އުޅުމުން އެކަމާ ކެޓްރީނާ ހިތްހަމަނުޖެހިގެން އުފެދު ހިޔާލު ތަފާތުވުން ތަކެއްގެ ތެރެއިން ކަމަށެވެ.

މި ދެބަތަލާއިން ކުރެ އެކަކާވެސް ރަންބީރާ މިހާރު ގުޅުމެއް ނެތް ނަމަވެސް ދެމީހުންގެ ދެމެދުގައި އޮންނަ ހަސަދަވެރިކަމާއި ރުޅިވެރިން ކުޑަވާ ގޮތެއް ނުވެ އެވެ. އެކަކު އަނެކަކަށް ލިބޭ ފިލްމުތައް ވެސް މިދެތަރިން ޖަހައި ގަންނަ ކަމަށްވާއިރު ދެމީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަން އަނެއްކާވެސް ގަދަވެފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ޑައިރެކްޓަރު އަނަންދް އެލް ރާއީ ސުޕަސްޓާ ޝާހްރުކް ޚާން ލީޑްރޯލުގައި ހިމަނައިގެން އުފައްދާ ފިލްމުގެ ބަތަލާ އަކަށް ކެޓްރީނާ ހަމަޖެއްސުމުން އެކަމާ ދިޕިކާ ހިތްހަމަނުޖެހިގެން ވަނީ ފިލްމުގެ ޑައިރެކްޓަރުކުރެން ކެޓްރީނާ އެފިލްމުގެ ބަތަލާގެ ރޯލުން ވަކިކުރަން އެދިފަ އެވެ.

ޝާހްރުކް ޑްވާފެއްގެ ރޯލުން ފެނިގެންދާ މިފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމަކަށްވީއިރު މިފިލްމުގެ ބަތަލާގެ ރޯލު އެންމެ ކުރިން ހުށަހަޅާފައިވަނީ ދިޕިކާ އަށެވެ. ނަމަވެސް ދިޕިކާ އަށް އޭނާ އޭރު ކުޅެމުން ދިޔަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް" ގެ ސަބަބުން ވަގުތު ދެވެން ނެތުމުން ވަނީ ކެޓްރީނާ އަށް ހުށަހަޅާފަ އެވެ. އަދި މިއީ ދިޕިކާ އަށް ހުށަހެޅި ފިލްމެއްކަން އެނގުމުން ކެޓްރީނާ ވަނީ ވަގުތުން މިފިލްމު ކުޅެން އެއްބަސްވެފަ އެެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރާ މިފިލްމާ ހެދި މިދެތަރިންގެ ދެމެދުގައި ފިނި ހަނގުރާމައެއް ފެށިގެން އުޅޭ ކަމުގެ އަޑުތަކެއް އަރާފައިވާއިރު، މިފިލްމުގައި ޝާހްރުކާއި ކެޓްރީނާގެ އިތުރުން އެހެން ބަތަލާއެއް ވެސް ފެނިގެންދާނެ ކަމަށްވާއިރު އެރޯލު ކުޅެން ޑައިރެކްޓަރު އަނަންދް ބޭނުންވަނީ ދިޕިކާ އެވެ.

އެހެންނަމަވެސް މިފިލްމުގެ ބަތަލަކީ ޝާހްރުކަށް ވެފައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ އެކްޓަރަށް މިފިލްމުން އިތުރު ރޯލެއް ދޭން ކެޓްރީނާ ހިތް އެއްވެސް ގޮތަކަށް ނޭދެ އެވެ.

އެގޮތުން އަނަންދް މިފިލްމުގެ ދެވަނަ ބަތަލާގެ ރޯލު ދިޕިކާ އަށް ދޭން ބޭނުންވާކަން ކެޓްރީނާ އަށް އެނގުމުން ވަނީ ދިޕިކާ އަށް މިފިލްމުން ރޯލެއް ދޭނަމަ އޭނާ މިފިލްމު ނުކުޅެ ދޫކޮށްލާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދީފަ އެވެ.

ޝާހްރުކާ އެކު 2012 ވަނަ އަހަރު ނިކުތް "ޖަބްތަކް ހޭ ޖާން" އިން ކެޓްރީނާ ފެނިގެން ގޮސްފައިވާއިރު ދިޕިކާ މިހާތަނަށް ވަނީ ޝާހްރުކާ އެކު ތިން ފިލްމެއް ކުޅެފަ އެވެ.