ބޮލީވުޑް

"ޕަދްމާވަތީ" ގެ މަންޒަރުތައް ލީކުވެދާނެތީ ސެކިއުރިޓީ ވަރުގަދަ

Nov 5, 2016

މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް މިމަހުގެ އެއްވަނަ ދުވަހު ޝޫޓިން ފެށި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ގައި އެމީހުން ހުންނަ ގޮތް ފެނިދާނެތީ ފިލްމުގެ ޝޫޓިން ކުރިއަށްދާ ފިލްމު ސިޓީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.

ތާރީހީ ފިލްމުތައް އުފައްދަން ދެވަނައެއް ނެތް ބަންސާލީ އަބަދުވެސް އޭނާގެ ފިލްމުތަކުގެ ޝޫޓިން ކުރިއަށްދާއިރު ފިލްމުގެ އެއްވެސް މަންޒަރެއް ލީކުވެދާނެތީ ސެކިއުރިޓީ ވަރަށް ވަރުގަދަކުރެ އެވެ. އެހެން ފިލްމުތަކާ ހިލާފަށް "ޕަދްމާވަތީ" ގެ ސެކިއުރިޓީ މާބޮޑަށް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

މިފަހަކުން އުފައްދަމުން އަންނަ ގިނަ ފިލްމުތަކުގެ ޝޫޓިންގެ ތެރެއިން ފޮޓޯތައް ލީކުވަމުން އަންނާތީ ބަންސާލީ ވަނީ "ޕަދްމާވަތީ" ގެ ޝޫޓިން ތެރެއިން އެންމެ ފޮޓޯއެއް ވެސް ލީކުނުވާނެ ގޮތަށް ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.

އެގޮތުން މިފިލްމުގެ ޝޫޓިން މިމަހުގެ އެއްވަނަ ދުވަހު ފެށިފައިވާއިރު ބަންސާލީ އާއި ފިލްމުގެ ޓީމުން ވަނީ ފިލްމުގެ ލީޑް ތިންތަރިން ކަމަށްވާ ރަންވީރު ސިންގާއި ދިޕިކާ ޕަދުކޯން އަދި ޝާހިދު ކަޕޫރު މިފިލްމުގައި ފެނިގެންދާނެ ގޮތް ލީކުވެދާނެތީ ފިލްމުގެ ސެޓަށް ފޯނު ވެއްދުން މަނާކުރުމުގެ އިތުރުން ލީޑްތަރިންގެ ވެނިޓީ ވޭނުން ފިލްމުގެ ސެޓާ ދޭތެރޭގައި އެމީހުން ހިނގަންޖެހޭ ތަނުގައި ވެސް ޓެންޓުޖަހައި ބަންދުކޮށްފަ އެވެ.

މީގެއިތުރުން ވެސް މިފިލްމުގެ ސެޓުގައި ގިނަ އަދަދެއްގެ ސެކިއުރިޓީ ގާޑުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށްވާއިރު ރަންވީރާއި ދިޕިކާ އަދި ޝާހިދާ އެކު ގިނަ އަދަދެއްގެ ސެކިއުރިޓީއިން ޝޫޓިންގެ ތެރެއިން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެ އެވެ.

އަބަދުވެސް ފިލްމުގެ ޝޫޓިން ތެރެއިން ތަރިން އެފިލްމެއްގައި ފެނިގެންދާނެ ގޮތް ލީކުވެދާނެ ކަމަށް ބަންސާލީ ހުޝިޔާރުވެ ސެކިއުރިޓީ ވަރުގަދަކުރާއިރު އޭނާގެ ފިލްމުތަކުގެ ޝޫޓިން އަށް ލީޑްތަރިންގެ އާއިލާ މީހުންނާއި ގާތް މީހުން ޒިޔާރަތްކުރުން ވެސް އޮންނަނީ މަނާކޮށްފަ އެވެ.

އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމަކީ އަންނަ އަހަރު ރިލީޒްކުރާނެ ބޮޑެތި ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.

ބަންސާލީ ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އެންމެފަހުން އުފެއްދި "ބާޖީރާއޯ މަސްތާނީ" އަށް ވެސް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފަ އެވެ. ބަންސާލީ އާއި އޭނާގެ ޓީމުން އަންނަނީ މިފިލްމާއެކު މުޅިން އާ ތާރީހީ ކާމީޔާބީއެއްގެ

ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމަކީ ރާނީ ޕަދްމިނީ (ޗިތޯރްގެ ކިންގް ރަތަންސޭން ގެ އަނބިކަނބަލުން) ގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. މިފިލްމުގައި ދިޕިކާ ރާނީ ޕަދްމިނީގެ ރޯލުކުޅޭއިރު، އޭނާގެ ފިރިމީހާގެ ރޯލު ކުޅެނީ ޝާހިދެވެ. އަދި ރާނީ ޕަދްމިނީއާ ހެދި މޮޔަވެފައި ހުންނަ އަލާއުއްދީން ކިލްޖީގެ ރޯލުން ފެނިގެންދާނީ ރަންވީރެވެ.