އަވަސް ވީކެންޑް

ނަސީމްބެގެ ސާދާ ދިރިއުޅުމާއި ތިނަދޫގެ ލޯބި

Nov 4, 2016
2

ވ. ތިނަދޫގައި ދިރި އުޅެނީ އެ ރަށުގެ 40 އަކަށް މީހުންނެވެ. ރަށުގެ އާބާދީގައި 200 އެއްހާ މީހުން ތިބި ނަމަވެސް، ހުރިހާ މީހުން ވަނީ ރަށް ދޫކޮށް ހިޖުރަކޮށްފަ އެވެ. ނަމަވެސް ރަށުގައި ތިބި މަދު މީހުންގެ ތެރެއިން އެކަކީ، އަހުމަދު ނަސީމު، އާއްމު ނަމުންނަމަ ނަސީމްބެ، އެވެ. ރަށްދެކެ ލޯބިވާ، ރަށަށް އަރާ ބީރައްޓެހިންނާއި ރަށުގެ މީހުންގެ އެކުވެރި ނަސީމްބެއަކީ ތިނަދޫ ކައުންސިލްގެ ނައިބް ރައީސެވެ. އޭނާ ހަމައެކަނި ހާއްސަވަނީ ނައިބު ރައީސުގެ ގޮތުގައި އެކަންޏެއް ވެސް ނޫނެވެ. ނަސީމްބެއަކީ ކުރިން ވަރަށް ގަދަޔަށް ބޯޓު ދަތުރުކުރި މޮޅު އިންޖިނޭރެކެވެ.

"އުމުރުން 16 އަހަރުން ފެށިގެން 26 އަހަރު ވަންދަން ބޯޓު ދަތުުރު ކުރިން. މި ފުރުސަތު ލިބުނީ ޖަޕާނުގެ ކުންފުންޏަކުން ލިބުނު ފުރުސަތު ތަކެއް. ސަންޔޯ އާއި ޔަންމާ ކުންފުނީގެ ކޯސްތަކުގެ ކޯސްތައް ފުރިހަމަ ކޮށްގެން ކޯސްތައް ހެދީ. އެހެންވެ ކުންފުނީގެ ބޯޓު ފަހަރުގައި ދަތުރު ކުރަން އުޅުނީ،" ބޯޓު ދަތުރު ކުރުން ފެށުނު ގޮތް ތިނަދޫގައި ހުންނަވާ "އަވަސް" އަށް ކިޔައި ދެއްވި އެވެ.

ނަސީބެ އަށް ބަލައިލާ މީހަކަށް ވެސް އޭނަ ސިފަވާނީ ދިވެއްސަކަށް ވުރެ ބޭރުގެ އެހެން ކަރައެއްގެ މީހެއްގެ ގޮތުގ އެވެ. ދުވާލު ވެއްޖެނަމަ އަބަދު އުޅެނީ "ކައު ބޯއީ" ތޮފި އަޅައިގެންނެވެ. ރޭގަނޑު ވެއްޖެނަމަ ހުންނާނީ ފަޓުލޫނާއި ޓީޝާޓުގަ އެވެ. ޓައީ އަޅައިގެން ފެނުނު ނަމަވެސް ބޮލުގައި ކައު ބޯއީ ތޮފި އޮންނާނެ އެވެ. ނަސީމްބެގެ މި ތޮފީގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ނަސީމްބެގެ ތޮފީގެ ސްޓައިލް ކޮޕީ ކުރީ ވިއެޓްނާމުންނެވެ. އެ ގައުމުގެ މީހުންނަކީ ބޮޑު ތޮތްޕެއް އަޅައިގެން އުޅޭ ބައެކެވެ. ހާއްސަކޮށް އެ ގައުމުގެ އަންހެންވެރިން މިހާރު ވެސް ބޮޑު ތޮތްޕެއް އަޅާނެ އެވެ. ނަސީބެގެ ހިތް ތޮފި ސްޓައިލަށް ލެނބުނީ މިހެންވެ އެވެ. އެ މީހުންގެ ސްޓައިލަށް އޭނާގެ ހިތް ދަމައިގަތީ އެވެ.

ނަސީމްބެ ބޯޓު ދަތުރުކުރި ޒަމާނުގައި ހެދި ކޯސްތަކުގެ ސަބަބުން "ޗީފް އިންޖިނިއަރެއް" ގެ ވަޒީފާ އަދާ ކުރި އެވެ. ނަސީމްބެ ބުނާ ގޮތުގައި މި ވަޒީފާގެ މުސާރައަކީ 3،000 ޑޮލަރެވެ. ދެން އޮތް ސުވާލަކީ ނަސީމްބެގެ އެންމެ ޒުވާން ދުވަސްވަރު ބޯޓު ދަތުުރު ކުރަން އުޅުނުއިރު، ބޭރުގެ ދޮންރީތި އަންހެން ކުދިންނާއެކު ލޯބީގެ ގުޅުން ތަކެއް ނުބާއްވާ ބާ އެވެ؟

"އަޅުގަނޑު ޅަފުރާގައި ދަތުރުކުރީ. އެކަމަކު އަޅުގަނޑު އެގޮތަށް އަންހެން ކުދިންގެ ކަންތަކުގައެއް ނޫޅެން. އެހެންވެ މިއަދު މިގޮތަށް މި އުޅެވެނީ ވެސް. އޭރު ވެސް ދީނީ ކަންތައްތަކަށް ސަމާލުކަން ދެން. އެންމެ ބޮޑު އިސްކަމެއް ދިނީ ލިބޭ ފައިސާ ކޮޅު ސޭވް ކުރަން،" ގާތްގަނޑަކަށް 24 އަހަރު ވަންދަން ބޯޓު ދަތުރުކުރި ނަސީމްބެ ވިދާޅުވި އެވެ.

