ފިނިޕޭޖް

އަނެއްކާވެސް އޮލިމްޕަހަށް ތަފާތު ރަހައެއް

އޮލިމްޕަސް މިއޮތީ ބިރުވެރިކަމުން ފުރިފަ އެވެ. އޮކްޓޫބަރު 18 ވަނަ ދުވަހު މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ 4426 އެޅުވީއްސުރެން އޮލިމްޕަސް އޮތީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. އެތައް ޒަމާނަކަށްފަހު އެވެ. ލޯބީގެ ތަފާތު ފިލްމުތަކަށްފަހު ބިރު ފިލްމެއް އައުމުން ގިނަ ބަޔަކަށް ކަމުދިޔަ ނަމަވެސް އަނެއްކާވެސް ރަހަ ބަދަލުކޮށްލަން ބޭނުންވާ މީހުން އެބަތިއްބެވެ. ތަފާތު ވައްތަރުތަކުގެ ފިލްމުތައް އަންނަން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި މިއަދުގެ މުޖުތަމައުގަިއ ހުރި މައްސަލަތަކާއި ގުޅުންހުރި ފިލްމެއް ބަލައިލަން ބޭނުންވެފަ އެވެ. ލޯބީގެ ޑްރާމާތައް ހެދުމުގައި އަވަދި ނެތި އުޅުނު ޔާރާ ޕްރޮޑަކްޝަނުން ވެސް މިވަނީ ތަފާތު ދިމާލަކަށް މިސްރާބު ޖަހާފަ އެވެ. "ވިޝްކާ"ގެ ނަމުގައި ޔާރާ ޕްރޮޑަކްޝަނުން މިފަހަރު ގެނެސްދެނީ ތްރިލްޑް ފިލްމެކެވެ.

ސައިން ޝައިން ޕްރޮޑަކްޝަން އަދި ކިޑްސް ޕްރޮޑަކްޝަން، މިހާރު ދިވެހި މުޖުތަމައުން ފެންނަން މިހުރި މައްސަލަތަކާއި މުޖުތަމައުން ފެންނަން ހުރި ކަންތައްތަކާއި ގުޅުންހުރި ފިލްމެއް ކަމަށްވާ "ވީ ބޭވަފާ" ހިފައިގެން ސިނަމާއަށްދާން ތައްޔާރުވެއްޖެ އެވެ. މަޝްހޫރު ކެމެރާމަން އަދި އެކްޓަރު އިބްރާހިމް ވިޝާން (ކަނޑި) ޑައިރެކްޓްކުރާ މި ފިލްމުން ފެނިގެންދާނީ މިހާރުވެސް ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ މަތީގައި ފިޔަޖަހަމުންދާ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތުމަތު ފަރީލާ، ނިއުމާ މުހައްމަދު، ޒީނަތު އައްބާސް، އަބުދުﷲ މުއާޒް އަދި ފިލްމު ނަގާފައިވާ ރ. އުނގޫފާރާއި އެރަށާ ކައިރި ބައެއް ރަށްތަކުގެ ކުދިންނެވެ.

"މި ފިލްމުގައި ބޮޑަށް އުޅޭނީ ފިލްމީ ދާއިރާގައި ފުންނާބު އުސް ތަރިން. ވަރަށް ދުވަސްކޮށްފައި އަޅުގަނޑު ފިލްމެއްގެ މަސައްކަތް މި ކުރަނީ. އެހެންވީމަ ބޭނުންވަނީ ރަނގަޅު އެއްޗެއް ގެންނަން. އެކަމަކު ދެން ހަދާ ފިލްމެއް ހަދާނީ އާ ކުދިންނަށް ވަރަށް ބޮޑަށް ފުރުސަތު ދީގެން. ލަވަތައްވެސް" ފިލްމުގެ ޑައިރެކްޓަރު ކަނޑި ބުންޏެވެ.

މި ފިލްމު އެއްކޮށް ނަގާފައިވަނީ ރ. އުނގޫފާރުގަ އެވެ. މި ފިލްމުގައި ލިޕް ސިންގު ކުރާ ހަތަރު ލަވަ ހިމެނޭއިރު މި ލަވަތައް ކިޔާދީފައިވަނީ ރާފިޔަތު ރަމީޒާ، އިބްރާހިމް އަލީ (ކުޑަ އިއްބެ)، މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) މަރިޔަމް އަޝްފާ އެވެ. ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ މަހުދީ އަދި ޒަރީރު އެވެ.

މިހާރު ފިލްމުގެ މަސައްކަތް ގާތްގަނޑަަކަށް ނިންމާލާފައިވާއިރު ފިލްމު އޮތީ ބެލުންތެރިންނަށް ދޫކޮށްލަން ހަމަ ތައްޔާރުގަ އެވެ. މި މަހުގެ 30 ވަނަ ދުވަހު ފިލްމު އޮލިމްޕަހުގައި އަޅުވާނެ އެވެ. ގައިމުވެސް މިއީ ތަފާތު ފިލްމަކަށް ވާނެ އެވެ. ފިލްމުގެ ޕްރޮމޯޝަނަލް މަސައްކަތް މިހާރުވަނީ ފަށާފަ އެވެ. ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓްތައް ވިކި ހުސްވެފައިވާއިރު ޕްރިމިއާ ނައިޓުގައި ހާއްސަ ކަންތައްތަކެއް ކުރިއަށްދާނެ ކަމަށް ކަނޑި ބުންޏެވެ.

މި ފިލްމުގެ 10 ޝޯ ދައްކަން ހަމަޖެހިފައިވީ ނަމަވެސް ބެލުންތެރިންގެ ތަރުހީބު ލިބޭނަމަ އަތޮޅު ތެރޭގައިވެސް އަޅުވަން ވަނީ ނިންމާފަ އެވެ.