ބޮލީވުޑް

ވަގުތު ނުވެގެން އައިޝްވާރިޔާގެ "އޭ ދިލްހޭ މުޝްކިލް" އަބީޝެކް ނުބަލާ

Nov 5, 2016

މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ފަސް އަހަރު ދުވަހު ފިލްމު ކުޅުމާ ދުރުގައި ހުރުމަށްފަހު އަލުން ފިލްމު ކުޅެން ފަށާފައިވަނީ މިދިޔަ އަހަރު އެވެ.

އަލުން ފިލްމުކުޅެން ފެށިފަހުން އައިޝްވާރިޔާގެ ދެފިލްމެއް ރިލީޒްވެފައިވީ ނަމަވެސް އެދެފިލްމަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއްނުވެ އެވެ. އެހެންނަމަވެސް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" އަށް އަންނަނީ ބޮޑު ތަރުހީބަކާއި ކާމިޔާބީއެއް ލިބެމުންނެވެ.

އެނބުރި ފިލްމީ ދާއީރާއަށް އައިޝްވާރިޔާ އައުމަށް ބޭނުންވި ކާމިޔާބު ލިބުނު ފިލްމަކީ މިދިޔަ ހަފްތާގައި ރިލީޒްވި "އޭ ދިލްހޭ މުޝްކިލް" އެވެ. ބެލުންތެރިންނާއި ކްރިޓިކްސް އަދި ބޮލީވުޑްގެ ފަރާތްތަކުން ލޯބީގެ މިފިލްމަށް ތައުރީފު ބަންޑުންކުރަމުން އަންނައިރު މިފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވާ އައިޝްވާރިޔާގެ ފިރިމީހާ އަދި އެކްޓަރު އަބީޝެކް ބައްޗަން މިފިލްމު އަދި ނުބަލަ އެވެ.

ބައްޗަން އާއިލާއިން އައިޝްވާރިޔާ މިފިލްމުގައި ކުޅެފައިވާ ގައިގޯޅި މަންޒަރުތަކާ ގުޅިގެން ހިތްހަމަނުޖެހިގެން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަ ދަނޑިވަޅުގައި އަބީޝެކް ވަނީ އޭނާގެ އަންހެނުންގެ މިކާމިޔާބު ފިލްމު އަދި ބެލިފައިނުވަނީ އޭނާ އަށް ވަގުތު ނުވެގެން ކަމަށް ބުނެފަ އެވެ.

އަބީޝެކްގެ ދައްތަ ޝްވެތާ ބައްޗަން، އަބޫ ޖާނީ އަދި ސަންދީޕް ކޯސްލާގެ ޑިޒައިންތައް ދައްކާލުމަށް ބޭއްވި ފެޝަން ޝޯގެ ޝޯ ސްޓޮޕާގެ ގޮތުގައި ހިނގާލާތީ އޭނާ އަށް ހިތްވަރުދޭން ބައްޕަ އަމީތާބް ބައްޗަން އާއި މަންމަ ޖާޔާ އާއެކު ބައިވެރިވުމަށްފަހު ނޫސްވެރިން އަބީޝެކް ކުރެން އަައިޝްވާރިޔާގެ ފިލްމު ކަމުދިޔަތޯ އެހުމުން ވަނީ އައިޝްވާރިޔާ ދެކެ އަބަދުވެސް އޭނާ ފަހުރުވެރިވާ ކަމަށާއި ނަމަވެސް އެފިލްމު އޭނާ ނުބަލާ ކަމަށް ބުނެފަ އެވެ.

"އަހަރެންގެ ޓީމާ އެކު ދަތުރުތައް ކުރުމުގައި ވަރަށް ބުރަކޮށް މިއުޅެނީ. ފިލްމުގެ ބައެއް މަންޒަރުތައް ފެނިފައި ވަނީ. އައިޝްވާރިޔާ ވެސް ވަނީ ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަގޮތް ކިޔާދީފައި" އަބީޝެކް ބުނެފައިވެ އެވެ.

މިފިލްމުގައި އައިޝްވާރިޔާ އާއި ޒުވާން އެކްޓަރު ރަންބީރު ކަޕޫރުގެ ގައިގޯޅި މަންޒަރުތަކެއް ހިމެނޭތީ އެކަމާ ހިތްހަމަނުޖެހިގެން ބައްޗަން އާއިލާއިން މިފިލްމު ބޮއިކޮޓްކުރި ކަމުގެ އަޑުތަކެއް އަރާފައިވާއިރު، ފިލްމު ބޮލީވުޑްގެ ފަރާތްތަކަށް ދައްކާލުމަށް ބޭއްވި ހާއްސަ ސްކްރީނިން އަށް ބައްޗަން އާއިލާއަށް ދެެފަހަރު މަތިން ކަަރަން ދައުވަތި ދިން ނަމަވެސް މިފިލްމު ބަލަން ގޮސްފައެއް ނުވެ އެވެ.

ބައްޗަން އާއިލާއިން އައިޝްވާރިޔާ އާއި ކަރަން ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބި ކަމަށްވާއިރު އަބީޝެކް ޝްވެތާގެ ޝޯއަށް ދިއުމަށް ލައިގެން ހުރި ހެދުމަކީ ވެސް އައިޝްވާރިޔާ އާއި ހަތަރު އަހަރުގެ ދަރިފުޅުގެ ހޮވުމެކެވެ.

ކަރަން ދެކެ ބައްޗަން އާއިލާއިން ރުޅިއައިސްގެން އުޅެނީ އައިޝްވާރިޔާ އަށް ވުރެން ނުވަ އަހަރު ހަނގު ރަންބީރާ އޭނާގެ ގައިގޯޅި މަންޒަރުތައް ކުޅުމުގެ އިތުރުން އެންމެފަހުން ނިކޔތް ފިލްމްފެއާ މެގަޒިން އަށް ވެސް މިދެތަރިންގެ ގައިގޯޅި ފޮޓޯތަކެއް ކަރަން މެދުވެރިވެގެން ނެގުންވީ މިއާއިލާއިން ނުރުހުންވި ކަމަކަށެވެ.