ހަބަރު

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ފިނި މައިޒާންތައް ހަދަނީ

އުމުރުން ދުވަސްވީ މީހުންނާއި އާޏްމުންނަށް ހިތްފަސޭހަކޮށްލަން ތިބެވޭ ގޮތަށް ހުޅުމާލޭގެ އެކި ހިސާބުތަކުގައި އިތުރު ފިނި މައިޒާންތަކާއި ޕާކުތައް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ފަށައިގަންނާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެޗްޑީސީން އިންތިޒާމްކޮށްގެން "އިސް ރަށްވެހިން-ތަޖުރިބާގެ ސިކުނޑިތަކެއް" ނަމުގައި މިއަދު ބޭއްވި ހަވީރުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޗެއާމަން ފުއާދު ގާސިމް ވިދާޅުވީ، ދުވަސްވީ މީހުންނަކީ މުޖުތަމައުގެ މުހިއްމު ބަޔަކަށް ވާއިރު އެމީހުންގެ ހިތްހަމަ ޖެހުމާއި ދުޅަހެޔޮކަމަށް މިހާރަށްވުރެ ގިނަ އަދި މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިއަދުގެ ހަވީރަކީ އެ މަގްސަދުގައި ބޭއްވި ހަވީރެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ހަރަކާތްތައް ބާއްވާނެ ކަމަށެވެ.

މާޅެއެކޭ ވެސް އެއްގޮތަށް ހުޅުމާލޭގެ ވެސް އެކި ހިސާބުތަކުގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ފިނި މައިޒާންތައްކެއް ހެދުމުގެ ޕްލޭނެއް އެބައޮތް ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މަސައްކަތް ވަރަށް އަވަހަށް ފަށައިގަންނާނެ ކަމަށެވެ.

މާލެ ސަރަހައްދުގެ އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަކޮށްގެން ހިލޭ މެޑިކަލް ޗެކަޕް ހެއްދުމާއި ސިއްހީ އެކި ހިދުމަތް ލިބޭ ގޮތަށް މިއަދު ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

އޮލީމްޕިއަންސް ގެ ހިތްގައިމު މިއުޒިކާއެކު މިއަދު ހުޅުމާލޭގައި ބޭއްވި އެ ހަވީރަށް ހުޅުމާލެ ހޮސްޕިޓަލާއި އާސަންދަ، ޕެންޝަން ފަންޑް އަދި އެނޫންވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން ވަނީ ސްޕޮންސާ ކޮށްފަ އެވެ. އެ ހަވީރަށް އުމުރުން ދުވަސްވީ ގިނަ ބަޔަކު ޒިޔާރަތްކޮށް އުފާކޮށްފައިވެ އެވެ.