"ދަތުރު ކުރަން ދިޔައިރު ސުރެ ފެށިގެން ވެސް މުސާރައެއް ނުނަގަން. ވިޔަފާރީ ކޮށްގެން ލިބޭ އެއްޗަކުން އެއްޗެއް ގަންނަނީ. ބޯޓުގައި އުޅޭ މީހުން ބުނާނެ ނަސީމުވާ ހާދަ ކެތް ގަދައޭ! އެއީ އަންހެން ކުދިންގެ ކަންތައް ނުކުރާތީ."

މިއާއެކު، ނަސީމްބެ ވިދާޅުވީ މިހެންނެވެ. ބޯޓު ފަތުރުކޮށްފައި 100 ޕަސެންޓް ރަނގަޅު މީހަކު ނާންނާނެ އެވެ.

ނަސީމްބެ، ބޯޓު ފަތުރުކޮށްގެން ރާއްޖެ ވަޑައިގެން، ވަނީ މާލީ ގޮތުން އުސްމިންތަކެއް ހާސިލްކޮށްފަ އެވެ. ތިނަދޫގައި ވިއްކާ ހުރިހާ މުދަލާއި ތެޔޮ ވެސް ގެންނަނީ ނަސީމްބެ އެވެ. އަދި މާލޭގައި ހަތް ބުރި އަށް ގެއެއް ހެދުމަށް ފަހު ވަނީ ކުއްޔަށް ދީފަ އެވެ.

ނަސީމްބެ ބޯޓު ދަތުރުކުރި ދުވަސްވަރު ތަފާތު އެކި ނުރައްކާތައް ވެސް ތަޖުރިބާ ކޮށްފައިވެ އެވެ. މިގޮތުން ކުރިމަތިލި އެއް ނުރައްކަލަކީ އީރާން- އިރާގު ހަނގުރާމަ އަށް ހަތިޔާރު އުފުލަން ޖެހުމެވެ. ކެނެޑާ އިން ގަނެގެން ގެންނަ ބަރު ހަތިޔާރު ގަލްފް ހުރަސްކޮށް އީރާނަށް ގެންދިއުން މިއީ އެންމެ ނުރައްކާތެރި ތަޖުރިބާގެ ގޮތުގައި ނަސީމްބެ ފާހަގަ ކުރައްވަ އެވެ.

"އެއް ފަހަރަކު އެމެރިކާ މަނަވަރެއް ވެސް އަޅުގަނޑުމެން ދަތުރު ކުރި ބޯޓާ އެއްވަރަށް ދަތުރުކުރި. ކެޕްޓަންވެސް ހުންނާނީ ބިރުން. އެހެންވެ އަޅުގަނޑުމެން އެދުނީ ބޯޓުގައި މިއީ ވާވަރުގެ ކަމެއް ނޫނޭ. އެހެންވެ އެ ބޯޓު ފަހަރުން ފޭބީ،" ނަސީމްބެ ވިދާޅުވި އެވެ.

ނަސީމްބެ ބޯޓު ދަތުރުކުރި ޒަމާނުގައި ގިނަ އަދަދެއްގެ ދިވެހިން ދަތުރު ކުރެ އެވެ. އެހެންވެ މީގެ ބޯޓުތަކުގައި ގިނަ އަދަދެއްގެ ދިވެހިން އުޅެ އެވެ. ބޯޓު ފަހަރުގައި ތަފާތު ކުޅިވަރުތައް ކުޅެ ހަދަ އެވެ.

"މިގެ ރަށަކަށްވުރެ އޭރު ބޯޓު ފަހަރުގައި މާ މަޖާވާނެ. ރާޒުވާ އާއި ވޮލީ، ބޭސް ބޯޅަ ފަދަ ކުޅިވަރުތައް ވެސް ކުޅުން އޮންނާނެ،" ނަސީމްބެ ވިދާޅުވި އެވެ.

ކުރިން ބޯޓު ދަތުރުކުރި ނަސީމްބެގެ ދެކޭ ހުވަފެއް އޮވެ އެވެ. އެއީ ތިނަދޫގެ އާބާދީ ރަށަށް އައިސް ރަށް އާރާސްތު ކުރުމެވެ. ނަސީމްބެ ހުރީ ރަށް ދޫކޮށްދާ ގޮތަކަށް ނޫނެވެ. ސަބަބަކީ އަމިއްލަ ރަށުގައި އުޅޭ ސާދާ ދިރިއުޅުން އުޅެން ދަތިވާނެތީ އެވެ. އޭނާގެ އުންމީދަކީ ރަށަށް އަލުން ދިރުން ލިބުމެވެ.